29 ޖަނަވަރީ 2022 - 09:31 8
އާއިޝަތު މިހުނާ ނާސިހް
29 ޖަނަވަރީ 2022 - 09:31 8
ލ. ގަމަށް އުފަން އުމުރުން 2 އަހަރުގެ އިސްމާއިލް ހޫދު ލައްސާން (ހޫދު) ކުޑަކޮށް ހުންވައްތަރުވެ ބަލިވާން ފެށީ މީގެ ދޮޅު މަހެއްހާ ދުވަސްކުރިންނެވެ. އާދައިގެ ހުމެކޭ ހިތާ ހަގަޑިއިރުން ހަގަޑިއިރުން ބޭސް ދޭން ފެށުމުން އިސާހިތަކު ހުން ފިލައިފި އެވެ. ނަމަވެސް ފަސްވަރަކަށް ދުވަސްތެރޭ އަނެއްކާ ވެސް ގަދަ ހުމެއް އަ އެވެ. ހޫދުގެ ހަމުގެ ކުލަވެސް ހުދުވި (ޕޭލް) އެވެ. ގައިން ހުންނަނީ ވަރުދޫވެފަ އެވެ. ކަމެއް ގޯސްވާ ކަމުގެ އިހުސާސް ކުރެވެންފެށީ ޖެހިގެން އައި ދުވަހު އުނަގަނޑާއި ކަކުލުގައި ރިއްސާވަރުން ރަނގަޅަށް ހިނގައި ނުގަނެވުމުންނެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ލޭގެ ޓެސްޓްތައް ހެދި ނަތީޖާ ފެނުނު ކޮންމެ ލެބް ޓެކްނީޝަނެއް އަދި ކޮންމެ ޑޮކްޓަރަކަށް ވެސް ލިބުނީ ހައިރާންކަމެވެ. މާލެ ދެވެން އޮތް އެންމެ އަވަސް ފްލައިޓުން ޖާގައެއް ހޯދި އެވެ. ތިން ދުވަހުގެ ދަތުރަކަށް ތައްޔާރުވެ, ހޫދު ގޮވައިގެން އޭނާގެ މަންމަ އާމިނަތު ފަޒްލާ އަބްދުލް ރައްޒާގު މާލެ އައީ ގާތުން ދެމުންއައި އެންމެ ހަގު ދަރިފުޅުވެސް ބަހައްޓާފަ އެވެ. އައިޖީއެމްއެޗްގެ އީއާރް އިން ހޫދުގެ ރިޕޯޓް ބެލުމަށް ފަހު ވެގެން މިއުޅޭ ގޮތް އެންމެ ފުރަތަމަ އޮޅުން ފިލުވައިިދިނީ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް އެވެ.
“ޑރ. ފައިސަލް ވިދާޅުވި ލޭގެ ތިންބަޔަކަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައޭ. އެއްގޮތަކީ ވަރަށްބޮޑަށް އިންފެކްޝަން ހެދިފަ ހުރުމޭ. އެހެންނޫނީ މިއީ ބްލަޑް ކެންސާއޭ،“ ފަޒްލާ ބުންޏެވެ.
ބަލި ޔަގީންކޮށް ދެނެގަތުމަށްޓަކައި ތިން ދުވަސް ވަންދެން އެޑްމިޓްކޮށް އެންޓިބައޮޓިކް ދީ ހާލަތު ރަނގަޅުވޭތޯ ބެލުމަށް މަސައްކަތް ފެށުނު ނަމަވެސް ދެވަނަ ދުވަހާއި ހިސާބުން އައިޖީއެމްއެޗް އިން އެދުނީ ހޫދުގެ ފަރުވާއަށް އެތަނުގައި މަޑުނުކޮށް ވީއެންމެ އަަވަހަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމެވެ.
ހޫދު އޭނާގެ މަންމައާއި އެކު-- ފޮޓޯ:އިންސްޓަގްރާމް
ހޫދު ގޮވައިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓްތަކުން އެކިއުޓް ލިމްފޮސައިޓިކް ލިއުކީމިއާ (ބީ-އޭ އެލްއެލް) އަށް ޑައިގްނޯސްވީ ޑިސެމްބަރު 25 ގަ އެވެ. އޭރު އޭނާގެ ލޭގެ 98 އިންސައްތަ ސެލްތަކަށްހުރީ ކެންސަރުގެ އަސަރުކޮށްފަ އެވެ. އޭގެ ދެ ދުވަސް ކުރިން ރަށުގައި ކުރެވުނު ޓެސްޓްތަކުގެ ރިޕޯޓުގައި އެ މިންވަރު ހުރީ ވަރަށް މަދުންނެވެ. ފަރުވާ ލަސްކުރެވުނީ ކަމުގައި ހިތާ މާޔޫސީ ކަރުނަތަކުން ހިތް ބަންޑުންވި ނަމަވެސް އެދުވަހު އެންމެ ބޮޑު ހިތްވަރަކަށްވީ ޑޮކްޓަރުން ބެހެއްޓި ގާތްކަމާއި އޯގާތެރިކަން ކަމަށް ފަޒްލާ ބުންޏެވެ. ޑޮކްޓަރު ވިދާޅުވީ ލިއުކީމިއާ ފަދަ ބައްޔެއްގައި 20 އިންސައްތައިން 90 އިންސައްތަ އަށްވެސް އެންމެ ދެ ދުވަސްތެރޭ ދިއުމަކީ އާންމު ކަމެއް ކަމަށެވެ. އެކަމާމެދު އަމިއްލަ ނަފްސު ކުށްވެރި ނުކުރުމަށް ޑޮކްޓަރު ދެއްވި ނަސޭހަތުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް އޭނާގެ ހިތަށް ލިބުނު ކަމަށް އިންޑިއާގައި ހުރެ ވާހަކަ ދައްކަމުން ފަޒްލާ ބުންޏެވެ.
"މުޅި ދުނިޔެ ހުއްޓުނު, ހީވީ ހަމަ ފައިދަށުން ބިންގަނޑު ދަމައިގަތް ހެން, ހިތަށް އެރީ މިހާ ކުޑަކުޑަ ކުއްޖަކު އެހާވަރުގަދަ ފަރުވާތަކަކަށް ކެތްކުރާނީ ކިހިނެއް ހޭ"
އިންޑިއާގައި ހޫދުގެ ފަރުވާ ފެށުނުތާ މިހާރު ދޮޅު މަސް ވެއްޖެ އެވެ. ލިއުކީމިއާގައި ކުޑަކުދިންނަށް ވަކި ހާޢްސަ ކީމޯތެރަޕީއެއް ނޯންނާތީ ދޭންޖެހެނީ ބޮޑެތިމީހުންނަށްވެސް ދެވޭ ކީމޯ ތެރަޕީ ފަރުވާ އެވެ. ފަސް ފޭސްއަކަށް ބަހާލައިގެން ފަރުވާ ކުރިއަށްދާއިރު މިވީ ދުވަސްތަކުގައި ޖުމްލަ ނުވަ ކީމޯތެރަޕީއާ, 2 ބޯން މެރޯ އެސްޕިރޭޝަންގެ އިތުރުން 3 ލަމްބާ ޕަންޗާ ހެދި ހަ ފަހަރު ވަނީ ގަޔަށް ލޭ އަޅަންޖެހިފަ އެވެ.
ކީމޯތެރަޕީ އަކީ ވަރަށް ބާރުގަދަ ފަރުވާއަކަށްވާއިރު، އޭގެ ސަބަބުން ކުޑަކުއްޖަކަށް ކުރާ ސައިޑް އެފެކްޓްތައް ވެސް އެހާމެ ގިނަ އެވެ. މިގޮތުން ފުރަތަމަ ފޭސް މިހާރު ނިމިފައިވާއިރު އެންމެ ބޮޑު ކަމަކަށް ފާހަގަވެފައިވަނީ ހޫދުގެ ފައިގެ ބާރު ކެނޑެމުން އަންނަކަމެވެ ފަޒްލާ ބުނާގޮތުން ކުރިން އެކަނި ދުވެ, ހިނގާ އުޅުނަސް މިހާރު އަމިއްލަ ފައިމައްޗަށް ހުރެ ހިނގަން ފަށާއިރަށް ކަކުލު ހުޅުން ވާގިނެތިގެން ވެއްޓެ އެވެ. ހަމައެޔާއެކު މީހާ މުޅިން ފުފި އަބަދުވެސް "ބްލޯޓްވެފައި" ހުންނައިރު ކެއުމަށާއި އުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެއާއެކު ހަށިގަނޑުގެ މުހިންމު ގުނަވަނަކަށް ލިބިދާނެ ކުއްލި ގެއްލުމަކަށްޓަކައި އަބަދުމެހެން ތިބެންޖެހެނީ ސަމާލުވެ ތައްޔާރަށެވެ.
"އެންމެ ހަނދާންވަނީ މިކޮޅަށް އައިސް ދެވަނަ ދުވަހު ބޯންމެރޯ ޓެސްޓް ހެދުމަށް ފްލުއިޑް ނަގަންވެގެން ލަމްބާ ހަދާފައި ގެނައި ފަހުން ހޫދަކަށް ނުއެއް އިށީންދެވޭ, ނުއެއް އޮށޯވެވޭ ބުރަކަށީގަ ރިއްސާވަރުން. ގާތްގަނޑަކަށް ދެރޭ ވަންދެން ހަމަ ރުއީ. މުޅިންހެން އުރާލައިގެން ކޮނޑުމަތީގައި ގެންގުޅުނީ. އެ ދުވަސް މަތިން މިހާރު ހިތަށް އެރިއަސް އުނދަގޫވެ ދެރަވޭ،" ފަޒްލާ ބުންޏެވެ.
ހުކުރު ދުވަހުގެ ހެނދުނު ވަނީ އަނެއްކާވެސް ހޫދުގެ ބޯންމެރޯއިން ފްލުއިޑްކޮޅެއް ނަގާ ކެންސާ ސެލްސް ހުރި މިންވަރު ބެލުމަށް ޓެސްޓުކުރެވިފަ އެވެ. އެ ޓެސްޓުގެ ނަތީޖާތަކަކީ ފުރަތަމަ ފޭސްގެ ރިޕޯޓް ކާޑެވެ. ނަތީޖާ ރަނގަޅުނަމަ ކެންސަރުގެ ނޯމަލް ޕްރޮޓޮކޯލް ކުރިއަށްގެންދެވޭނެ އެވެ. ނޫންނަމަ ދެން ދެންޖެހޭނީ ކުރިން ދިންވަރަށް ވުރެ ވެސް ބާރުގަދަ ފަރުވާތަކެކެވެ.
މަދު ދުވަސްކޮޅެއްތެރޭ ހޫދުގެ ދިރިއުޅުން އެފުށް މިފުށަށް ޖަހައިފި އެވެ. ރަށުގެ ހިތްގައިމު އުފާވެރި ދިރިއުޅުން ހޮސްޕިޓަލެއްގެ ހަތަރު ފާރުތެރޭގައި ބަންދުވެ އެދުމަތިވިއިރު ހުދު ފަޒްލާ އާއި ލައްސާނު ހައިރާންވީ ހޫދުގެ ކިބައިން ފެނުނު ކިޔަމަންތެރިކަމާއި ކެތްތެރިކަމާއި ހިތްވަރުންނެވެ.
"އެއްވެސް ސުވާލެއް ނުކުރޭ، އަޅާ ވޭނުން ރޯލިޔަސް އެންމެ ބޮޑުވަރަކަށްވެސް ބުނެލަނީ އުރާލަދޭން"
ހޫދުގެ މުޅި ހަޔާތުގައިވެސް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން އޭނާއަށް ފަރުވާ ދޭންޖެހުނީ ކެންސަރަށް ޝައްކުކުރެވުނު ހިސާބުންނެވެ. އޭރުއްސުރެ މިއަދާ ހަމައަށް ހަޔާތުގެ ކޮންމެ ވަގުތުކޮޅެއްވެސް އޭނާ ގުނަމުންދަނީ ހޮސްޕިޓަލެއްގެ ތެރޭގަ އެވެ. ފަރުވާގެ ހައްސާސްކަމާއި އެކު އިންފެކްޝަނެއް އުފެދުމުގެ ރިސްކު ބޮޑުކަމުން އެ ހަތަރު ފާރުން ބޭރަށް ނުކުމެލެވޭނެ ފުރުސަތެއްވެސް ހޫދަކަށް ނުލިބެ އެވެ. އެހެނަސް އޭނާގެ ޝަކުވާ އެއް ނެތެވެ. ކެންސަރުގެ ވޭނީ ހަނގުރާމައިގައި، ކޮންމެ ދުވަހަކުވެސް މަރާއި ހަނގުރާމަކުރަމުންދާއިރު އެ މައުސޫމު ދެލޮލުން ދުށުމަށް އެދި ބޭނުންވީ ހަށީގެ އެއްބައި ކަމުގައިވި ބޭބެ އާއި ކޮއްކޮ އެވެ. ހޫދުގެ އެކަނިވެރިކަން އޭނާގެ ދުލުން ބަޔާން ނުކުރެވުނަަސް، ޑޮކްޓަރުންނަށްވެސް އެކަން ފާހަގަވެ އެގޮތަށް ލަފާދެއްވުމުން މި މަހުގެ 20 ގައި އެ ދެބެއިންވެސް ވަނީ ހޫދު ކައިރިއަށް އިންޑިއާއަށް ގޮސްފަ އެވެ.
ފާއިތުވި 40 ދުވަހުގެ ކޮންމެ ފަޅި ސިކުންތެއްވެސް ފަޒްލާ އާއި ލައްސާން ވޭތުކުރަމުންދަނީ ލޮލުގެ ކޮއެ ފަދަ ލޯބިވާ ދަރިފުޅަށްޓަކަ އެވެ. ދެން ތިބި ދެކުދިން އިންޑިއާ އަށް އައުމާ ހަމައަށް ހޮސްޕިޓަލްގެ ހަތަރުފާރުން ބޭރަށްވެސް ނުނުކުމެލަ އެވެ. އާއިލާގައި މީގެ ކުރިން ކެންސަރު ބަލި ހުރިނަމަވެސް މިހާ ޅައުމުރުގައި ތުއްތު ކުއްޖަކަށް މިފަދަ ބައްޔެއް ޖެހިދާނެއޭ ދުވަހެއްގެ ކޮޅުންވެސް ފަޒްލާގެ ދެމަފިރިން ހިއެއް ނުކުރެ އެވެ. ފަޒްލާ ބުނިގޮތުގައި ދަރިފުޅު ލިއުކީމިއާ އަށް ޑައިގްނޯޒްވިކަން އިނގުނު ވަގުތު ހީވީ އޭނާގެ މުޅި ދުނިޔެ ހުއްޓި ފައި ދަށުން ބިންގަނޑު ދަމައިގަތް ހެނެވެ. ލޮލުން ކަރުނަ ނުހިކި, އަރު ތެރެއިން އެއްޗެއް ނުދިރުވި ހަފްތާއެއްހާ ދުވަސް ހޭދަވިއިރު, ކިރިޔާވެސް ހިތްވަރެއް ލިބުނީ ހެއްދެވިފަރާތުގެ ކިބައިން ކެތްތެރިކަން ދެއްވުމަށް އެދި ކުރި ދުއާތަކުން ކަމަށް ފަޒްލާ ބުންޏެވެ.
ހަމަދު ސްކޫލްގެ ޓީޗަރެއްގެ ވަޒީފާގައި ފަޒްލާ ހުރިއިރު, ބައްޕަ ލައްސާން މަސައްކަތްކުރަނީ އިމިގްރޭޝަންގަ އެވެ. ކުދިންގެ ކޮންމެ ކަމަކަށްވެސް އެހާމެ ފަރުވާތެރިކަން ދެމަފިރިން ދޭއިރު މިހާބޮޑު ކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ދުވަހަކު ވެސް ހީ ނުކުރެ އެވެ. އެއާއެކު, މިވަގުތު ނޯޕޭގައި ތިބެ އެދަމަފިިރިން އަންނަނީ ހޫދުގެ ކެންސަރުގެ ދަތުރު އެހެން ހުރިހާ އެންމެންނާ ހިއްސާކުރަމުންނެވެ.
"ޕޭޖް ހެދީ ހަމަ މީހުން ހޭލުންތެރިކުރުވާ ހޫދުގެ މި ދަތުރުގެ ޑެއިލީ އަޕްޑޭޓްސްއާ ކުރިމަތިވާ ޗެލެންޖަސް މީހުންނަށް ޝެއާ ކުރަން،" ފަޒްލާ ބުންޏެވެ.
ހޫދު އެންމެ ފުރަތަމަ ބަލިވި ހިސާބުން ފެށިގެން މިއަދާ ހަމައަށް ހޯދާ ކޮންމެ ފަރުވާއެއް, ކުރާ ކޮންމެ ތަޖުރިބާއެއްވެސް ޕޭޖުގައި އަންނަނީ ހިއްސާކުރަމުންނެވެ.
ފަޒްލާ ބުނާގޮތުން މިދަތުރުގައި ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. ދެން ކަންތައްވާނެ ގޮތުގެ ޔަގީންކަމެއް އެއްވެސް ވަރަކަށް ނޯންނައިރު, ދަރިފުޅުގެ ހާލު ކިރިޔާވެސް ރަނގަޅުނަމަ އޭނާ އުފާވާނެ ކޮންމެވެސް ކަމެއް ކޮށްދެވޭތޯ މަސައްކަތްކުރުމަކީ އެގޮތުގައި ކުރިއަށް ދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.
ކެންސަ ސޮސައިޓީގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގައި ކެންސަރު ޖެހިފައި ތިބި މީހުންގެ ތެރެއިން 15 ޕަސެންޓަކީ މުޅިންވެސް ކުޑަކުދިންނެވެ. އެކަމަކު މިއީ ހޮސްޕިޓަލް ތަފާސްހިސާބު ކަމަށް ވާތީ، ޑޮކްޓަރުން ލަފާކުރަނީ ހަގީގީ އަދަދު މިއަށް ވުރެ ވެސް މަތިވާނެ ކަމަށެވެ
ކުޑަކުދިންގެ މެދުގައި އެންމެ އާއްމު ދެ ބާވަތުގެ ކެންސަރަކީ ލިއުކީމިއާ އާއި ސިކުނޑީގެ ކެންސަރެވެ. އެއަށް ފަހު ނާރުގެ ކެންސަރާއި ކިޑްނީގެ ކެންސަރާއި ކަށީގެ ކެންސަރެވެ. އެކި ކެންސަރުތަކުގެ އަލާމާތްތައް ތަފާތެވެ. ހުން އައުން، ބަނޑު ފުއްޕުން، ބޮލުގައި ރިއްސުން އަދި މާ ބޮޑަށް ވަރުބަލިވުން ފަދަ އަލާމާތްތައް ދިގުލައިގެންދާ ނަމަ އެ ކަންކަމުގެ ހަގީގަތް ހޯދަން މަސައްކަތްކުރަން ޑޮކްޓަރުން އިރުޝާދު ދެ އެވެ.
Comment