Advertisement

މީހުން ރަހީނުކޮށް އޮރިޔާން ކާޑު އުފައްދައިގެން ފައިސާ ފޭރޭ ދެމަފިރިންގެ ބަންދު އިތުރުކޮށްފި

10 ޖޫން 2024 - 18:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މީހުން ރަހީނުކޮށް އޮރިޔާން ކާޑު އުފައްދައިގެން ފައިސާ ފޭރޭ ދެމަފިރިންގެ ބަންދު އިތުރުކޮށްފި

10 ޖޫން 2024 - 18:43 0

މީހުން ރަހީނުކުރުމަށް ފަހު ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައިގެން، ބިރު ދައްކައި ފައިސާ ފޭރޭ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ދެމަފިރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކައިވެނިކޮށްގެން އުޅޭ، އުމުރުން 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނަކު މި ތުހުމަތުގައި ހައްޔަރުކުރީ މެއި 26، ގަ އެވެ. އޭރު ފިރިމީހާގެ ބަންދަށް 15 ދުވަސް އަދި އަނބިމީހާގެ ބަންދަށް 10 ދުވަސް ޖެހި އެވެ.

އަންހެން މީހާގެ ބަންދު މުއްދަތު ހަމަވެގެން އިތުރު 15 ދުވަސް ކޯޓުން ދިނީ މިދިޔަ ބުދަ ދުވަހުގަ އެވެ. ފިރިހެން މީހާގެ ބަންދު މުއްދަތު ހަމަވެގެން ކޯޓަށް ގެންދިޔައީ މިއަދެވެ. އޭނާގެ ބަންދަށް ވެސް އިތުރު 15 ދުވަސް ކޯޓުން ޖަހާފައިވެ އެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ފިރިހެނަކު ވެސް މިއަދު ކޯޓަށް ހާޒިރުކުރި އެވެ. އޭނާގެ ބަންދަށް ވެސް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ތުހުމަތު ކުރަނީ މި ކުށުގެ އަމަލުގައި ދެމަފިރިންނާއެކު އިތުރު ބަޔަކު ވެސް ބައިވެރިވެ އެވެ. އެއީ ޖަމާއަތެއް ހަދައިގެން ހިންގާ ކުށެއް ކަމަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

މި ފަހަކަށް އައިސް، މީހުންނަށް އޮޅުވާލައިގެން އެޕާޓްމަންޓަކަށް ގެންގޮސް މިފަދަ ގޮތަކަށް ބިރު ދައްކައިގެން ފޭރޭ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެފައިވެ އެވެ.

މި މަހު ތިން ވަނަ ދުވަހު ހިޔާ ފްލެޓް ސަރަހައްދުގެ އެޕާޓްމަންޓަކަށް ކުއްޔަށް ދޫކުރާ ތަނެއް ކަމަށް ބުނެ މީހުން ގެންގޮސް ފޭރެން އުޅެނިކޮށް ބަޔަކު އެ ގްރޫޕް ހޯދައި ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ.

މި މަހު ފުރަތަމަ ދުވަހު ވެސް ހިޔާގެ އެޕާޓްމަންޓެއްގައި އުޅޭ އަންހެނަކާއި ފިރިހެނެއް ބަންދުކޮށްފައިވެ އެވެ. އެ މީހުނަށް ވެސް ތުހުމަތުކުރަނީ މީހުން ރަހީނުކޮށް ބިރު ދައްކައިގެން ފޭރެން އުޅުނު ކަމަށެވެ.

މިދިޔަ މަހު ފަހުކޮޅު ފުލުހުން ބުނެފައިވަނީ އެކި ވާހަކަ ދައްކައި ހައްދާލައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރެއްގެ އެޕާޓްމަންޓުތަކަށް މީހުން ގެންގޮސް ފޭރޭ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ކަން ވަރަށް އާންމު ކަމަށާއި، ގިނަ މައްސަލަތަކެއް ފުލުހަށް ރިޕޯޓުކުރާތާ މަސްތަކެއް ވެއްޖެ ކަމަށް ހިޔާ ފްލެޓް ސަރަހައްދުގައި އުޅޭ ބައެއް މީހުން ކިޔައިދީފައިވެ އެވެ.