Advertisement

"ހިތްވަރާއި ކެތްތެރިކަން"، ކޮކާންގެ ކާމިޔާބު ދިވެހި ހަޔާތް!

4 އޭޕްރީލް 2022 - 09:38 8

ނާޒިމް ހަސަން

ނާޒިމް ހަސަން


"ހިތްވަރާއި ކެތްތެރިކަން"، ކޮކާންގެ ކާމިޔާބު ދިވެހި ހަޔާތް!

4 އޭޕްރީލް 2022 - 09:38 8

ގދ. ގައްދޫ "ހާޓް" ގޭގެ އެއްފަޅީގައި އަޅާފައިވާ "ހާޓް ޕްލަސް" ފިހާރައަށް ގޮސް ވަދެލި އިރު އެތަނުގެ ސޭޓަކަށް އިނީ ދެބައި އުމުރުގެ ފިރިހެނެކެވެ. އެއީ އެ ފިހާރައިގެ ވެރިޔާ އެވެ. ހާޓު ގޭ ފާތުމަތު ޒާހިރާގެ ފިރިމީހާ މުހައްމަދު ކޮކާނެވެ. ދިވެއްސެއް ނޫނެވެ. ދެހާސް ވަނަ އަހަރާ އެކު ފެށުނު އާގަރުނުގެ އުފާ މުޅި ދުނިޔެ ފާހަގަކުރަމުން ދަނިކޮށް ބަނގްލަދޭޝްގެ ފަގީރު އާއިލާއަކުން ފުދުންތެރި ދިރިއުޅުމެއްގެ އުންމީދުގައި ރާއްޖެއަށް ދަތުރު ކުރި މުސާފިރެކެވެ.

މިއީ ކޮކާންގެ ވާހަކަ އެވެ. ލޯނެއްގެ އަޅަކަށްވެ، ދަރަނިވެރިވެފައި ހުއްޓައި ވަޒީފާއެއްގެ އެދުމުގައި އުފަން ފަސްގަނޑު ދޫކޮށް، ރާއްޖެއަށް ކުރި ދަތުރު، ކޮކާންގެ ހަޔާތަށް "ރަންގު" ކުލަ ގެނައި އެންމެ އުފާވެރި ދަތުރަށްވެ، ހުވަދު އަތޮޅުގެ އާބާދީ ބޮޑު ރަށެއްގެ ރައްޔިތުން އެންމެން ލޯބިވާ އެކުވެރިއަކަށް އޭނާ ބަދަލުކޮށްލި ގޮތުގެ ވާހަކަ އެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ މިހާރު, ކުރީގަ ދަތި ހާލުގައި އުޅުނު އިހުސާސްތައް ފިލައިފި. މިހާރު ބޭނުން ވަނީ ފައިސާ ހޯދަން އަދި އެ ފައިސާ އާއިލާއަށް ދޭން, އަހަރެން ކުރާނީ މަސައްކަތް, ހުރިހާ އެއްޗެއް އަނބިމީހާއަށް," ކޮކާން, އޭނާގެ ވާހަކަ ފެށީ މި ހިސާބުންނެވެ.

ރާއްޖެއަށް ފުރަތަމަ އައި އިރު އޭރު އޭނާގެ ކިބައިގައި ހާއްސަ އެއްވެސް ކަމެއް ނެތެވެ. ކުރާނެ މާގިނަ މަސައްކަތެއް، މަސައްކަތް ކުރާނެ ގޮތެއް، ހުނަރެއް ވެސް ނެތެވެ. އެކަމަކު, މިއީ 21 އަހަރު ފަހެވެ. އޭނާ މި ވަގަތު އެ އިނީ އަމިއްލަ މަސައްކަތުން ހުޅުވި ފިހާރައިގެ ސޭޓް މޭޒު ދޮށުގަ އެވެ.

ކޮކާން ރާއްޖެ އައީ ހެދިކާ, ސައި ވިއްކާ ހޮޓަލެއްގައި މަސައްކަތް ކުރުމަށެވެ. އެކަމަކު, އޭނާ ރާއްޖެ އައުމުން އެނގުނީ އެ ބުނާ ހޮޓަލުގައި އަދި މަސައްކަތް ނެތް ކަމެވެ. އެހެންވެ, ވަޒީފާއެއް ނެތި, މަސައްކަތެއް ނެތި އެއް މަސްވަންދެން ހުރީ މާލޭގަ އެވެ. ހިތުގައި މާޔޫސްކަން އުފެދި, އެކި ފިކުރުތަކުގައި ވެސް ކޮކާންއަށް އެނގެން އޮތް ކަމަކީ އަނބުރާ ގައުމަށް ދެވެން ނެތް ކަމެވެ.

"އެނބުރި ގޮއްސިއްޔާ ވަރަށް ދެރަ ވަނީ, އެހެންވީމަ މަރުވިޔަސް ތިބެން ޖެހެނީ މިތާ. ފުރަތަމަ ގަރުދިޔަ ބަތާ ވެސް ވަރަށް އުނދަގޫ ވަނީ ކާން ވެސް, ބައްޕައަށް ގުޅާފައި ބުނީ މިތާ ކާއެއްޗެހި ކަމުނުދެއޭ, ބައްޕަ ބުނީ މައްސަލަ ނެތީއޭ. ބައްޕަ ބުނީ މަޑުމަޑުން ރަނގަޅުވާނެ ކަމަށް," ކޮކާން ބުންޏެވެ.

މެލޭޝިއާގައި ޒުވާން ދުވަސްވަރު މަސައްކަތްކުރަން އުޅުނު ބައްޕަގެ އެ ނަސޭހަތާއެކު ކޮކާން އާ ހިތްވަރާ އެކު ކުރިއަށް ހިނގައިގަތީ އެވެ. ގައްދޫއަށް އޭނާ ގެންގޮސް, ސިމެންތީގެ މަސައްކަތްތައް ކުރާ ސައިޓަކުން ވަޒީފާ ދިނެވެ. އޭރު އެ މަސައްކަތެއް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު, އޭނާގެ އަޒުމަކަށްވީ މަސައްކަތް ދަސްކުރުމެވެ. އެގޮތުގައި އޭނާ ކުރިއަށް ދިޔައީ މާހައުލަށް ހޭނެން ދިމާވި އުނދަގޫތަކާ ވެސް އެކު އެވެ.

"...މައްސަލަ ނެތީ އަހަރެން ބަލަނީ, ދެން ކީއްކުރާނީ ދޯ. ކޮންމެ ރެއަކު ވެސް ކާއެއްޗެހި އުކާލަނީ ދެން ގޮސް ނަގަނީ ދެ ރުފިޔާއަށް ބިސްކޯދު އުރައަކާއި ކޯކް ފުޅިއެއް, ރޭގަނޑު ދެން އެއްޗެހި ކާނީ, ވަރަށް އުނދަގޫ ވަނީ, އެކަމަކު ކީއް ކުރަނީ ދޯ, ފެމެލީ މީހުން ބަލާން ޖެހެނީ،" އާއިލާގެ އެންމެ ދޮށީ ދަރި, ކޮކާން ބުންޏެވެ.

"ބޮސް ބުނަނީ ކޮން އެއްޗެއްތޯ ބޭނުން ވަނީ އަހަރެން ބުނީ ތަރުކާރީ ކަމަށް, ބުނަނީ ނެތޭ ކަނޑު މަހޭ ހުންނަނީ."

ސައިޓްގައި މަސައްކަތްކުރި އިންޑިއާ މީހެއްގެ އެހީގައި ސިމެންތި ގެށުން ފަދަ މަސައްކަތްތައް ކޮކާން ދަސްކުރި އެވެ. އެކަމުގައި އެއް އަހަރެއްހާ ދުވަސްވީ ތަނުން ހޮޓާ ނިމި, އެތަނުގެ ވަޒީފާއަށް އޭނާ ނެރުނެވެ. އެކަމަކު އެތަނުގައި އޭނާއަށް އުޅެވުނީ މަހެއްހައި ދުވަހެވެ. މައްސަލަތަކެއް ޖެހި, ކޮކާން ބޭނުންވީ އަނބުރާ ސައިޓަށް މަސައްކަތު ދާށެވެ. ކިތަންމެ ބުރަޔަސް އޭނާ ބޭނުންވީ އެކަމުގައި ގަދައަށް އުޅޭށެވެ.

"އޭގެ ފަހުން ސިމެންތި މަސައްކަތް ރަށު ތެރޭ ފެށީ. ސިމެންތި ގަށާ, ރާނަން ދަސްކުރީ ފަހުން ހުރިހާ މަސައްކަތެއް ދަސްކުރިން" އޭނާ ކިޔައިދިނެވެ.

ހައްޓަށް ބުރަ މަސައްކަތާއެކު ކޮކާންގެ ގައިން އޮހޮރެމުން ދިޔަ ދަލަކީ އޭނާގެ ގައުމުގައި ތިބި މައިންބަފައިންނާއި އެއްބަނޑު ހަތަރު ކޮއްކޮ އާއި ދެ ދަރީންގެ ހައްގުގައި ވަމުންދިޔަ ގުރުބާނީ އެވެ. އާދައިގެ ނިކަމެތި ގެއެއްގައި އުޅެމުންދިޔަ އެ މީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށް، ދޮށީ ބޭބެގެ ހައިސިއްޔަތުން އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އަދާކުރުމަށެވެ. އެކަމުގައި އޭނާ މަސްއޫލުވީ މިންވަރުން ޗުއްޓީއަށް ވެސް ގައުމަށް ދާން ބޭނުން ނުވި އެވެ. އޭގެ ބަދަލުގައި އޭނާ ފޮނުވަނީ ފައިސާ އެވެ.

ރާނައި ވެލި ނަގައި, ގާ އެޅުން ފަދަ މަސައްކަތުން އޭނާ ޖަމާކުރި ފައިސާއިން އާއިލާއަށް އުޅެވޭނެ ފެންވަރު ގެއެއް ގަތެވެ. ގައުމަށް ނުދެވުނަސް, އޭނާގެ ހިތްހަމަޖެހުމަކީ އެއީ އެވެ. އެކަމަކު, ހަ އަހަރު އެގޮތުގައި އުޅެނިކޮށް އޭނާއަށް މަޖުބޫރުވީ ރާއްޖެ ދޫކޮށްދާށެވެ.

ތަފްސީލު ހިތުގައި ފޮރުވާ ބާއްވާފައި, ކޮކާން ބުނީ އޭނާ 2006 ވަނަ އަހަރު އެނބުރި ގައުމަށް ދިޔައީ މަސައްކަތް ކުރަން އުޅުނު ގޭގެ މީހުންނާ ޖެހުނު 'ބޮޑު މައްސަލަގަނޑެއް'ގެ ތެރެއިން ދެން ރާއްޖޭގައި އުޅެން ބޭނުން ނުވުމުންނެވެ. ހުރިހާ ކަމެއް ދޫކޮށް އޭނާ ދިޔަ ނަމަވެސް, ހިތް އޮތީ ގައްދޫގަ އެވެ. 'ހާޓް' ހުރީ ގައްދޫގަ އެވެ.

ގައްދޫން އޭނާއަށް ވަނީ ލޯބި ފެނިފަ އެވެ. އޭނާ ވެސް އުޅުނު ގޭގައި މަސައްކަތު އުޅުނު އެ ރަށު ހާޓް, ފާތިމަތު ޒާހިރާއަށް ދެވުނީ ހާާއްސަ ގަދަރަކާއި ލޯތްބެކެވެ. އޭނާއާއެކު ދިރިއުޅުމެއް ފަށަން ކޮކާން ހުރީ ބޭނުންވެފަ އެވެ. ކޮކާންގެ އަތްނބަކާއި ދެ ދަރިން ބަންގްލަދޭޝްގައި ތިއްބަސް އޭނާއަށް ހަގީގީ ލޯބި ފެނުނީ ޒާހިރާ ފުށުންނެވެ.

އޭނާގެ ހިތުގައި ނެގި ރާޅަކީ, އޭރު ވެސް ދެ ކުދިންގެ މަންމަ, ޒާހިރާ އުޅެމުންދިޔަ ހާލަތު ބަދަލުކޮށް އޭނާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމެވެ. އެކަމަކު, ކައިވެންޏަށް ޒާހިރާ ނުހުރި އުޅެނިކޮށް ކޮކާންއަށް ރާއްޖެ ދޫކޮށް ދާން ޖެހުނީ އެވެ. ޒާހިރާ އެއްބަސްނުވެ ދެކޮޅު ހަދާ ސަބަބަކީ ވެސް ކޮންމެ ވެސް ދުވަހަކުން އޭނާ ދޫކޮށް ކޮކާން އެނބުރި ގައުމަށް ދާނެ ކަމުގެ ބިރެވެ.

"...އޭނާ ގަބޫލު ނުވޭ ފުރަތަމަ, އޭނާއަށް އެނގޭ ލޯބި ހުއްޓަސް ކޮންމެވެސް އެއްދުވަހަކުން ދާން ޖެހެނީކަން, އަހަރެން ބުނަނީ ނުދާނަމޭ. އަންހެނުންގެ ފެމެލީ މީހުން އަހަރެންނަށް އެއްބާރުލުން ދިނީ, އެ ހުރިހާ މީހުން ވަރަށް ގަބޫލު," ކޮކާން ބުންޏެވެ.


ކޮކާން 2007 ވަނަ އަހަރު ތެރޭ އަނބުރާ ރާއްޖެ ގެނައީ ވެސް އެ ލޯތްބެވެ. މިފަހަރު އޭނާ ރާއްޖެ ގެނައީ ޒާހިރާގެ ދައްތައެކެވެ. އެ ދައްތަ ވެސް ބޭނުންވީ ޒާހިރާ, ކޮކާންއާ ގުޅުމެވެ. އޭނާގެ ގައުމުގައި އިން ދޮށީ އަނބި ކައިރިން ވެސް އެ ކައިވެންޏަށް ކޮކާން ހުއްދަ ހޯދި އެވެ.

"...ދެން އަންހެނުންނަށް [ޒާހިރާއަށް] މަޖުބޫރުވީ, ވަރަށް ގަދަކަމުން ދެން ކުރީ, އަހަރެން އެނބުރި އައިތާ ތިން މަސް ތެރޭ ޝާދީކޮށްފިން," ކޮކާން ބުންޏެވެ.

އެނބުރި އައިސް, ކޮކާން ގައްދޫގައި ފެށީ ހަމައެކަނި ޒަވާޖީ ހަޔާތެއް ނޫނެވެ. ގުރޫޕެއް ހަދައިގެން ކޮކާން ނުކުތީ ރަށު ތެރެއަށް މަސައްކަތު އެވެ. ގާ އެޅުމާއި ރޭނުމުގެ މަސައްކަތް އެމީހުން ގަދައަށް ކުރަން ފެށި އެވެ. ގިނަ މަސައްކަތްތަކެއް ލިބެމުންދިޔުމުން ކޮކާން ބޭނުންވީ އިތުރަށް އިންވެސްޓްކުރުމަށެވެ.

"...ދެން ވިސްނީ ކޮން މަސައްކެއްބާވައޭ ކުރަންވީ, ދެން މިއޮތް ގަމުން އަލަ އޮޅެއް ހޯދީ. ރަނގަޅަށް ލާރި ލިބުނީ އެކަމުން. އޭރު އަލަ އޮޅުތަކުން ވަރަށް ރަނގަޅު އާމްދަނީ ލިބެނީ," ކޮކާން, އޭނާގެ ވިޔަފާރި ފެށި އެވެ. "މި ރަށުގަ ހަމަ ރާނަނީ. އަލަ އޮޅު ގަމުގަ ހައްދަނީ ދެން ގިނައިން ފައިސާ ލިބުނީމަ އަނެއްކާ ވިސްނަނީ ދެން ކޮން ކަމެއްތޯ ކުރަނީ,"

ކޮކާންގެ ދެވަނަ އިންވެސްޓްމެންޓަކަށްވީ ޑިންގީއެކެވެ. އިންސްޓޯލްމެންޓް އުސޫލުން ޑިންގީއަކާއި އިންޖީނެއް ގަނެ މިހާރު އެއީ ފައިސާ ދައްކާ އެއްކޮށް އޭނާ މިލްކުކޮށްފައިވާ މުދަލެވެ. ޑިންގީގައި ކޮކާން ދާން ފެށީ ވެލި ނަގާށެވެ. އެ ވެލި ވިއްކުމާއި ގާ އެޅުމުގެ މަސައްކަތް އޭގެ ފަހުން ފުޅާކުރި އެވެ. އޭނާގެ ހުރިހާ ވަގުތެއް އެ މަސައްކަތަށް ހުސްކުރި އެވެ. އެކަމަކު, އެވަރުން އޭނާ ނުފުއްދަ އެވެ.

"ގަމަށް ދިމާވި މައްސަލައެއްގައި އަލަ އޮޅުތައް މަރުވީ. އެހެންވެ, ދެން ގަމުގައި ތަރުކާރީ ދަނޑެއް ގެންގުޅުނު އަންހެނުންގެ އާއިލާ މީހެއް އަތުން އެ ދަނޑު ހޯދީ, އޭނާއަށް އެ މަސައްކަތް ނުކުރެވޭތީ. މިހާރު އަހަރެން އެ ތަނުގައި ދަނޑު ހައްދަނީ, ކަރާ, ބަށި, މިރުސް, ކަހަލަ ތަކެތި ހައްދަނީ އަދި ވިއްކަނީ, އެތަނުގައި މުވައްޒަފުން ވެސް ތިބެނީ," ކޮކާން ކިޔައިދިނެވެ.

ގަމުގައި މިވަގުތު އޮތް އެންމެ ތިޔާގި އަދި ތަރައްގީ ދަނޑަކީ ކޮކާންގެ ދަނޑެވެ. ހަތަރު އަހަރު ތެރޭ އެތަނުން ލިބޭ އާމްދަނީއާމެދު އޭނާ ހިތްހަމަޖެހެ އެވެ. ޑިންގީގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބުރަކޮށް އުޅެމުން ވެސް އޭނާ ގައްދޫ ކައިރީ އޮންނަ ގަމަށް ދެ އެވެ.

އަނެއްކާވެސް ކޮކާން ވިސްނީ އެވެ. މިފަހަރު އޭނާ ވުޖޫދުކުރީ "ހާޓް ޕްލަސް" އެވެ.

"ދެން އަނެއްކާވެސް ވިސްނަނީ އިތުރު މަސައްކަތެއް ފެށޭނެ ގޮތެއް. ދެން ވިސްނަނީ މި ބިޒްނަސް, މި ފިހާރަ, "ހާޓް ޕްލަސް", މިހާރު ތިން އަހަރު ވަނީ. މި ރޯދައަށް ތިން އަހަރު ވާނެ," ފިހާރަ ދޮށުގައި އިނދެ ކޮކާން ބުންޏެވެ.

މިހާރު, ކޮކާންގެ މައިގަނޑު މަސައްކަތަކީ ފިހާރަ ހިންގުމެވެ. އެތަނަށް މުދާ ވެއްދުމާއި ގޭގެއަށް ޑެލިވާކޮށްދިނެވެ. އެހެން ކަންކަމަށް މުވައްޒަފުން ހޯދައި, އަމަލީ މަސައްކަތުން އޭނާ ހުރީ ދުރުގަ އެވެ. އެތަންތަން ބެލެހެއްޓުމާއި ހިންގުން ވެސް ހަވާލުކުރީ ކޮއްކޮމެންނާ އެވެ.

ކޮކާންގެ އެއްބަނޑުއެއްބަފާ ފިރިހެން ދެ ކޮއްކޮ ވެސް ދިރިއުޅުން ބިނާކުރަމުން އަންނަނީ ގައްދޫގަ އެވެ. އެއް ކޮއްކޮއަށް ހަވާލުކޮށްފައިވަނީ ރާނާއި ސިމެންތީގެ މަސައްކަތްކުރާ ސައިޓް ބެލެހެއްޓުމެވެ. އަނެއް ކޮއްކޮ އުޅެނީ ފިހާރައިގެ މަސައްކަތުގަ އެވެ. ދެން ވެސް ކޮކާންގެ އާއިލާގެ ކުރިމަގު އޭނާ ބައްޓަންކުރަމުން އަންނަނީ ގައްދޫގަ އެވެ. ކޮކާން ބުނާ ގޮތުން, މާމަ އާއި ކާފައާއެކު ދިރިއުޅޭ އޭނާގެ ފިރިހެން ދަރީގެ ހިތް ވެސް އޮތީ ގައްދޫގަ އެވެ.

"އަހަރެންގެ ދަރިން ވެސް ބޭނުން ވަނީ މިކޮޅަށް އަންނަން, އެކަމަކު އަންހެން ދަރި މިހާރު ޝާދީކޮށްގެން ދަނީ, ފިރިހެން ދަރި ގްރޭޑް ހަތެއްގައި ކިޔަވަނީ. އޭނާ ކިޔަވައި ނިމުނީމަ ގެންނަނީ މިކޮޅަށް," ކޮކާންގެ ވިސްނުމަކީ މިއީ އެވެ.


ބަންގްލަދޭޝްގެ ކޮކާންގެ ގޭގައި ފިރިހެން ދަރި, އޭނާގެ މާމަ އާއި ކާފައެކީ ދިރިއުޅުމުން އަންނައިރު, އެ ދަރީގެ މަންމަ އާއި ކޮކާންގެ ޒަވާޖީ ހަޔާތް ވަނީ މީގެ ތިން އަހަރު ކުރިން ރޫޅިފަ އެވެ. އެކަމަކު, ކޮކާންގެ ހިތްހަމަޖެހުމަކީ އޭނާގެ ދިވެހި އަނބި, ޒާހިރާއާ އެ އާއިލާއާ ދެމެދު އޮތް ގާތްކަމާއި ގުޅުމެވެ.

ކޮކާން ބުނި ގޮތުގައި, އޭނާގެ މައިންބަފައިންނަށް ޒާހިރާ ގުޅައި ވާހަކަ ދައްކަ އެވެ. ކުޑަކޮށް ބަސް އެނގުނު ނަމަވެސް, އެމީހުންގެ މެދުގައި ގުޅުން ރަނގަޅެވެ. ގައްދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ޒާހިރާ, ބަންގްލަދޭޝްއަށް ގޮސް އެމީހުންނާ ވަނީ ބައްދަލު ވެސް ކޮށްފަ އެވެ.

ކޮކާން ފާހަގަކުރާ ގޮތުން, އޭނާއަށް ރާއްޖެއިން ލިބިފައިވަނީ ރަންގަނޑެއްފަދަ އަތްނބެކެވެ. ކޮކާން އެންމެ ގަޔާވަނީ ޒާހިރާގެ މަޑުމައިތިރިކަމާއި ރަނގަޅު އަހުލާގަށެވެ. ޒާހިރާގެ ގާތް ގުޅުމެއް, ކޮކާންގެ އާއިލާއާ އޮތްއިރު, ޒާހިރާގެ ދަރިންނަށް ވެސް ކޮކާންއަކީ "ކޮކާން އައްޕަ" އެވެ. އެ ދަރީންނަކީ ވެސް ކޮކާންގެ އާއިލާ އެވެ. އޭނާގެ ހުރިހާ ކަމެއް އެބަޔަކަށް ހާއްސަކޮށްފައިވާ އޭނާގެ އާއިލާ އެވެ.

އޭނާ މަސައްކަތް ކުރިޔަސް, ފައިސާ ހޯދިޔަސް, ހުރިހާ އެއްޗެއްގެ ހައްގުވެރިޔަކީ އަނބިމީހާ ޒާހިރާ އެވެ;

"...މިއީ އަންހެނުންގެ ގެ, އަހަރެން ކުރަނީ މަސައްކަތް, ހުރިހާ އެއްޗެއް ހުންނަނީ އަންހެނުންގެ ނަން މަތީގަ, އެކައުންޓް ވެސް އަންހެނުންގެ ނަމުގަ," ކޮކާން ބުންޏެވެ.

"އަހަރެންގެ ހުންނަނީ ގަމީސް އެކަނި."

ކޮކާން ބުނި ގޮތުގައި, ރާއްޖޭން މުއްސަނދިވެގެން އެނބުރި ގައުމަށް ދާނެ ކަމަށް ވަރަށް ގިނަ މީހުން ޝައްކު ކުރެ އެވެ. އެކަމަކު, އޭނާ ދުވަހަކު ވެސް ރާއްޖެ ދޫކޮށް ނުދާނެ ކަމާއި އެކަމުގެ ޔަގީންކަން ޒާހިރާއަށް އޮންނާނެކަން ކޮކާން ބުނެ އެވެ.

"އެއްކޮށް ނުދަނީ. ވިސްނުން ނެތީ. ގޯސް ވިސްނުމެއް އެއީ, ހުރިހާ މީހުން ބުނަނީ ކަލޭ ދަނީ. އަހަރެންގެ ހުރިހާ އެއްޗެއް ހުންނަނީ އަންހެނުންގެ ނަން މަތީ, އަހަރެންގެ އަތުގަ ނެތީ, އަހަރެން ބޭނުން ނުވަނީ. އަހަރެން ބޭނުން ވަނީ މަސައްކަތް ކުރަން. ރުފިޔާ ހޯދަން. އެކަން އަހަރެން ކުރަނީ," ކޮކާން ބުންޏެވެ.

ފިހާރައިގެ މޭޒު ދޮށުގައި އަންހެނުންނާއެކު, އިނދެ މިހާރު ވެސް ކޮކާން އެ ވިސްނަނީ ދެން ކުރާނެ މަސައްކަތަކާމެދު އެވެ.

"...ދެން މިހާރު މި ވިސްނަނީ ހޮޓާ ކަހަލަ އެއްޗެއް ހުޅުވޭތޯ. އެހެން ވިސްނަން އަބަދުވެސް," ކޮކާން, އޭނާގެ ކުރިމަގު އުއްމީދު ހާމަކުރި އެވެ.

އޭނާ ރާއްޖެ އައީ ވެސް ހޮޓަލެއްގައި މަސައްކަތް ކުރާށެވެ. އެހެންވެ, އޭނާ މިހާރު ބޭނުން ވަނީ އަމިއްލަ ހޮޓަލެއް ހިންގުމަށެވެ. ރާއްޖެ އައިސް އަރުތެރޭލީ ހިތިކަން, އެ ހޮޓާ ހުޅުވައި, ފިލުވާށެވެ. އެކަން އޭނާ ކުރާނެ އެވެ. އޭނާގެ އުއްމީދު ކުރިމަގު ކޮށަމުން އެ ދަނީ އޭނާ ރާއްޖެ ގެނައި ވެރިމީހާ ހިންގި, ސީދާ އެ މަގުންނެވެ.

"ބޮސް ކުރީ މި މަސައްކަތް. ފިހާރަ އާއި ވެލި ވިއްކުމާއި ދަނޑު ގޮވާމާއި, އެ ހުރިހާ އެއްޗެއް އޭނާ އަތުގައި އޭރު ހުންނަނީ. މިހާރު ބޮސް މުސްކުޅިވެ އަތުގައި އެއްވެސް އެއްޗެއް ނުހުންނަނީ, އެ އެއްޗެހި މިހާރު ހުންނަނީ އަޅުގަނޑު އަތުގައި, އެގޮތަށް މިއޮތީ ބަދަލުވެފައި،" ކޮކާން ބުންޏެވެ.

އެ އާއިލާއާ ކޮކާންއާ ދެމެދު ކުރިން މައްސަލަގަނޑެއް ޖެހިފައި އޮތަސް މިހާރު އެ ހަނދާނެއް ނެތެވެ. މުޅީން ވެސް ކޮކާންގެ ރައްޓެހިންނެވެ. ގައްދޫގެ އެންމެންގެ ގަދަރާއި އިހްތިރާމް ކޮކާން ވަނީ ހޯދާފަ އެވެ. ހާއްސަކޮށް ޅަފުރާގެ ޒުވާނުންގެ އެވެ. އެއީ, އެ އެންމެންގެ ވެސް "ކޮކާންއައްޕާ!" އެވެ.

އެ ގަދަރާއި ލޯބިން އޭނާއަށް އުފާވެރިކަން ނޫނީ އިހްސާސެއް ނުކުރެވެ އެވެ. ކުރީގައި އުފުލި ވޭނާއި ތަކުލީފުތައް މަތިން ހަނދާން ނައްތުވާލައިފި އެވެ. ދަތި, ނިކަމެތި ދިރިއުޅުމަށް އޭނާގެ މަސައްކަތުން އަލްވަދާއު ކިޔައިފި އެވެ.

"...އިހުސާސް ވަނީ. ކުރީގަ ވަރަށް ދަތިކޮށް އުޅެފައި އަސްލު އޭތި ވިސްނަނީ ވަރަށް އުފާވޭ. ވަރަށް ހިތްހަމަ ޖެހޭ މިހާރު, އަޅުގަނޑަކީ އަމިއްލަ މަސައްކަތް ކުރާ މީހެއް, ހަމަ މި ރަށުގައި. މިހާރު އަހަރެންގެ އަމިއްލަ އަތްމަތީ ހުރިހާ މަސައްކަތެއް ވެސް ހުންނަނީ،" ކޮކާން ބުންޏެވެ.

"ރަށު ރަނގަޅު, ދިވެހިރާއްޖެ ހުރިހާ ތަނެއް ވެސް ރަނގަޅު. އަޅުގަނޑު ހިތްހަމަޖެހޭތީ މި އުޅެނީ."

ކޮކާންއަކީ ދިވެއްސެއް ނޫނަސް, މިހާރު ދިވެއްސެކެވެ. އޭނާގެ މުޅި ދިރިއުޅުން އޮތީ އަދި އޮންނާނީ ވެސް ގައްދޫގަ އެވެ. އެހެންވެ, އޭނާ ކޮށްލާ ސުވާލެއް އޮވެ އެވެ.

"އަޅުގަނޑަށް ހައްގެއް ނޫންތަ!"

"ދިވެއްސެއްހެން ހީވޭ. އެކަމަކު އެއްވެސް އެއްޗެއް ނުލިބެނީ, މި ރަށުގަ ރަޖިސްޓްރީ ނުވެވޭ. ބޭސްކުރަން ފަރުވާ ދިޔައީމަ ލާރި ދައްކަން ޖެހޭ. އެއްވެސް މީހަކު އޭތި ނުބަލަނީ, އެކަމަކު މާލޭ އެއާޕޯޓްގަ އަހަރެންނަށް ވަރަށް އިހްތިރާމް ކުރަނީ ގަދަރު ކުރަނީ, އެކަމަކު އެހެންތާކު މީހުންނަށް ނޭނގެނީ," ކޮކާން ބުންޏެވެ.

"...އެކަމަކު އަހަރެން ޝަކުވާ ނުއުފުލަނީ, ފައިސާ ނަގަނީ އަހަރެން މައްސަލަ ނެތީ. އަޅުގަނޑު ޖީބުން ދައްކާލަނީ, ރުފިޔާ އެބަހުރި."

އެކަން ވެސް ބަދަލުވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ. ހިތްވަރު ކުރާނެ އެވެ. ކެތްތެރިވާނެ އެވެ. ކޮކާންގެ 21 އަހަރުވީ ދިވެހިރާއްޖޭގެ ހަޔާތުން ވެސް ފެނުނީ މުޅީން ވެސް އެ ހިތްވަރާއި ކެތްތެރިކަން އަދި އުއްމީދެވެ. ކޮކާންގެ ނަން, ގައްދޫން ފަނޑުވެގެން ނުދާނީ އެހެންވެ އެވެ.