about 2 hours 0
about 2 hours 0
މި މަހު ހަތަރު ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ބާއްވާ، އިންޑިއަން އެތުލެޓިކްސް ސީރީސް ވަން 1 މުބާރާތުގައި، ގައުމީ އެތުލެޓިކްސް ޓީމުގެ ހަސަން ސާއިދު އާއި އައިމިނަތު ލަޔާނާ މުހައްމަދު އަދި ޒީކް އަޝްރަފް ރަޝީދު ވާދަކުރަން ތައްޔާރުވެއްޖެ އެވެ.
ސާއިދު އާއި ލަޔާނާ އަދި ޒީކް އަކީ ދާދި ފަހުން، އިންޑިއާގެ ޗަންދީގަރުގައި ކުރިއަށްދިޔަ ފުރަތަމަ އިންވިޓޭޝަނަލް ރިލޭ މުބާރާތް/ ތިން ވަނަ އޯޕަން ރިލޭ މުބާރާތުގައި ވާދަކޮށް، ރާއްޖެ އަށް ޖުމްލަ އެކު ފަސް މެޑަލް ހޯދައިދިން ޓީމުގައި ވެސް ހިމެނުނު އެތުލީޓުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބެންގަލޫރުގައި ކުރިއަށްދާ އިންޑިއަން އެތުލެޓިކްސް ސީރީސް މުބާރާތުގައި، ސާއިދު އާއި ލަޔާނާ ދުވަން ހަމަޖެހިފައިވަނީ، 200 މީޓަރު އިވެންޓްގަ އެވެ. އަދި، ޒީކް ދުވާނީ 800 މީޓަރު އިވެންޓްގަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ)، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، އިންޑިއަން އެތުލެޓިކްސް ފެޑެރޭޝަނާ އޮންނަ ގާތްގުޅުމުގެ ސަބަބުން އިންޑިއާގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެތުލީޓުންނަށް ލިބިގެންދާ ކަމަށެވެ. އެ ގޮތުން، މި މުބާރާތުގައި ބައިވެރިވެވެން އޮތުމުން، މި ވަގުތު މި އެތުލީޓުންނަށް އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމީ ކަމަށް މުންތަގިމް ވިދާޅުވީ އެވެ.
"އޭޝިއަން ގޭމްސްގެ އެތުލެޓިކްސް ސްކޮޑު އެކުލަވާލުމުގައި އޮންނާނެ މާލޭގައި ބާއްވާ ޓައިމް ޓްރަޔަލެއް. އެހެންވީމަ، މި މުބާރާތުގެ (އިންޑިއަން އެތުލެޓިކްސް ސީރީސް 1) ޓައިމިން ތައް ވެސް ކައުންޓް ކުރާނެ،" މުންތަގިމް ވިދާޅުވި އެވެ.
ސާއިދު އަންނަނީ ސާއިދު ސްޕޯޓްސްގައި ޓްރެއިނިން ހަަދަމުންނެވެ. އަދި، ޒީކް އާއި ލަޔާނާ އަކީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ދެ އެތުލީޓުންނެވެ.
ދާދި ފަހުން ނިމުނު، އިންޑިއާގެ ފުރަތަމަ އިންވިޓޭޝަނަލް ރިލޭ މުބާރާތް/ ތިން ވަނަ އޯޕަން ރިލޭ މުބާރާތް ރާއްޖެ އަށް ވަރަށް ކާމިޔާބެވެ. އެ މުބާރާތުގައި ރާއްޖޭން ހޯދާފައިވަނީ، ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރުގެ ރޭހުން ރަން މެޑަލާއި އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރުގެ ރޭހުން ރިހި މެޑަލްގެ އިތުރުން، ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލްގެ އިތުރުން، މިކްސް ރިލޭގެ ހަތަރެއް ގުނަ 100 މީޓަރާއި ހަތަރެއް ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލް އެވެ.
Comment