ފުވައްމުލައް ސިޓީ ކައުންސިލްގެ ހިދުމަތްތަކާއި ސިޓީއާ ގުޅޭ މައުލޫމާތުތައް ވަގުތުން ބަލާލެވޭގޮތަށް ފަރުމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދޭ މަރުކަޒީ ޑިޖިޓަލް އެޕްލިކޭޝަން، އަފުންސިޓީ ރޭ ލޯންޗް ކޮށްފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ އެ އެޕްލިކޭޝަން ތައާރަފްކުރީ އެ ކުއުންސިލުން ފޯރުކޮށްދޭ އާންމު ހިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އަދި ދެފުށް ފެންނަ މިންވަރު އިތުރުކުރު ކުރުމަށް ކަމަށެވެ.
ރާއްޖޭގެ ކައުންސިލަކުން މިހާތަނަށް ތައާރަފްކުރި ފުރަތަމަ އެޕްލިކޭޝަން އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުން ލިބެން ހުންނާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުންޏެވެ.
"އަފުންސިޓީ އަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް ޑިޖިޓަލްކޮށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މި އެޕްލިކޭޝަނަކީ ސިޓީ މެނޭޖްކުރުމާއި ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ހިދުމަތުގެ ހަލުވިމިނާއި، ލުއިފަސޭހަކަން އިތުރުކޮށްދޭ މަސައްކަތެއް،" ފުވައްމުލައް ސިޓީ ކައުންސިލުން ބުންޏެވެ.
އަފުންސިޓީ އެޕްލިކޭޝަންގެ އެންމެ މުހިންމު އެއް ބަޔަކީ 3,700 އަށްވުރެ ގިނަ ތަންތަން ހިމެނޭ އިންޓަރެކްޓިވް ޗާޓެވެ. އޭގެ ތެރޭގައި ގޯތިގެދޮރާއި، ވިޔަފާރިތަކާއި، މިސްކިތްތަކުގެ އިތުރުން އާންމު ހިދުމަތްދޭ ތަންތަން ހިމެނެ އެވެ.
އެ ޕްލެޓްފޯމް އިތުރަށް ފުރިހަމަވެގެންދަނީ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު "އީފާސް" އާ ގުޅުވާލާފައިވާތީ ކަމަށާއި އޭގެ ސަބަބުން މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެ، ހިދުމަތްތަކަށް ފަސޭހައިން ވަދެވޭއިރު، ގެސްޓް ޔޫޒަރުންނަށް ލޮގިން ނުވެވެސް ބައެއް ހިދުމަތްތައް ބޭނުންކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެއިތުރުން، ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓު ފަހަރުގެ މައުލޫމާތު ވަގުތުން ބަލާލެވޭ ނިޒާމެއް މީގައި ހިމެނޭތީ، އޭގެ ސަބަބުން އުޅަނދު އޮތް ސަރަހައްދާއި، ދަތުރުގެ ހާލަތު ވަގުތުން ބަލާލެވެ އެވެ.
އާންމުންގެ ބޭނުންތަކަށް އިސްކަންދީގެން، ނަމާދު ވަގުތުތަކާއި، މިސްކިތްތަކުގެ މައުލޫމާތާއި، އެންމެ ކައިރީގައި ހުރި މިސްކިތް ދެނެގަނެވޭނެ އިންތިޒާމު އެ އެޕްގައި ހިމެނެއެވެ. އަދި "އައިކިއު އެއާ" މެދުވެރިކޮށް ވައިގެ ނުސާފުމިން ވަގުތުން ބަލާލެވުމާއި، ސިއްހީ އިރުޝާދުތައް ލިބުމަކީ ތިމާވެށީގެ ހާލަތަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެހީތެރިވެދެ އެވެ.
އެޕް މެދުވެރިކޮށް އާންމު ހިދުމަތްތަކާ ގުޅޭ މައްސަލަތައް ސީދާ ކައުންސިލަށް ހުށަހެޅޭނެ އެވެ. މި ނިޒާމުގެ ތެރެއިން މައްސަލަ ކުރިއަށްދާ ގޮތް ބަލާލެވޭތީ، ކައުންސިލްގެ ޒިންމާދާރުކަން އިތުރުވެގެންދެ އެވެ.
"އަފުންއަޑު" މޮޑިއުލް މެދުވެރިކޮށް ރައްޔިތުންނަށް ހިޔާލު ހުށަހެޅުމާއި، މަޝްވަރާކުރުމާއި، އަދި އެކި ކަންކަމުގައި ނަގާ ވޯޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެ އެވެ.
"ވަންގަވް" ހިދުމަތާ މި އެޕްލިކޭޝަން ގުޅާލެވިފައިވުމުން، ސަރުކާރުގެ އެކި ހިދުމަތްތަކަށް އެދުމާއި އެކަންކަން ކުރިއަށްދާ ގޮތް ބަލާލުމުގެ ފުރުސަތު ލިބެ އެވެ.
ހަމައެއާއެކު، އިއުލާންތަކާއި، ކައުންސިލްގެ ނިންމުންތަކާއި، މާލީ ރިޕޯޓުތަކާއި އޮޑިޓް ރިޕޯޓުތައް މި ޕްލެޓްފޯމުން ފެންނަން ހުރެ އެވެ. އޭގެއިތުރުން، ހަބަރާއި، ހަރަކާތްތަކުގެ މައުލޫމާތާއި، ވަޒީފާގެ ފުރުސަތުތައް އަދި ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ލައިވް ފީޑް ފެންނަން ހުރެ އެވެ.
Comment