27 އޭޕްރީލް 2021 - 09:44 3
ފަޒީނާ އަހުމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: އެ ގޮނޑީގައި އިންނަވައިގެން އެމްއެމްޕީއާރުސީ މައްސަލަ ދޫކޮށްނުލައްވައި އަޑި ހޯއްދަވައި ބައިވެރިވެރިން އާއްމުކުރައްވާނެ ކަމަށް އިއްޔެ ވިދާޅުވި. -ފޮޓޯ / މަޖިލިސް
27 އޭޕްރީލް 2021 - 09:44 3
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ނުފޮރުވޭނެ އެވެ؛ ބާރާއި ނުފޫޒު ގަދަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް، ވަޒީރުންނާއި އަމީރެއް ވިޔަސް ރައްޔިތުންނަށް ފަޅާއަރުވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްވައިފި އެވެ!
ހިޔާނާތުގެ އަޑި ހޯދުމުގެ މި އިންޒާރަށް ބާރު ދެއްވަމުން، ރާއްޖޭގެ ހަޒާނާއިން 70 މިލިއަން ޑޮލަރު ނާޖާއިޒު ގޮތެއްގައި މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި އެހެން މުއައްސަސާތަކުގެ އިސްވެރިންނަށް ބަހާލެވުނު ގޮތް ވަރަށް ތަފްސީލްކޮށް ހެއްކާއި ގަރީނާއާ އެކު ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ. އެ މައްސަލަ މަޖިލީހުން ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ވެސް އާ ކޮށްދެއްވި އެވެ.
މި ވާހަކަފުޅަށް، ރައްޔިތުންނަށް އިތުބާރުކުރެވެންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟ ތަހުގީގީ އިދާރާތަކަށް މިކަން ކޮޅެއްގައި ނުޖެއްސިގެން އުޅޭއިރު، ސިޔާސީ މަސައްކަތްތަކަށް ހުސްވެ އޮތް މަޖިލީހަށް ވެދާނެ ހެއްޔެވެ؟ ތަހުގީގު ލަސްވުމުގެ ކަންބޮޑުވުން އިންތިހާއަށް އޮތެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީގައި މަޖިލީހުގެ ދެ އަހަރު ނިމުނުއިރު ހިޔާނާތުގެ މައްސަލައިގައި މުއައްސަސާތައް ޖަވާބުދާރީ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟
ޖަވާބު ގުޅެނީ، މުޅި ދައުލަތުގެ ތެރޭގައި މޫލާފައި އޮތް ހިޔާނާތް ކުރީގެ ސަރުކާރުން ގަސްތުގައި ނުބެލި ސަބަބާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި ހިންގި ޖަރީމާއިން ބައި އެޅި ނޫފޫޒުގަދަ، އަތްލާން ނުކުރޭނެ މީހުން ހަމަ ގިނައީ އެވެ. މި ވެރިކަމުގައި ވެސް މިވަނީ އެހެންނެވެ.
ކުޑަމިނުން، ތަހުގީގަށް ފުލުސް އޮފީހަށް ނުވަތަ ކޮމިޝަނަކަށް ހާޒިރުކޮށްލަން ނުކުރޭނެ ފަދަ ބޭފުޅުން ލިސްޓުގައި ތިއްބެވީ އެވެ.
ނޫން ނަމަ، ހިޔާނާތުގެ މުޅި މަންޒަރު ސާފުވެއްޖެ ކަމަށް ރައްޔިތުންނަށް ދެއްކި ފަހުން ވެސް މައްސަލަ ކޮޅެއްގައި ޖެއްސޭނެހާ ދުވަސް ފާއިތުވެއްޖެ އެވެ. ތަހުގީގީ އިދާރާތަކުން އޮކްޓޯބަރު، 24، 2019 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި މި ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެ 267 މީހުންގެ ލިސްޓެއް އޮތް ކަން ހާމަކުރި އެވެ.
މިހާތަނަށް ފެނުނީ ތަހުގީގީ އިދާރާތަކުގެ ފައިލްތަކުގައި ލިސްޓު "ފޮރުވައިގެން" ތިބި ތަނެވެ.
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ތަހުގީގީ އިދާރާތަކުން ލަސް ސްޕީޑުގައި ބަލަމުން އަންނަ އެމްއެމްޕީއާރުސީ ހިޔާނާތުން މަންފާވި މީހުން އާއްމުކުރުމުގެ މަސައްކަތް މަޖިލީހުން ކުރާނެ ކަމަށް ރިޔާސަތުން އިއްޔެ ވަނީ އިއުލާންކޮށްފައި. -- ފޮޓޯ / މަޖިލިސް
ލިސްޓުގައި ތިބި އެންމެންނަކީ ހިޔާނާތުގެ ބައިވެރިންނަށް ނުވެދާނެ އެވެ. އެހެންކަމުން އޮތް ގޮތަށް އާއްމުކުރުން ނުވަތަ 267 މީހުންގެ ނަން ލިސްޓެއްގައި ލިއެ ތުހުމަތު އަޅުވައިގެން ތިބުން ވެސް އިންސާފުވެރިއެއް ނޫނެވެ. ކަންބޮޑުވުން އޮތީ، ތަހުގީގުގައި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައި ވެސް ބައިވެރިން އާއްމުކޮށްލާނެ ހިތްވަރެއް އަދި ނުފެންނާތީ އެވެ.
ތާރީހުގައި ހިންގި ބޮޑު ހިޔާނާތުގައި ދައުލަތުގެ ފައިސާ އިން ބައި އެޅުނު މީހުން ރައްޔިތުންނަށް އެނގެން ޖެހެ އެވެ. އެއީ ފޮރުވައިގެން ވާނެ ލިސްޓެއް ނޫނެވެ.
- މަޖިލީހުގެ ކުރީގެ 44 މެމްބަރުން
- މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
- ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުން
- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.
- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
- ފަސް ފަނޑިޔާރުން
- ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން
ތަހުގީގީ އިދާރާތަކުން އޭރު ދިން ޔަގީންކަމަކީ ވަކި މީހަކަށް ބެލުމެއް ނެތި މި ލިސްޓުގައި ހިމެނޭ އެންމެން ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރާނެ ކަމެވެ. އެންމެ ފުރަތަމަ ފަށާނީ ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ ހަމައިން ކަަމަށް ވިދާޅުވި އެވެ. އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް "ސިއްރުން" ފުލުސް އޮފީހަށް ގެންދިޔަ އެވެ. މީޑިއާ އަށް މިކަން ތިލަވެ ރިޕޯޓްކޮށްފައިވާ އިރު މީގެ ތެރޭގައި ވެސް ފުލުހުން ޔަގީންކަން އެ ދިން ސަރުކާރުގެ އިސް މަގާމެއްގައި ހުރި ބޭފުޅަކާ ސުވާލުކުރި ކަމެއް މިހާތަނަށް އާއްމެއް ނުވެ އެވެ.
މި ވެރިކަމަށް ދެ އަހަރާ ބައި ވޭތުވެގެން ދިޔައިރު ވެސް ތަހީގުގައި އިދާރާތަކުން ދެމިއެބަތިއްބެވެ؛ ކޮވިޑުގެ އުނދަގޫ ވެސް ތަހުގީގުގެ ތެރެއަށް ވަނެވެ. އެކަމަކު އެއާއެކު ވެސް އެކަށީގެންވާ ނަތީޖާއެއް ނެރެވުނު ތަނެއް ފެންނަން ނެތީ އެވެ. ލިސްޓެއް ތަރުތީބުކޮށްގެން އިސް ބައެއްގެ މައްސަލަ ދައުވާކުރަން ފޮނުވާނެ ކަން ހާމަކުރި ފަހުން ވެސް ދުވަސްތަކެއް ވެއްޖެ އެވެ.
"ހިޔާނާތުގެ ފައިސާ ހޯދައި ބައިވެރިން އިންސާފު ކުރިމައްޗަށް ހާޒިރުކުރާ ނަމޭ، ތަހުގީގު އެބަ ހިނގައޭ، ވަރަށް އަވަހަށް ދައުވާކުރަން ފޮނުވާނަމޭ، ތަހުގީގު ލަހެއް ނޫން،" ފަދަ ޔަގީންކަމުން ރައްޔިތުން ހައްތަހާ ވަނީ މާޔޫސް އެވެ. އިންސާފުވެރިކޮށް ހިޔާނާތް ބަލައި، ބައި އެޅުނު މީހުން ހޯދާނެ ކަމަށް ދައްކާ ވާހަކަތަކަށް އިތުބާރެއް ނުކުރެ އެވެ.
ހިޔާނާތުގެ އަޑި ހޯދުމުގެ އިންޒާރާ އެކު މަޖިލީހުން ކުރަން މިއުޅޭ ކަމަކާ މެދު ވެސް ސުވާލު އުފެދެ އެވެ.
މަޖިލީހުގައި މި ހިޔާނާތުގެ ވާހަކަ އިއްޔެ ހޫނުވީ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ތުހުމަތުގެ އިނގިލި ދިއްކުރާވަރުން އޭނާ ޖަޒުބާތުގައި ޖެހިވަޑައިގެން ދެއްކެވި ވާހަކަތަކަކުންނެވެ. މަޖިލީހުގެ ތަޅުމާއި ސައި ކޮޓަރި އާއި ކުޑަދޮށުގައި ވެސް އޭނާ އަށް "ވަގަށް" ގޮވަނީ އެވެ. ހަމަ އެމްޑީޕީގެ މެމްބަރުންނެވެ.
ޝަރީފްގެ ވާހަކަ އެއްގޮތަކުން ރަނގަޅެވެ؛ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިނގިލި ދިއްކުރަންވީ ހަމައެކަނި އޭނާއަކަށް ނޫނެވެ. އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވެސް އެ ބުނާ ލިސްޓެއްގައި ނަން އޮތީ އޭނާގެ އެކަންޏެއް ނޫނެވެ. ޕާލަމެންޓްރީ ގްރޫޕްގެ ވެސް ވަކި ފެކްޝަނެއް ނުބަލައި ހިޔާނާތުގެ ބައިވެރިއެއް ކަމަށް ތުހުމަތު ކުރެވޭ ނަމަ އެކަން ހާމަކުރަންވީ އެވެ. އެކަމަކު ހެއްކާ އެކުގަ އެވެ. ސިޔާސީ ވަކި މަގްސަދެއްގައެއް ނޫނެވެ.
ވަކި ފެކްޝަނެއް ވީމާ އެ ބޭފުޅަކު ދިފާއުކޮށްދިނުމުގެ ނިޔަތެއް އޮވެގެން ނުވާނެ އެވެ.
މައްސަލަ ބަލައި ނިމޭއިރު ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ނަޝީދު އިއްޔެ ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ދެ ފެކްޝަން ވެސް ހިމެނޭ ގޮތުންތޯ ސުވާލު އުފައްދަން ޖާގަ ލިބުނީ މަޖިލީހުގައި ވެސް މި ހިޔާނާތް ބެލުން މިހާތަނަށް ގޮސްފައިވާ ދޯދިޔާ ކަމުންނެވެ.
އެމްޕީއާރުސީ މައްސަލަ ބަލަން މަޖިލީހުގެ ތެރޭގައި އޮތް ފިއްތުމާއި ބައެއް މެމްބަރުންގެ އިހްލާސްތެރި ނިޔަތެއް ނެތް ކަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ވަނީ ހާމަކޮށްދެއްވައިފަ އެވެ.
"ހިތާމައާ އެކު ދަންނަވާލަން ޖެހެނީ އިއްޒަތްތެރި ރައީސް، މަޖިލީހުގެ އަޣުލަބިއްޔަތެއް ވެސް މިކަން ބަލަން ބޭނުންކުރާ ތަނެއް ނުފެނޭ. ބުނެވޭކަށް ނެތް ރައްޔިތުންގެ މަޖިލީހުން ވެސް ފުރިހަމަ އެއްބާރުލުން ދީފިއޭ އެމްއެމްޕީއާރުސީ މައްސަލަ ބަލަން،" އީވާ ވިދާޅުވި އެވެ.
އެކަން އެގޮތަށް ވީ މަޖިލީހުގެ ރިޔާސަތުން ނޫޅުއްވައިގެން ނޫން ކަމަށާއި މައްސަލަ ކޮމިޓީތަކަށް ފޮނުއްވައިގެން ކުރެއްވެން އޮތް ކަމެއް ކުރެއްވި ކަަމަށް އީވާ ވިދާޅުވި އެވެ.
"ކޮމިޓީތަކާ ހިސާބުގައި ވެސް އަދި މިތަނާ [ތަޅުމާ ހިސާބުން] ވެސް މި މައްސަލަ ހުއްޓޭކަން އެއީ، ދެން އަޅުގަނޑުމެންނަށް އޮޅުވާލެވޭނެ ކަމެއް ނޫން."
މަޖިލީހުގެ ކޮމިޓީތަކުގައި މައްސަލަ ބުރެކި އެބަ ޖެހެ އެވެ.
ތަފްސީލް ދެއްވަމުން ވިދާޅުވީ ދައުލަތުގެ މަގާމްތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ކުރިން ތިއްބެވި ބޭފުޅުން ހޯދަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވައިގެން ތިން ހަފުތާވި އިރު ވެސް މަޖިލީހުގައި އޮތީ އެކަން ހުއްޓިފައި ކަމަށެވެ.
މި ހާލަތު މަޖިލީހުގައި އޮތްއިރު އިންސާފުވެރިކޮށް ބެލިދާނެތޯ ނުވަތަ މުޅި މި މައްސަލައިގައި މަޖިލީހުން ކުރަން މިއުޅެނީ ކޮން ކަމެއްތޯ ނުވަތަ އާއްްމުކުރަން މި ބޭނުންވަނީ ކޮން މައުލޫމާތެއްތޯ ސުވާލު އުފެދެ އެވެ.
- ދެ ސްކީމަކަށް ހިންގި ޚިޔާނާތް ފެށިގެން އައީ ޑޮލަރު ގަތުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކަކުން ފައިސާ ނެގުމާ ހަމައިން. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކެއް ކުއްޔަށް ދޫކުރަން ނިންމީ އެ ފައިސާ ދައްކަން.
- އެމްއެމްޕީއާރުސީގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އިސް މީހުން ވަނީ ޚިޔާނާތް ހިންގި ގޮތް ފުލުހުންގެ ތަހުގީގަށް ކިޔައިދީ ބައެއް ހެކިތައް ހިއްސާކޮށްފައި. އޭގެ ތެރޭގައި ފޯނުން ކުރި މުއާމަލާތްތައް ހިމެނޭ.
- އެމްއެމްޕީއާރުސީގެ ފައިސާ އަށް ޚިޔާނާތް ވާން ފެށީ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިއުލާންކޮށް އެއަށް ވަމުން ދިޔަ ތައްޔާރީތަކާ ހަމައިން. މި ހިސާބުން ފަށައި، ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން މި ފައިސާ ހޭދަކޮށްފައިވޭ.
- 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭއްވި ޕާޓީތަކުގެ ޕްރައިމަރީ އަށާއި އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންގެ ކެމްޕޭނަށް މި ފައިސާ ހޭދަކުރި.
- އިންތިޚާބު ވި މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވަން މި ފައިސާ ބޭނުންކޮށްފައިވޭ.
- ބައެއް މެމްބަރުން ޕާޓީ ބަދަލުކުރަން ވެސް ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގުން ފެންނަން އެބަ އޮތް.
- އޭގެ ފަހުން އެ މެމްބަރުންގެ މަޖިލީހުގެ ދައުރުގައި ހިނގައިދިޔަ ބޮޑެތި ކަންކަމަށް ނުވަތަ މަޖިލީހުގައި ނެގި ވޯޓުތަކަށް ފައިސާ ހޭދަކޮށްފައިވޭ. އޭގެތެރޭގައި އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށާއި ބައެއް ގާނޫނުތައް ފާސްކުރުމާއި ސަރުކާރުގެ އިސް ބޭފުޅުން ހިތްހަމަނުޖެހިވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިން މަގާމުތަކުން ބޭރުކުރަން ވެސް އެ ފައިސާ ހޭދަކުރި.
ހިޔާނާތުގެ ދިގުދެމިގެންވާ ތަހުގީގު މި ވެރިކަން ނިމުމާ ހަމައަށް ވެސް ނަތީޖާއެއް ނުނެރެވުން ގާތް ކަމަށް ގަބޫލުކުރާ މީހުން ގައިމު ވެސް މަދެއް ނުވާނެ އެވެ. އެ މާޔޫސްކަން އާއްމުންގެ ތެރޭގައި އެބައޮތެވެ.
ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވެސް ދެތިން ފަހަރެއްގެ މަތިން ހިޔާނާތުގެ މައްސަލަ ނިއުޅުވަން ގިނަ ވާހަކަތަކެއް ދައްކައިފި އެވެ. ފޯރިގަދަ ބަހުސްތައް ޔައުމިއްޔާއާ ހިސާބުން ނިމެނީ އެވެ. ހިޔާނާތާ ގުޅޭ 70،000 ޓެކްސްޓް މެސެޖް މަޖިލީހުގައި އޮވެމެ، މަޖިލީހުގެ ސްޕީޑުގައި މި މައްސަލައާ ހަމައަކަށް ނުފޯރި އެވެ.
އެކަމަކު ބައެއް އެހެން މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ޖަވާބުދާރީ ކުރުވާފައި އެބަހުއްޓެވެ. އެއް ކަމަކީ ކޮވިޑުގެ ފަރުވާ އަށް ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ހިޔާނާތެވެ. މަޖިލީހުން އަދިވެސް އެ މައްސަލައިގައި ދޫ ނުދީ ޖަވާބުދާރީ ކުރުވުމުގެ ނަތީޖާ، މުއައްސަސާތަކުގެ ތެރެއިން އެބަ ފެނެ އެވެ.
އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަޖިލީސް ތެރެއިން ވެސް ފެންނަނީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާ ދޭ ތަނެވެ. މިހާރު ތުހުމަތު ކުރަނީ މަޖިލީހުގެ 241 ކޮމިޓީއާ ހިސާބުން މައްސަލަ ހުއްޓުވާފައި އޮތުމެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގައިގެން ދިރާސާކުރަމުން އަންނަ މައްސަލައިގައި ކުރިއެރުމެއް ނުލިބުމެވެ.
މުއައްސަސާތައް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ނިންމި ނިންމުން ތަންފީޒެއް ވެސް ނުވެ އެވެ.
މި ހުރިހާ އަރައިރުންވުންތަކަށް ބަލާއިރު ހިޔާނާތް ބަލަން މެމްބަރުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަކަށެއް މަޖިލީހުގެ މެމްބަރުންގެ ވާހަކަތަކުން ނުފެނެ އެވެ. ގޮނޑި ގެއްލޭކަށެއް މެމްބަރުން ބޭނުން ނުވާނެ އެވެ. ޕާޓީތަކުން ވެސް އެ ޖާގަ ދީފާނެތޯ ހަމަ ސުވާލު އުފެދެ އެވެ. އެހެންކަމުން ފުރަތަމަ ނައްތާލަންވީ މަޖިލީހުގައި މިކަން ބަލަން ހުރި ހުރަސްތަކެވެ. ހިޔާނާތުގެ މައްސަލައިގައި މަޖިލީހުން އިސްވެ މަސައްކަތް އަނެއްކާވެސް ފެށުމަކީ އުއްމީދެކެވެ.
އެހެންކަމުން، އެއް ބަޔަކު އަނެއް ބަޔަކާ ދިމާލަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އިހްލާސްތެރި ނިޔަތެއްގައި މަސައްކަތް ފަށަން ޖެހެ އެވެ. ވަކި ބައެއްގެ ނަން ތިލަކޮށް އަނެއް ބަޔަކަށް ހިމާޔަތް ދިނުމުގެ ވިސްނުމުގައި އިންޒާރު ދޭ ނަމަ މަޖިލީހަކަށް ވެސް މިކަން ކޮޅެއްގައި ނުޖެއްސޭނެ އެވެ. މުޅި މައްސަލަ އިތުރަށް ސިޔާސީ ވާނީ އެވެ. ހެއްކެއް، ގަރީނާއެއް ނެތި ބޭނުން މީހަކަށް ވަގަށް ގޮވުމުގައި ދެމިތިބޭނީ އެވެ.
Comment