Advertisement

ތުރުކީ ބޯޑަރުން ކިރިޔާ އަތުލައިގަނެވުނު ނާޒިމް އަދިވެސް "ކަސްތޮޅުގައި"!

ހުޅުމާލެއިން ބުރާސްފަތި ދުވަހު ހައްޔަރުކުރި ނާޒިމް: ހަމަލާއެއް ރާވަމުން ދިޔަ ކަމުގެ ތުހުމަތަށް ބުރާސްފަތިދުވަހު ވަނީ ހައްޔަރުކޮށްފައި.


ތުރުކީ ބޯޑަރުން ކިރިޔާ އަތުލައިގަނެވުނު ނާޒިމް އަދިވެސް "ކަސްތޮޅުގައި"!

"އަހަރެން ފުރަތަމަ ވެސް އެހީ އަންނި [ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު] އަށް ދިން ހަމަލާގަ މީނަ ބައިވެރިވީހޭ. ބަލާފާސްކުރަން ދިޔަ ފުލުހުން ބުނި ދައްތާއޭ އެ ތުހުމަތެއް އަދި އެއް ނެތޭ. އެކަމަކު މީނާގެ މައްޗަށް ކުރެވޭ ވަރަށް ބޮޑެތި ތުހުމަތުތަކެއް އެބަހުއްޓޭ،"

މުހައްމަދު ނާޒިމު ދިރިއުޅުނު ގޭގެ ވެރިން 'އަދަދު' އަށް ކިޔައިދިނެވެ.

އެ ތުހުމަތުގެ ލިސްޓު ދިގެވެ؛ އާދައިގެ ދިރިއުޅުމެއްގައި އުޅޭހެން ސިފަވިޔަސް ނާޒިމްގެ "އަނދިރި ހަޔާތް" ނުރައްކާތެރިކަން އެ ތުހުމަތުތަކުން އެނގެ އެވެ. ވަރަށް ސިއްރުން، ރާވައި ހިންގި އަމަލުތަކުގެ މިސްރާބު ހުރީ އަނިޔާވެރިކަމާ ދިމާލަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ފުލުހުން އަންނަނީ ހައްދުފަހާނާޅާފައިވާ ފިކުރުގެ މީހުން ހޯދަމުންނެވެ. އެ އޮޕަރޭޝަން ހުޅުމާލޭގައި ހިންގުމަށް ފަހު ފުލުހުން ހަމައެކަނި ބުނެފައި ވަނީ 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން ފުލުހުން ހިންގާ އޮޕަރޭޝަން: މާލެ އާއި އަތޮޅުތަކުން ވެސް ދަނީ މީހުން ހައްޔަރުކުރަމުން. -- ފޮޓޯ/އަދަދު


އެކަމަކު "އަދަދު"ން އެކަމުގެ ތަފްސީލް ހޯދިއިރު، ބުރާސްފަތި ދުވަހު ހުޅުމާލެއިން ހައްޔަރުކުރީ، ހުޅުމާލޭ 84 ނަންބަރުގެ ފްލެޓް އިމާރާތުގެ އެޕާޓްމެންޓެއްގައި ދިރިއުޅޭ، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމެވެ. އޭނާ ހައްޔަރުކުރުމަށާއި، ދިރިއުޅޭ ތަން ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނަގާފައި އޮތީ ވެސް ބުރާސްފަތި ދުވަހު ހެނދުނު އެވެ.

"ކޯޓު އަމުރު ހިފައިގެން ވަރަށް ގިނަ އަދަދެއްގެ ފުލުހުން ގޭތެރެއަށް އައިސް ވަނީ. ވަދެ ނާޒިމު ހައްޔަރުކޮށް، އޭނާގެ ކުރިމަތީގަ މުޅި ގެ ބަލައި ފާސްކުރުމަށް ފަހު ދިޔައީ. އެއްވެސް އެއްޗެއް ނުގެންދޭ،" އޭނާގެ އާއިލާގެ މީހަކު ބުންޏެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކޮށްފައިވާއިރު، އެ ހަމަލާގައި ނާޒިމު ބައިވެރިވި ކަމުގެ ތުހުމަތެއް ކޯޓު އަމުރުގައި ނުކުރެ އެވެ. އޭނާގެ މައްޗަށް ހުރީ އެހެން ތުހުމަތު ތަކެކެވެ. އެކަމަކު ފިތްކަނޑައިގެންދާ ވަރުގެ ބޮޑެތި ތުހުމަތުތަކެކެވެ.

ހަރުކަށި ފިކުރުގެ "ބޮޑެއް"، ހަމަލާއަކަށް ތައްޔާރުވި ކަމުގެ ތުހުމަތު!

ނާޒިމު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް ފުލުހުން ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އެއީ؛

  • ހަރުކަށި ފިކުރު ކުރިއެރުވުމަށްޓަކައި މާލޭ ސިޓީ ސަރަހައްދުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުން
  • އިސްލާމްދީނުގެ ނަމުގައި ހަރުކަށިފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބޭއްވުން
  • ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުން
  • ޓެރަރިސްޓް ޖަމާއަތްތަކަށް ތާއިދުކުރުން
  • ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކިއެކި ގައުމުތަކުގައި ހިންގާ ދާހިލީ ހަނގުރާމަތަކަކީ ސަބަބުވެރި އަމަލެއް ކަމުގައި ދައްކުވައި ޖިހާދަށް މީހުން ފޮނުވުން
  • ޖިހާދަށް މީހުން ރެކްރޫޓްކުރުން
  • ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ފަރާތްތަކުން ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތު

"ހަނގުރާމައަށް ދިޔައީކަން އެނގުނީ ގެއްލިގެން ހޯދުމުން"

ރަށުގައި، ދިރިއުޅުނު ނާޒިމު ކުއްލިއަކަށް މުޅިން ބަދަލުވެ، އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ހަރަކާތްތަކެއްގެ ތެރޭގައި އޭނާ "ކަސްތޮޅު" އެޅުނު ގޮތެއް އާއިލާއަކަށް ނޭނގެ އެވެ. އޭނާގެ ގަބޫލުކުރުންތަކެއްގެ މަތީގައި، ދެމިހުރިއިރު އެހެން ވިސްނުމެއް ފިކުރެއް ނާޒިމަކަށް މުހިއްމެއް ނޫނެވެ. މި ފަހަކަށް އައިސް އުޅެމުންދާ ގޮތުން އާއިލާއަށް އެކަން ސާފެވެ.

ނާޒިމްގެ އުފަން ރަށް އއ. މާޅޮސް: އޭނާ ބަދަލުވީ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކަމަށް އާއިލާ އިން ގަބޫލުކުރޭ.


ނާޒިމް ވަޒީފާ އަދާކުރީ ރިސޯޓުތަކުގަ އެވެ. އަށެއްކަ އަހަރު ވަޒީފާގައި އުޅުނު 27 އަހަރުގެ ނާޒިމް ހަރުކަށި ފިކުރަށް ބަދަލުވިތާ މާ ގިނަ އަހަރުތަކެއް އަދި ނުވެ އެވެ. ކަންކަން ހިނގައި ދިޔަ ގޮތުން، އާއިލާގެ ހިޔާލުތައް ނުއަތަށް އަނބުރާލާއިރު، ނާޒިމު ހަރުކަށި ފިކުރަށް ބަދަލުވީ އާއިލާއިން ގަބޫލުކުރާ ގޮތުގައި ރިސޯޓުގައި އުޅެމުން ދަނިކޮށެވެ.

އ. އަތޮޅު ހިންގާ މަޝްހޫރު ދެ ރިސޯޓެއްގައި އޭނާ އުޅުނެވެ. ނަމަވެސް، މީގެ ދެ އަހަރު ނުވަތަ ތިން އަހަރު ކުރިން ދަތުރުވަރެއްގައި މާލެއަށް ދިޔަ އެވެ. އާއިލާ އިން ހީކުރީ އާދައިގެ ދަތުރެއް ކަމަށެވެ. އިންތިޒާރުކުރީ އެނބުރި އަންނާނެ ކަމަށެވެ. މި އުއްމީދުގައި އާއިލާ ތިބިއިރު، ނާޒިމުގެ ނިޔަތް މުޅިން ތަފާތެވެ.

"މާލެ ދިއުމާ އެކު ދަރިފުޅުގެ ހަބަރެއް ނުވެގެން، ފޯނަށް ވެސް ނުގުޅިގެން އުޅެތީވެ، އަޅުގަނޑު ވެސް މާލެ ދިޔައިން. މައްސަލަ ޕޮލިހަށް ހުށަހެޅީމަ އެނގުނީ ރާއްޖޭން ބޭރަށް ފުރާފައިވާކަން. ޖިހާދަށް ސީރިޔާއަށް ދާން މަސައްކަތްކުރާކަން ވެސް،" އާއިލާ މީހަކު ބުންޏެވެ.

ނާޒިމް: މި ފަހުން އޭނާގެ ފަރާތުން ހައްދުފަހަނާޅައި ދިއުމުގެ ފިކުރާ ގުޅޭ ކަމެއްގައި އުޅޭހެން ހީނުވިޔަސް ފުލުހުން ކުރަނީ ސީރިއަސް ތުހުމަތުތަކެއް.


ނާޒިމް ގެއްލުނީ ކަމުގެ ހިތްދަތިކަން އާއިލާއަށް ވެރި އެވެ. އެކަމަކު ކަންދިމާކުރި ގޮތުން، ނާޒިމާއި އޭނާގެ ދިވެހި އެކުވެރިން ސީރިޔާއަށް އެތެރެވުމުގެ ކުރިން ހައްޔަރުކޮށް މާލެ ގެނެވުނެވެ. އެއަށް ފަހު، ލީ ޖަލަށެވެ. ޖަލުގައި ސާޅީހަކަށް ދުވަހު ބެހެއްޓުމަށް ފަހު ދޫކޮށްލި ކަމަށް އާއިލާއިން ބުނެ އެވެ.

ހަރުކަށި ވިސްނުމުގައި ދިވެހި ދައުލަތަކީ ކާފަރު ދައުލަތެކެވެ. މިސްކިތްތަކުގައި ނަމާދު ކުރަނީ ވެސް ރަސޫލާ އަންގަވާފައިވާ ގޮތަށް ނޫން ކަމަށް އެމީހުން ދެކެ އެވެ. ނަމާދުގެ ޖަމާއަތުގައި އެމީހުން ބައިވެރިނުވަނީ މިގޮތަށް ގަބޫލުކުރާތީ އެވެ.

ނާޒިމު ޖަލުން ދޫކޮށްލިއިރު، އޭނާގެ ހަރުކަށި ވިސްނުމަށް ބަދަލު އައިސްފައިވާކަމަށް ބެލެވިދާނޭ ކަންތައްތަކެއް އޭނާގެ ފުށުން ފެނުނެވެ. އަހަރެއްހާ ދުވަސް ވަންދެން ރަށުގެ މިސްކިތުގެ ޖަމާއަތަށް ނަމާދަށް އެރި އެވެ. ހުކުރަށް ވެސް ދިޔަ އެވެ. ނަމަވެސް އަނެއްކާވެސް މަޑުމަޑުން ބަދަލުވާން ފެށީ އެވެ.

"ފަހުން ފަހުން އައިސް ޖަމާއަތަކަށް ހުކުރަކަށް ވެސް ނުދޭ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިފަހުން މާލެ އައީ ލައިސަންސް ނަގަން، އެނބުރި ރަށަށް ނުދިޔަ!

ސީރިއާ އަށް އެތެރެވާން ގޮސް ހުއްޓައި ތުރުކީ ބޯޑަރުން ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ޖަލުން ދޫވި ފަހުން ވެސް ނާޒިމް މުސާރަ ލިބޭ ވަޒީފާއެއް އަދަދެއް ނުކުރެ އެވެ. އަމިއްލަ މަސައްކަތުގެ ގޮތުގައި ކަނޑު މަސްވެރިކަމާއި ފަރުމަސްވެރިކަމަށް ދިޔަ އެވެ. ރަށުގައި އެހެން ބައެއް މަސައްކަތް ވެސް ކުރި އެވެ. ކައިވެންޏެއް ކޮށްފައި ނެތް ނާޒިމް މިފަހަރު މާލެއަށް ބަދަލުވީ މީގެ ތިން މަހެއްހާ ދުވަސްކުރިންނެވެ. ދިރިއުޅުނީ އާއިލާގެ ބައެއްގެ ގާތުގަ އެވެ.

"އޭނާ މިފަހަރު އައީ ޕިކަޕާއި ސައިކަލްގެ ލައިސަންސް ނަގަން. ނަމަވެސް ކޮވިޑް ތެރޭގައި އެކަންކަން ކުރުމަށް އުނދަގޫތަކެއް ހުރިކަމަށް ބުނެ، ދާން ފެށީ އެމްޕީއެލް ސަރަހައްދުގެ މަޖޫރީއަކަށް،" ނާޒިމްގެ ބޭބެއަކު ކިޔައި ދިނެވެ.

ނާޒިމް ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އުޅުމާ މެދު ކަންބޮޑުވީ ނަމަވެސް އޭނާގެ ފުށުން ހަރުކަށި ފިކުރުގެ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ނާޒިމު ދިރިއުޅުނު ގެއިން ވާހަކަ ދެއްކި މީހުން ކިޔައިދިނެވެ.

"އަޅުގަނޑުމެންނަށް އޭނާގެ ފަރާތުން ގޯސް ކަމެއް ފާހަގައެއް ނުކުރެވޭ. އެ ބާވަތުގެ ވާހަކަތަކެއް ވެސް ނުދައްކާ."

އެކަމަކު، ނާޒިމްގެ ސިކުނޑި އަދިވެސް އެނބުރެނީ ދީނުގެ ނަމުގައި ނުރައްކާތެރި ކަންތައްތަކެއްގައި ކަން އެނގެނީ ފުލުހުން އޭނާއަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތަކުންނެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު ހިންގަމުން އަންނަ އޮޕަރޭޝަންގައި ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތަށް މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ. މި މީހުންނާ ނާޒިމާ ގުޅުން އޮތް ކަމެއް އަދި ޔަގީނެއް ނޫނެވެ. އެކަމަކު މީހުން މަރަން ފަސްނުޖެހޭ މިންވަރަށް ނުރައްކާތެރި އެތައް ސަތޭކަ ބަޔަކު ތިބި ކަން ފުލުހުން ބުނެފައިވެ އެވެ. އެ މީހުންގެ ގަބޫލުކުރާ ކަންތައްތައް ހާސިލްކުރަން އަމިއްލަ ފުރާނަ ދުއްވާލަން ވެސް ތައްޔާރެވެ.

ނާޒިމް ވެސް "ކަސްތޮޅު" އެޅިފައި ވަނީ މިހުން މަރަން ފަސްނުޖެހޭ ނުރައްކާތެރި ފިކުރުންނެވެ. ދެ ވަނަ ފަހަރަށް މިހާރު އެ އޮތީ ޖަލު ގޮޅީގަ އެވެ.