Advertisement

"ނަޝީދު ހީފުޅުކުރެއްވީ ހަށިކޮޅަށް ބަޑިއެއް ޖެހީއޭ"

13 މޭ 2021 - 09:20 2

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު


"ނަޝީދު ހީފުޅުކުރެއްވީ ހަށިކޮޅަށް ބަޑިއެއް ޖެހީއޭ"

13 މޭ 2021 - 09:20 2

"ފުރަތަމަ ހީކުރެއްވީ ބަޑިއެއް ޖެހީއޭ، ތިމަންނައާ ދިމާލަށް އެންމެ އުންޑައެކޭ އައީ،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ސަލާމަތްކުރަން ހޭނައްތައިގެން ކުރި 16 ގަޑިއިރުގެ ސާޖަރީތަކަށް ފަހު، ހޭއެރުމުން ފުރަތަމަ ދެއްކެވި ވާހަކަފުޅުތައް ހިއްސާކުރައްވަމުން ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު އަންގާރަދުވަހުގެ ރޭ ވިދާޅުވި އެވެ.

ނަޝީދަށް ފުރަތަމަ ގަބޫލުކުރެއްވުނު ގޮތުގައި ތިއޭޓަރުގައި ވެސް ހޭދަވީ އެންމެ ދެތިން ގަޑިއިރެވެ. އެންމެ ބޮޑުވަރަކަށް ވީ ކަމަކީ ފަޔަށް ކޮންމެވެސް އަނިޔާއަށް ލިބިވަޑައިގަތުމެވެ. ކެނެރީގެ އިން ނުކުމެވަޑައިގަތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ދިމާވި ކަންކަން ރަނގަށް ހަނދާނަށް އަންނަން ވަގުތުކޮޅެއްވެ ފަހުން ކޮންމެވެސް ވަރަކަށް އެ ވާހަކަ ދެއްކެވި އިރު އެއީ ވެދާނެ ކަމަށް "ސިކުނޑި ތެރޭގައި ނެތް" ކަމެއްގެ ގޮތުގައި ނުދައްކަވާ ނާޝިދު ވިދާޅުވި އެވެ.

މަންމާފުޅާ ބައްދަލުވުމުން ވެސް ދެއްކެވީ ހުރިހާ ކަމެއްގައި އަބަދުމެ އެ ނެރުއްވާ ހިތްވަރެވެ؛

"ތިމަންނަ ރަނގަޅުވާނެއޭ،" ނާޝިދު ވިދާޅުވި އެވެ.

ނަޝީދު، ބައްޕާފުޅާއި މަންމާފުޅު އަދި ބޭބޭފުޅު ނާޝިދާ އެކު.


އޭނާ ވިދާޅުވި ގޮތުގައި ހަށިކޮޅުގެ ޒަހަމްތައް ފަސޭހަވަންދެން ވެސް އެގޮތަށް އޮންނަވަން ނަޝީދު ބޭނުންފުޅު ނުވެ، ދެން ފެނުނީ ރަސްމީ މަސައްކަތަށް އެނބުރިވަޑައިގަތް ތަނެވެ. އެމަނިކުފާނަށް ކުރިމަތިވި އެ ހަމާލާއިން މާޔޫސްވެވަޑައިގަތުމެއް ނުދައްކަވައި އެކި މީހުންނާ ކުރިން ހަވާލުކުރައްވާފައިވާ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރައްވަން ފެއްޓެވީ ކަަމަށް ނާޝިދު ވިދާޅުވި އެވެ.

"އެންމެ ކުޑަވެގެން، ތިމަންނަ ދެ ކުއްޖަކު ލައްވައި އެއްޗެއް ކުރައްސަމޭ. އެ މީހުން ކައިރީ ބުނާށޭ ނިންމައިގެން ގެންނަން. ރައްޔިތުންގެ މަޖިލިސް 17 ގައި ހުޅުވަން ދާނަމޭ، ދެވޭނެ ނޫންހޭ." ނަޝީދަކީ އެއްތަނެއްގައި މަޑުން އިށީންނެވޭނެ ބޭފުޅެއް ނޫން ކަން ފާހަގަކުރައްވަމުން ބޭބޭފުޅު ވިދާޅުވި އެވެ.

ނަޝީދުގެ މި ފޫހިވުމެއް، މެދުކެނޑުމެއް ނެތް ސިޔާސީ މަސައްކަތްތަކާއި ޖެހިލުންވުމެއް ނެތި އަމާޒުކުރައްވާ ބަސްފުޅުތަކަކީ ރާއްޖޭގައި އެމަނިކުފާނު އެންމެ "ހައި ރިސްކް" ބޭފުޅާއަށް ވެފައިވާ ސަބަބެވެ. ކުރިމަތިވެވަޑައިގެންފާނެ ކަމެއްގެ ބިރަށް ފަހަތަށް ޖެހިވަޑައެއް ނުގަންނަވަ އެވެ.

މިކަމުގައި އާއިލާއަށް އޮންނަ ޖެހިލުންވުމެއްގައި, ބޮޑުދައިތާފުޅުމެން ދޭތެރެއަކުން "ދަރިފުޅާ ތިކަން ހުއްޓަންވީ ނޫން ހޭ" ވިދާޅުވިއަސް ނެރުއްވަނީ ހިތްވަރު ކަމަށް ނާޝިދު ވިދާޅުވި އެވެ.

މި ހިތްވަރު: އާއިލާއަށް އޮތް ޔަގީންކަން

ބޮމެއް ގޮއްވާލައި އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުނު 16 ގަޑިއިރުގައި ވެސް އާއިލާއަށް އޮތް އުއްމީދަކީ، ނާޝިދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ކަންކަމުގައި ނެރުއްވާ ހިތްވަރު ދޫކޮށް ނުލައްވާނެ ކަމެވެ.

ނަޝީދަށް ކުރިން ކުރިމަތިވެވަޑައިގަންނަވާ ކަންކަމުގައި އާއިލާ ނުވެއްޓޭހާ ހިތްދަތިކަމެއް މިފަހަރު ތަހައްމަލްކުރަން ޖެހުނެވެ.

ސިޔާސީ މަސައްކަތުގައި އުޅުއްވާއިރު ނަޝީދަށް އެކި ފަހަރުމަތިން އެކި ކަހަލަ ކަންކަން އޮތީ ކުރިމަތިވެވަޑައިގެންފަ އެވެ. އެހެންވެ، ހައްޔަރުކޮށް ޖަލަށް ގެންގޮސްފާނެ ކަމުގެ ބިރު އާއިލާ އަށް އޮތީ ކެނޑިފަ އެވެ. މި ނޫން ވެސް އެކި ތަޖުރިބާ އެކި ދުވަސްވަރު ތަފާތު ގޮތްގޮތަށް ކުރެއްވި އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ނަޝީދަށް އަދި އާއިލާއަށް ވެސް އެމަނިކުފާނު ތޭރިތަކުގެ ތެރެއިން ނުކުމެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮވެ އެވެ.


އެކަމަކު މި ފަހުން ކުރިމަތިކުރިވި ހާލަތު އާއިލާއަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް ސިފަކުރެއްވުނީ، ނާޝިދު ވިދާޅުވި ގޮތުގައި، ޓެރަރިސްޓު ހަަމަލާއަކުން ނަޝީދަށް އަނިޔާވެރިވެ އާއިލާއަށް ގެއްލުންދީފި ކަމުގެ އިހްސާސެވެ.

ނަޝީދަށް ނުރައްކާ އޮތަސް ނާޝިދުގެ ސިކުނޑީގައި ވެސް އޮންނަނީ އެމަނިކުފާނަށް "އެ ވަރެއް ނުކޮށްލެވޭނެ" އެވެ. ސިޔާސީ މީހުން ރާއްޖޭގައި މަރާފައި ހުއްޓަސް އެފަދަ ކަމެއް ނަޝީދަށް ވެދާނެއޭ ހިތަށް އަރުވާކަށް ނާޝިދު ބޭނުންފުޅެއް ނުވެ އެވެ.

އެކަމަކު އެ ނުރައްކަލުގެ ތެރެއަށް ވައްޓާލުމުން، ނޭވާ ހިފަހައްޓާލައިގެން ތިބެ ޑޮކްޓަރުންގެ ޖަވާބަށް ކުރި އިންތިޒާރަކީ މިހާތަނަށް އާއިލާއަށް ތަހައްމަލްކުރަން ޖެހުނު އެންމެ ހިތްދަތި ވަގުތުކޮޅު ކަމަށް ވިދާޅުވި އެވެ.

"ވެފައި އޮތް ވަރު ކިޔައިދިނީމަ ފައިން ވާގިދޫވި"

ނަޝީދަށް އަމާޒުކޮށް ނީލޯފަރުހިނގުމުގައި ބޮމެއް ގޮއްވާލި އިރު ނާޝިދު ހުންނެވީ ކަސްރަތު ކްލާހެއްގަ އެވެ. އެއްފަހަރާ މާ ގިނަ ފޯނު ކޯލުތަކެއް ހުރުމުން ކަމެއް ވީ ކަމުގެ އިހްސާސާއެކު ފުރަތަމަ ގުޅުއްވީ ބައްޕާފުޅަށެވެ. ކޮންމެވެސް އެއްޗެއް ގޮވައިގެން ނަޝީދު އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވުމުން އެންމެ ފަސޭހައިން ދެވޭނެ ގޮތަށް ހޮސްޕިޓަލުގެ ތެރެއަށް ވަދެވަޑައިގަތުމަށް ގިނައިރުތަކެއް ނުނަގަ އެވެ.

އޭރު ނަޝީދު ހާލަތެއް ރަނގަޅަކަށް ނޭނގެ އެވެ. ޑޮކްޓަރުންގެ ޓީމުން ކުރަމުން އައި ކަމަކީ އަތާއި ފައި އަދި ހަށިކޮޅުން ފައިބަމުން ދިޔަ ލޭ މަނާކުރުމެވެ. އޭގެ ފަހުން ސްކޭން ރޫމުން ނުކުމެވަޑައިގަތް ޑޮކްޓަރުން ދެއްވި މެސެޖާ އެކު އާއިލާއަށް ވެރިވީ ހިތާމައިގެ ވަގުތުކޮޅެކެވެ.

"ވަރަށް ވަރަށް، ޑެމެޖް ބޮޑޭ، ތިމަންނަމެންނަކަށް ނޭނގެއޭ. ބަލާނަމޭ، އެއީ ވަރަށް އެހެން ކަހަލަ ވަގުތުކޮޅެއް،" ނާޝިދު ވިދާޅުވި އެވެ.

"މިހާވަރުވެފައޭ ކިޔައިދިން އިރު ފައިން ވާގިދޫވާ ވަރު ވި."

ނަޝީދުގެ ހާލަތު ޑޮކްޓަރުން ސިފަކޮށްދެއްވައި ކުރިއަށް ސާޖަރީތަކެއް ހުރި ކަމަށް ވިދާޅުވުމާ އެކު މުޅި އާއިލާ އަށް "ހުއްޓުން އެރީ" އެވެ. އައިއީޑީ ގޮއްވާލައި ދޭ ޒަހަމްތައް ބޮޑުކުރަން އޭގެތެރެއަށް އަޅާފައި ހުރި ރޭޒަ ފުއްތައް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލާފައި ހުރުމުން ފުލުފުލުގައި އަވަސް ސާޖަރީތަކެއް ޑޮކްޓަރުން ކުރަން ޖެހުނެވެ. އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރުން އެ ސާޖަރީތަކާ ގުޅިފައި އޮތް ކަން އާއިލާއަށް ކިޔައިދީ، ތިން ޓީމަކުން ސާޖަރީއަށް ތައްޔާރަށް ތިބި ކަން ވެސް ހިއްސާކުރި އެވެ.

އޮޕަރޭޝަން ތިއޭޓަރުގައި ހޭދަވި 16 ގަޑިއިރު، ނާޝިދު ވިދާޅުވި ގޮތުގައި، އިހްސާސްވީ ފައިން ވާގި ދޫވެފައި ހުރި ކަމެވެ. ނަޝީދުގެ ހަށިކޮޅުގެ އެކިތަންތަނުން ފަޅައިގެން ރޭޒަ ފުއްތައް ނަގަމުން ގޮސް ޑޮކްޓަރުންނަށް އުނދަގޫވީ ފަޔަށް ވަދެފައި އިން އެތިކޮޅު ނަގަން ޖެހުނު ގޮތެވެ. ޑޮކްޓަރުން ނުދެއްކިއަސް ތިއްބެވީ ހާސްވެފައި ކަން އެކަމަށް ކުރެއްވި މަސައްކަތް ފަހުން ޑރ. ނިޔާފް ކިޔައިދެއްވުމުން ސާފުވި ކަމަށް ވިދާޅުވި އެވެ. ސާޖަރީއަށް ފަހު އެކަމުގެ ބޮޑުކަން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ކިޔައިދެއްވައިފަ އެވެ.

"އަޅުގަނޑު އެހިން، ތިން ހަތަރު ފަހަރު، ލަފާކުރާ ޕަސެންޓޭޖެއް ބުނެވިދާނެހޭ، އާއްމުކޮށް މިކަން ކުރީމަ ވާވަރެއް ބުނެވިދާނެހޭ. ގަޑިއެއް ވެސް ނުދިން. އާއްމުކޮށް ގަޑިއެއްގެއިރު ނެގިއަސް އެހެނެއް ނުވެދާނެއޭ ތިމަންނަމެން ބޭނުންވަނީ އެންމެ ރަނގަޅަށް ކޮށްގެން މިކަން ނިންމާށޭ،" ނާޝިދު ވިދާޅުވި އެވެ.

އެކަމަކު އޭނާއަށް ވެސް އޮތް ޔަގީންކަމަކީ ނަޝީދު މާ ހިތްވަރު ގަދަވާނެ ކަމެވެ. މި ކަހަލަ ކަމެއް އެމަނިކުފާނަށް ކުރިމަތިކޮށްފާނެ ކަން "ސިކުނޑި ތެރޭގައި ގެންގުޅޭނެ" ކަމެވެ.

ނުރައްކާ ބޮޑުވުމުން އެ ވާހަކަ ދެއްކެވި

ނަޝީދު ކުރައްވާ ސިޔާސީ މަސައްކަތްޕުޅާ ހެދި ހަތަރު ފަރާތުން އަބަދުވެސް ނުރައްކާ އޮންނަނީ ވަށާލައިފަ އެވެ. ދޭތެރެއަކުން މި ރިސްކް ބޮޑުވާކަން އެސެސްމެންޓްތަކުން ވެސް ދައްކާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ފަހުން ތްރެޓް ބޮޑުވަމުންދާ ވާހަކަ އާއިލާއާ ކޮންމެވެސް ވަރަކަށް އޮތީ ދައްކަވައިފަ އެވެ. އެކަމަކު، މާ ތަފްސީލަށް އެ ވާހަކަ ހިއްސާކުރެއްވުމަކީ ކުރެއްވޭނެ ކަމަކަށް ނުވާތީ ކޮންމެހެން އެނގެންޖެހޭ މިންވަރަށް ވިދާޅުވެފައި ނިންމާލައްވަނީ ކަަމަށް ނާޝީދު ވިދާޅުވި އެވެ.

"މި ފަހުން ގާތްގަނޑަކަށް ހަފުތާއެއް ކުރިން ވެސް ވަރަށް ސީރިއަސް ވެއްޖެއޭ، [ވިދާޅުވި]. އެކަމަކު އަޅުގަނޑުމެންގެ ގާތު އަންނިއަކަށް އެ ޑީޓެއިލެއް ނުކުރެވޭނެ، އެއީ ވެސް ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ކަމަކަށް ބެލެވޭތީ،" ނާޝީދު ވިދާޅުވި އެވެ.

ނަޝީދު، "މިހެން އެބަވެއޭ" ވިދާޅުވުމުން އާއިލާގެ ނަސޭހަތް ދެއްވަނީ ބަލައިގެން އުޅުއްވުމަށެވެ.

ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި: ފަރުވާ އަށް މިއަދު ޖަރުމަނަށް ފުރާވަޑައިގަންނަވާނެ.


ޔާގޫތުގެއިން ނަޝީދު ކެނެރީގެއަށް ބަދަލުވެވަޑައިގަތުމާ އެކު ސެކިއުރިޓީއަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. ވެހިކަލްތަކުން ބަރާވެފައި އޮންނަ ނީލޯފަރުގޯޅިއަށް ކާރުކޮޅު ނުވެއްދޭއިރު، އެއްކޮޅަށް ދުއްވާ އެ ގޯޅިން މަޖީދީ މަގަށް ނުކުންނަ ސައިކަލްތަކާ ހެދި ވެސް ދެތިން މީހުން އެއްފަހަރާ ހިނގާފައި ދިއުމަކީ ވެސް އެ ގޯޅީގައި އުނދަގޫ ކަމެކެވެ. އެހެންވެ ވެހިކަލްތައް އެތަނުން ނެގުމަކީ ސެކިއުރިޓީއަށް ފަސޭހަ ކަމަކަށް ވާނެ ވާހަކަ އާއިލާގެ ތެރޭގައި ވެސް ދެކެވުނެވެ.

އެކަމަށް މަސައްކަތްތަކެއް ވެސް ކުރެވުނެވެ. އެކަމަކު ހަމަލާ އަމާޒުވިއިރު އެކަން ރަސްމީ އިދާރާތަކުން އޮތީ ހަމަނުޖެހި އެވެ.

ސެކިއުރިޓީންނާ އެކު ހުންނަވަނިކޮށް، ނަޝީދަށް ހަމަލާ އެގޮތަށް އަމާޒުވުމުން، އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަމުން އައި ގޮތާ ދޭތެރޭގައި އާއިލާގެ ހިތްހަމަނުޖެހުން އެބައޮތެވެ. ރަނގަޅަށް ބެލެހެއްޓޭ ގޮތަށް ހަމަޖެހިފައި އޮތް ނަމަ ޑރ. ނާޝިދު ގަބޫލުކުރައްވާ ގޮތުގައި، އެ ހަމަލާ އެގޮތަށް ނުދެވުނީހެވެ. އެ ހަމަލާ ޕްލޭންކޮށްފައިވާ މިންވަރަށް ކުރެވުނު ނަމަ ނަޝީދުގެ އިތުރުން ވެސް އެރޭ އެތައް ބައެއްގެ މަރުވުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުވުން ނާޝިދު ފާޅުކުރެއްވި އެވެ.

"އަދިވެސް ހަމަލާއެއް އަމާޒުކޮށްފާނެ"

އާއިލާ އިން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާވާވަރުގެ ހަމަލާއެއް ދޭން ޖެހޭނެ ސަބަބެއް ނެތެވެ. އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް އަމާޒުކޮށް "ލާދީނީ ބޭފުޅެކޭ" ވިދާޅުވިޔަސް އިސްލާމްދީނަށް އިހްތިރާމްކުޑަވާ ގޮތަށް ނުވަތަ އެފަދަ ވިސްނެވުމެއްގައި ވާހަކަފުޅު ދައްކަވާފައި ނެތް ކަމަށް ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ އެކި ކަންކަމާ ގުޅިގެން ނަޝީދުގެ ބައެއް ވާހަކަފުޅުތައް ބަޔަކު މީހުން ގަސްތުގައި އޮޅުވާލާ ކަމަށެވެ. އޭގައި އެ މީހުން ބޭނުންވާ ފައިދާއެއް އޮންނަ ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

"ޓްރިގަކުރަން ވެފައި އޮތީ، އެކަން ނުވެ އޮތީ. އަޅުގަނޑަށް ހީވަނީ މީތި ޕްލޭންކޮށްފިއޭ މާކުރީގައި،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ކެނެރީގެއިން ނުކުންނަވާ އިރަކަށް ފާރަލައިގެން އަތަމާ ޕެލަސްގައި ބަލަން ހުރެފައި ކާރުކޮޅާ އަރާ ހަމަވުމުން ރިމޯޓަށް ފިއްތާލައި ބޮން ގޮއްވާލައި ދުވެފައި އެކި މަގުތަކުން ދިޔަ މީހާ އާއި އޭނާގެ އިންތިޒާރުގައި ވަގުތު ގުނަން އިން މީހެއްގެ އިތުރުން އައިއީޑީ ހަރުކުރި ސައިކަލްގެ ވެރިފަރާތް މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ. ތަހުގީގީ އިދާރާތަކުން ބޮޑަށް ބުރަވަނީ، އެ މީހުންނަކީ ރާއްޖޭގެ ރައްޔިތުންގެ ނުރައްކަލަކަށް ވެފައިވާ ހައްދުފަނާޅާފައިވާ ފިކުރަށް ތަބާވެ ތިބި ބައެއް ކަމެވެ.

އެ މީހުންގެ ފަތިފުށާއި ތަބާވެ އަމަލުކުރަމުންދާ، އިސްލާމްދީނަށް ހުތުރުވާ ފަދަ ހަރުކަށި އަމަލުތައް ގޮސް ގުޅެނީ ހައްދުފަހަނާޅާފައިވާ އަނިޔާވެރި ކަމާ އެވެ. މި ފިކުރުގެ އަސްލު އެކި ސަބަބުތަކާ ގުޅިފައިވާއިރު ނާޝިދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ނަމުގައި ދެމުންދާ އަނިޔާތައް ގުޅެނީ ދީނީ ކަންކަމަކާ ނޫނެވެ. އެ ހަރުކަށި ކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"އަޅުގަނޑު ދަންނަ އިސްލާމްދީނުގައި ނޯވޭ އެ ކަހަލަ [މީހުންނަށް އަނިޔާވެރިވުން] ފަދަ ކަންކަން ކުރާކަށް،" ނާޝިދު ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ތިން މީހުން.


ފިލައި ތިބެ ރާއްޖޭގައި މިގޮތަށް މީހުންގެ ފުރާނަ ދުއްވާލާ މީހުންގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމެއް ނުހޯދެ އެވެ. ޑރ. އަފްރާޝީމް އަލީގެ ކަރުބުރިކޮށްލައި އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން، އަދި ޔާމީން ރަޝީދު ކަތިލައިފައިވާ އިރު މިހާތަނަށް އަޑީގައި ތިބި ބަޔަކު ނުހޯދި ފޭލްވުމަކީ އެހެން ރައްޔިތުންނެކޭ އެއްގޮތަށް އޭނާގެ ވެސް އޮތް ކަންބޮޑުވުމެކެވެ.

ނާޝިދު ވިދާޅުވި ގޮތުގައި، މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެތިން މީހުންނާ ހަމައިން ނުނިންމައި، އެންމެ ފުނަށް ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ޔަގީންކަމަކީ ވަރަށް ބޮޑު ތަސައްލީއެކެވެ. އެހެންވެ މިފަހަރު ތަހުގީގު ރަނގަޅަށް ހިނގައި މިސްރާބު ނުގެއްލޭނެ ކަމަށް ނާޝިދު ހުންނެވީ އުއްމީދެއްގަ އެވެ.

"އަޅުގަނޑު އެދޭ ސްޕީޑެއްގައި އަދި އެދޭގޮތަށް ވެސް ރާއްޖޭގައި ކަންތައްތައް ގޮސްފައި ހުރި ގޮތަށް ބަލާއިރު ނުދާނެ. އެކަމަކު މިފަހަރު ސީރިއަސް ކަމެއް އެބަހުރި ހެން އަޅުގަނޑަށް ހީވޭ،" ނާޝިދު ވިދާޅުވި އެވެ.

ފުރަތަމަ އަމާޒުކުރި ހަމަލާ ފޭލްވުމަކީ، އަނެއްކާވެސް އިތުރު ހަމަލާއެއް ނަޝީދަށް ކުރިމަތިކޮށްފާނެ ކަމަކަށް ވާތީ އާއިލާ އަށް އެ ބިރު އެބައޮތެވެ. އެއީ އަނެއްކާވެސް އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަކަށް ވާތީ، އެކަން ނުވާނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށް ޑރ. ނާޝިދު ވިދާޅުވި އެވެ.

ސާޖަރީއަށް ފަހު ނަޝީދަށް ތެދުވެވަޑައިގެން ހިންގަވާ ހެއްދެވޭތީވެ އިތުރު ފަރުވާއަށް މިއަދު ޖަރުމަނަށް ފުރާވަޑައިގަންނަވާނެ އެވެ.

ފަރުވާއަށް ފަހު އެނބުރި ވަޑައިގަންނަވާނީ، ނާޝިދު ވިދާޅުވި ގޮތުގައި، "ކުރިއަށް ވުރެން ވެސް ހިތްވަރު ގަދަކޮށް،" ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.