Advertisement

ހައްދުފަހަނާޅައިދިއުން: ފައިސާ ހޯދުމަށާއި ބަހަން އެތައް ގޮތެއް


ހައްދުފަހަނާޅައިދިއުން: ފައިސާ ހޯދުމަށާއި ބަހަން އެތައް ގޮތެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަށް ބަލާއިރު ވެސް އަދި ހައްދުފަހަނާޅާފައިވާ އެހެން މީހުންނަށް ބަލާއިރު ވެސް އެންމެ ފާހަގަ ކުރެވޭ އެއް ސިފައަކީ ވަޒީފާއަކަށް ނުދިއުމެވެ. ނަމަވެސް ދިރިއުޅެވޭ ވަރަށް ފައިސާ އެ މީހުން ގެންގުޅެ އެވެ. އެހެން މީހުން ކާންބޯން މަސައްކަތް ކުރާއިރު ދުވަހުގެ ގިނަ ވަގުތު އެ މީހުން ހޭދަ ކުރަނީ ހަރުކަށި ފިކުރުގެ އެކިއެކި ކަންކަން ފެތުރުމުގަ އެވެ.

ސުވާލަކީ މިފަދަ ހަރަކާތްތަކަށް ފަންޑު ކުރަނީ ކޮންބައެއްތޯ އެވެ؟ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ވެސް މިހާރު އެންމެ ބޮޑަށް އުފައްދާ ސުވާލަކީ އެއީ އެވެ. އަދި ރާއްޖޭގައި މިފަދަ މައްސަލަތަކުގެ ތަހުގީގުތަކުން ނުހޯދޭ އަޑިއަކީ ވެސް އެއީ އެވެ.

ހައްދުފަހަނާޅައި ދިއުމުގެ ކަންކަން ތަހުގީގު ކުރި ސަލާމަތީ ހިދުމަތުގެ އިސްވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ވަޒީފާއަކަށް ނުގޮސް އުޅުމަކީ އެ ފިކުރުގެ މީހުންގެ ފަރާތުން ވަރަށް ފާހަގަ ކުރެވޭ ކަމެކެވެ. އާމްދަނީ ހޯދަން ކަމެއް ކުރާ ނަމަ އާއްމުކޮށް ކޮށް އުޅެނީ ޓެކްސީ ކުރުމާއި މަހަށް ދިއުމުގެ އިތުރުން ދަނޑުވެރިކަން ކުރުން ފަދަ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް ޓެކްސީ ކުރުމުގައި އެ ވިސްނުމުގެ މީހުން ގިނައިން ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ވަޒީފާއަކަށް ނުދާނެ. އެ މުސާރަ ހަލާލު ކަމަށް އެ މީހުން ގަބޫލެއް ނުކުރޭ. އެއީ އެ މީހުން ދައުލަތެއް ގަބޫލެއް ނުކުރާނެ. އަމިއްލަ މީހެއް ގާތަށް ދިޔަސް އެ މީހުން ދާނީ އެ މީހުން ގަބޫލު ކުރާ ބައެއްގެ ގާތަށް އެކަނި،" ސަލާމަތީ ހިދުމަތުގެ މުއައްސަސާއެއްގެ އިސްމަގާމުގައި ހުންނެވި އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްގެން ގެންދަނީ: ހަރުކަށިފިކުރުގެ ގިނަ ބަޔަކު ވަޒީފާއަށް ނުދޭ-- ފޮޓޯ: ހުސައިން ޝަޔާހް


ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ އަދުހަމް އަހްމަދަކީ ވެސް ޓެކްސީ ކުރަން އުޅުނު މީހެކެވެ. އޭނާގެ ބައްޕަގެ ޕިކަޕެއް ދުއްވަން އޭނާ އުޅުނެވެ. ނަމަވެސް ފަހުން އެ މަސައްކަތް ވެސް ހުއްޓާލާފައި އޭނާ ކާންބޯން މަސައްކަތް ކުރުން ހުއްޓާލި އެވެ.

ހަރުކަށި ފިކުރާ ގުޅޭގޮތުން ސުވާލު ކުރުމުން ބައެއް ޓެކްސީ ޑުރައިވަރުން ވެސް ވަނީ އެ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ބުނެފަ އެވެ. އޭގެ ތެރެއިން ބައެއް ޑްރައިވަރުން ނަޝީދަށް ދިން ހަމަލާއާ އެއްކޮޅަށް ވައިބާ ގުރޫޕުތަކުގައި ވާހަކަ ދައްކާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެ ފިކުރުގެ ޑުރައިވަރުން އުޅެނީ އެ މީހުން އެ މީހުންނާ ވަރަށް ގުޅިގެން ކަމަށް ވެސް ބައެއް ޑްރައިވަރުން ބުންޏެވެ.

"ޖަމާއަތަކު ނަމާދެއް ނުކުރާނެ. ހުކުރު ގަޑީގައި ވެސް އުޅޭނެ އެއާޕޯޓް ކިޔޫގައި ދަތުރު ހޯދަން ގޮސް. އެހެން އެ މީހުން އުޅޭނީ،" ޓެކްސީ ކުރާތާ 15 އަހަރުވެފައިވާ ޑުރައިވަރަކު ބުންޏެވެ.

ހިޖާމާ ޖެހުމާއި ރުގްޔާ ކުރުން ފަދަ ބައެއް ހިދުމަތްތަކަކީ ވެސް ބައެއް މީހުން ހަރުކަށި ފިކުރަށް ފައިސާ ހޯދަން ކޮށް އުޅޭ ކަންކަން ކަމަށް ސަލާމަތީ ބާރުގެ އޮފިޝަލް ވިދާޅުވި އެވެ.

އެންމެން ލާރި ލައިގެން އެކިއެކި ވިޔަފާރިތައް ހިންގުމާއި އޭގެން ލިބޭ އާމުދަނީ އެންމެނަށް ކޮންމެ މަހަކުވެސް ބެހުމަކީ ވެސް އެ ފިކުރުގެ މީހުން ކޮށް އުޅޭ ކަމެކެވެ. އާއްމުކޮށް އެ މީހުން ކުރާ ވިޔަފާރިތަކުގެ ތެރޭގައި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތައް ހިންގުން ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަރުކަށި ޖަމާއަތަށް ފަންޑުކުރުމަށް ރާއްޖޭގައި ފޮތި ފިހާރަތަކާއި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތަކާއި ހޮޓާތަކާއި ކަންނެލި ދޯނިތައް ހިންގަ އެވެ.

ރިޔާސީ ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު އޭރު ވިދާޅުވެފައިވާ ގޮތުގައި ހައްދުފަނަޅައި ގޮސްފައިވާ މީހުންގެ ޖަމާއަތްތައް ހިނގަނީ ސެލްތަކެއް މައްޗަށެވެ. އޭގެން ކޮންމެ ސެލްއެއްގައި ހަ އެއް ނޫނީ އަށް މީހުން ހިމެނެ އެވެ. އެތަނުން ސެލްއެއް އަތުލައިގަނެވުނަސް އެކަމަށް ހަރަދުކުރާ މީހުންނާއި އަޑީގައި ތިބި މީހުން ހޯދައެއް ނުގަނެވޭ ކަމަށް ސުއޫދު އޭރު ވިދާޅުވި އެވެ.

އެފަދަ ހަރަކާތްތަކަށް ފައިސާ ހޯދާ އަނެއް ގޮތަކަށް އޮފިޝަލް ފާހަގަކުރީ މާ ނުރައްކާ ކަމެކެވެ. އެއީ ނަން މަޝްހޫރު ބޮޑެތި ވިޔަފާރިތަކުން ލިބޭ އާމުދަނީން ވަކި ޕަސެންޓެއް ކޮންމެ މަހަކު ވެސް އެފަދަ ހަރަކާތްތަކަށް ފަންޑު ކުރާ ކަމުގެ ހެކި ލިބިފައިވާ ކަމެވެ.

"[އެ ވިޔަފާރީގެ] މޫނުމަތީގައި ހުންނާނީ ރަނގަޅު މީހެއް. އެކަމަކު އަޑި ހުންނާނީ އަނެއް ކޮޅަށް. ތިބޭނެ މީހުން ވަރަށް ރަނގަޅޭ ބުނާ މީހުން. އެކަމަކު އެމީހުންގެ ކަމަކީ އެކްސްޓްރީމިޒަމްއަށް ފަންޑު ކުރުން. ބޮޑެތި ސިންގާ ނަން މަޝްހޫރު ވިޔަފާރިތަކުން އެކަން އެބަ ކުރޭ،" ޓެރަރިޒަމްގެ އެތައް މައްސަލައެއް ތަހުގީގު ކޮށްފައިވާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ވިއްކައިގެންނާއި ބޮޑެތި ވައްކަންތައް ކޮށްގެން ވެސް އެފަދަ ޓެރަރިޒަމް ހަރަކާތްތަކަށް ފައިސާ ހޯދަ އެވެ. މާލޭގައި މިފަހުން ވެސް ބޮޑެތި ވައްކަންތައް ހިންގާފައިވާއިރު އެއީ ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ކުރާ ކަންކަން ކަމަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އޮފީސް ފަޅާލައި ތިޖޫރިތަކުން ފައިސާ ނެގުމާއި ބޭންކްތަކަށް ޖަމާކުރަން ފައިސާ ގެންދަނިކޮށް ފޭރުން ފަދަ ކަންކަން ހިމެނެ އެވެ. އެފަދަ ފޭރުންތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ އަތުލަ އެވެ.

"އެ މީހުން ގަބޫލު ކުރަނީ އެއީ ޣަނީމާ މުދާ ކަމަށް. އެހެންވީމަ ވައްކަން ކޮށްގެން ހޯދާ ފައިސާ ހުއްދަ ވާނެ ކަމަށް. އެހެންވެ އެކިއެކި ގުރޫޕުތަކާ ހަވާލުކޮށްގެން އެކަން ކުރޭ. އެކަހަލަ ކަންކަމަށް މީހުން ނަގާއިރު އެ މީހުން ވަރަށް ބަލާނެ އެ މީހުންގެ މިޒާޖަށް. ޖެހިލުން ކުޑަ މީހުން ލައްވައި އެކަން ކުރަން،" ކަންހިނގާގޮތް ބުނެ ދެއްވަމުން އޮފިޝަލް ވިދާޅުވި އެވެ.

ހައްދުފަހަނަޅާފައިވާ މީހުން އެކިގޮތްގޮތުން ހޯދާ ފައިސާ ބޭނުން ކުރަނީ އެ މީހުން ދިރިއުޅެން ބޭނުންވާ ހަރަދުތައް ކުރުމަށާއި އެ މީހުންގެ ފިކުރު ފެތުރުމުގެ އިތުރުން އެކިއެކި ކުށްތައް ކުރުމަށެވެ.

ފައިސާ ބަހަނީ ހަވާލާ ސިސްޓަމްގެ ތެރެއިން

އެފަދަ އެކިއެކި ކަންކަމުގެ ތެރެއިން ހޯދާ ފައިސާ އެ ފިކުރުގެ ގުރޫޕެއްގެ މީހުންނަށް އެ މީހުން ބަހާ އުޅެނީ ހަވާލާ ސިސްޓަމް މެދުވެރިކޮށެވެ. އެއީ އެއްވެސް ބެންކެއް ނުވަތަ ފައިނޭޝަނަލް މޮނީޓަރިން ސެކްޓާ މެދުވެރި ނުކޮށް އަތުން އަތަށް ފައިސާ ދިނުމެވެ. އެހެންކަމުން އެ ޓްރާންސެކްޝަންތައް ހެދޭ ކަމެއް ސިސްޓަމްގެ ތެރެއަކުން ފެންނާކަށް ނުހުންނާނެ އެވެ.

"އެ މީހުން އެ މީހުންގެ ތެރޭގައި ބަހަނީ. ދިރިއުޅޭ ވަރަށް ދޭ އެއްޗެއް. އޭގެން މީހަކު ހައްޔަރު ކޮށްފި ނަމަ އާއިލާގެ ހަރަދުތައް ވެސް އެ މީހުން ހަމަޖައްސާ ދޭ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރަކު ނަން ހާމަ ނުކުރަން އެދިވަޑައިގެން ވިދާޅުވި ގޮތުގައި ޓެރަރިޒަމަށް ފައިނޭންސް ކުރޭތޯ ބެލުމަށް ސިސްޓަމުގެ ތެރެއިން ހާއްސަ ސަމާލު ކަމެއް ދޭއިރު އެފަދަ މާގިނަ ކޭސްތައް ފާހަގަ ނުކުރެވެ އެވެ. ބޭންކްތަކުގެ އިތުރުން ފައިސާ ފޮނުވައިދޭ ކުންފުނިތައް މެދުވެރިކޮށް ވެސް ފައިސާ ގެންނަނަމަ ސިސްޓަމުން ފެންނާނެ އެވެ. އެހެންކަމުން ފައިނޭޝަނަލް މޮނީޓަރިން ސިސްޓަމްގެ ތެރެއިން އެފަދަ ފައިސާގެ މުއާމަލާތްތައް ކުރާ ކަމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޔަކު އަތުން އަތަށް ފައިސާ ދެނީ: ޓެރަރިޒަމަށް ފައިސާ ހޯދަނީ ހަވާލާ ސިސްޓަމްގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު


ހަވާލާ ސިސްޓަމްގެ އަނެއް ގޮތަކީ ރާއްޖޭން ބޭރުގައި ހުންނަ މީހަކާ ފައިސާ ހަވާލު ކުރުމުން ރާއްޖޭގައި ހުންނަ އެ މީހާގެ އެޖެންޓް މެދުވެރިކޮށް ބޭރުން ހަވާލުކުރި އަދަދަށް ރާއްޖޭން ނަގުދު ފައިސާ ދީގެން ފައިސާގެ މުއާމަލާތްތައް ކުރުމެވެ. އެކަން ކުރާއިރު ވެސް ބެންކެއް ނުވަތަ ފައިނޭޝަލް ސިސްޓަމެއް ބޭނުމެއް ނުކުރެ އެވެ.

"އެކަކު އަނެކަކަށް ޓްރާންސްފާ ކުރަންޏާ އެނގޭނެތާ. އެހެންވެ ސިސްޓަމްގެ ތެރެއިން އެކަން ކުރުމުގެ ފުރުސަތު ކުޑަ. ބޭންކްތައް ބައިޕާސް ކުރަން ހަވާލާ ސިސްޓަމް ބޭނުން ކުރޭ،" އޭނާ ވިދާޅުވި އެވެ.

ހަވާލާ ސިސްޓަމަކީ މަނީލޯންޑްރިން ކުރުމަށާއި ބޮޑެތި ކުށްތަކަށް ފަންޑު ކުރުމަށް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މުޖުރިމުން ބޭނުންކުރާ ގޮތެވެ. ބޭންކްތައް މެދުވެރިނުކޮށް އަތުން އަތަށް ފައިސާ ދީ ހަދަނީ ސިސްޓަމްގެ ތެރެއަށް ނުވަދެ ވަގަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ބޭނުމުގަ އެވެ.

ދެން އޮންނަ އަނެއް ގޮތަކީ ގަނޑުކޮށް ފައިސާ ރާއްޖެ ގެނައުމެވެ. ނަމަވެސް ރާއްޖެއަށް 10،000 ޑޮލަރަށް ވުރެ އިތުރަށް ފައިސާ އެތެރެކޮށް ބޭރު ކުރާ ނަމަ މިހާރު ޑިކްލެއާ ކުރަން ޖެހެ އެވެ. ކުރިން ޑިކްލެއާ ކުރަން ޖެހެނީ 30،000 ޑޮލަރުން މަތިނަމަ އެވެ. އެގޮތަށް ކުރާއިރު އެއީ ކިހިނެއް ލިބުނު ފައިސާއެއްތޯ އާއި އެ ފައިސާ ހަރަދު ކުރަނީ ކޮންކޮން ކަމަކަށްތޯ ބުނެދޭން ޖެހެ އެވެ.

ތަޖުރިބާކާރު ވިދާޅުވީ އެކިއެކި ވިޔަފާރިތައް ކުރުމަށް ރާއްޖޭން ބޭރުން ގަނޑުކޮށް ފައިސާ ގެނެސް ފަށާ ވިޔަފާރިތައް ފުޅާކޮށްގެން އެ ލިބޭ އާމްދަނީން އެފަދަ ހަރަކާތްތަކަށް ފަންޑު ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން މަނީލޯންޑާކޮށްގެން ވިޔަފާރިތައް ރާއްޖޭގައި ފަށައިފައިވާ ކަމަށް ތަޖުރިބާކާރުން ތުހުމަތު ކުރެ އެވެ. މަނީލޯންޑާ ކުރުމަކީ ކުށްކޮށްގެން ހޯދާ ފައިސާ ބޭނުން ކުރުމެވެ.

މާލީ ދާއިރާގެ އެހެން ތަޖުރިބާކާރަކު ވެސް ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި އިންވެސްޓްމަންޓްތަކުގެ ނަމުގައި ކަޅުފައިސާ ރާއްޖެއަށް ގެނެސް ބޮޑެތި ވިޔަފާރިތައް ފަށާފައި އެބަހުއްޓެވެ. އިންވެސްޓް ކުރަން ފައިސާ ގެންނަނީ ވިޔަފާރިއެއް ފެށުމަށް ހަދަން ޖެހޭ އެގްރިމެންޓްތަކާއި ޕްރޮސެސްތައް ފުރިހަމަ ކޮށްގެން ކަމަށާއި ނަމަވެސް އެ ވިޔަފާރިތަކުގެ ސިއްރަކީ ބައެއް ކަހަލަ ހަރަކާތްތަކަށް ފަންޑު ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރު ބަޔަކާ އެގްރިމެންޓް މިހަދަނީ މިއީ މިވެނި ކަމެއް ކުރަން އިންވެސްޓް ކުރާ ފައިސާ ކަމާއި މި ފައިސާ ދައްކާނީ މިވެނި ގޮތަކަށް ކަމަށް. އޭރުން ބޭންކަށް ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއް އެބަ ކުރޭ. އޭރަށް ބޭންކަށް ސުވާލެއް ނުކުރެވޭނެތާ،" އޭނާ ވިދާޅުވި އެވެ.

އެގޮތަށް ފަށާ ވިޔަފާރިތަކުން ސީއެސްއާރުގެ ނަމުގަ އާއި އެކި މީހުންނަށް މުސާރާގެ ނަމުގައި ފައިސާ ސިސްޓަމްގެ ތެރެއިން އެފަދަ ހަރަކާތްތަކަށް ނެރެ ހަވާލާ ސިސްޓަމްގެ ތެރެއިން ބޭނުން ކުރާކަން ފާހަގަ ކުރެވޭ ކަމަށް ތަޖުރިބާކާރު ވިދާޅުވި އެވެ. ރާއްޖޭގެ ވިޔަފާރިތަކުން ޓެކްސް ދައްކަން ޖެހޭވަރު މީރާއިން ބެލިނަމަވެސް ދެން ލިބޭ ފައިސާ ހަރަދު ކުރާ ގޮތްތައް އެހާ ރަނގަޅަށް ސިސްޓަމްގެ ތެރެއިން އަދި މޮނީޓާ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންގެ އަދަދާއި ދޭވަރާއި، ގަވައިދުން މަސައްކަތް ކުރޭތޯ، ސީއެސްއާރަށް ހަރަދު ކުރަނީ ކިހާ ވަރެއްތޯ އާއި ޑިރެކްޓަރުންގެ ނަމުގައި މުސާރަ ދޭ ގޮތާ މިކަންކަން ރާއްޖޭގައި ނުބަލާ. ވިޔަފާރިއަކަށް ހައްގު އެބައޮތްތާ ކޮންމެ މަހަކު ފަސް ހާސް ރުފިޔާ މިސާލަކަށް ކުޑަކުދިންގެ ހިޔާއަށް ދިނުން. އެގޮތަށް ދޭ ހުރިހާ ފައިސާއެއް ފަހަތުން ގޮސް ބެލުމަކީ ފަސޭހަ ކަމެއް ނޫން،" ގިނަ އަހަރުތަކެއް ވަންދެން މާލީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ހަވާލާ ސިސްޓަމްގެ ތެރެއިން ކުށްކުރުމަށް އެތައް ގޮތަކުން ފައިސާ ބޭނުން ކުރާއިރު ސުވާލަކީ އެކަން ބެލޭނެ ހަމަ އެއްގޮތެއް ވެސް ނެތީތޯ އެވެ؟ ނުހައްގު މުއްސަދިކަން ހޯދުން ކުށަކަށް ވަރަށް ފަހުން މިވަނީ ހަދައިފަ އެވެ. އަދި މަނީލޯންޑާ ކުރުމަކީ ވެސް ބޮޑު ކުށެކެވެ. އެހެންކަމުން ރަނގަޅު ތަހުގީގެއް ކޮށްފިނަމަ މިކަންކަމުގެ ތެރެއިން އެ މައްސަލަތައް ބަލައި ހޯދޭނެ އެވެ.

ކުރިން ވާހަކަ ދެއްކި މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ހަވާލާ ސިސްޓަމް ބޭނުން ކުރި ނަމަ ވެސް ސެކަންޑްރީ އެވިޑެންސް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން އެކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ކަންކަން ވަރަށް ގާތުން ބަލައިފިނަމަ އެ މީހުން ފައިސާގެ މުއާމަލާތްތައް ކުރާގޮތް ސިސްޓަމްގެ ތެރެއިން ވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ގަވައިދުން ކުރަންޏާ ސިސްޓަމުން ފެންނާނެ. ސެކަންޑްރީ އެވިޑެންސް ފެންނަން ހުންނާނެ. ބަލަން އުޅުނީމައި ފެންނާނެ އެކަމަކު އެއީ ވަރަށް ބުރަ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ހައްދުފަހަނާޅާއި ދިއުމަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. އެ މީހުންގެ އަމަލުތަކުން މުޅި ގައުމަށް މިވަނީ ނުރައްކާވެފަ އެވެ. އެ މީހުން އެހަރަކާތް ހިންގަނީ ވަރަށް ވެސް ރޭވުންތެރިކަމާއެކު އެވެ. އެތައް ގޮތަކުން ފައިސާ ހޯދާއިރު އެ ފައިސާތައް ދައުރު ކުރަނީ ހަވާލާ ސިސްޓަމްގެ ތެރެއިންނެވެ.