Advertisement

އިރާގު 40 އަހަރު ފަހުން، ކޮންގޯ 52 އަހަރު ފަހުން ފީފާ ވޯލްޑް ކަޕަށް

about 2 hours 0


އިރާގު 40 އަހަރު ފަހުން، ކޮންގޯ 52 އަހަރު ފަހުން ފީފާ ވޯލްޑް ކަޕަށް

about 2 hours 0

ޒަޕޯޕަން، މެކްސިކޯ (އޭޕްރީލް 1) - އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އިރާގުން 40 އަހަރު ފަހުން އަދި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 52 އަހަރު ފަހުން ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދައިފި އެވެ.

ގްރަހަމް އާނޯލްޑްގެ ކޯޗުކަމުގައި ކުޅޭ އިރާގުން ރޭ ކުޅުނު ޕްލޭއޮފްގައި 2-1 އިން ބޮލިވިއާ ބަލިކޮށް، މި އަހަރުގެ ޖޫން 12 ވަނަ ދުވަހު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ފަށާ ވޯލްޑް ކަޕްގެ ޖާގަ ޔަގީންކުރިއިރު، މިއީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕުން އިރާގަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

އިނގިރޭސި ކްލަބް ލޫޓަން ޓައުން އަށް ކުޅޭ އަލް-ހަމަދީ ޖެހި ގޯލުން އިރާގުން ލީޑުނެގިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕަނީއަގުއާ ވަނީ ބޮލިވިއާ އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަަނަ ހާފުގައި އިރާގުން މޮޅުވި ގޯލު ޖެހީ އައިމަން ހުސެއިން އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އިރާގު ކުޅެން ޖެހެނީ ފްރާންސާއި ނޯވޭ އަދި ސެނެގާލާ އެއް ގުރޫޕެއްގަ އެވެ.

ކޮންގޯ އިން ވޯލްޑް ކަޕަށް ދަތުރުކުރީ ރޭ ޖެމެއިކާ އަތުން 1-0 އިން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަަތަމަ ހާފުގައި ކޮންގޯ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 100 ވަނަ މިނިޓްގައި އެކްސެލް ޓުއަންޒޭބޭ އެވެ.

މިއީ، ކޮންގޯގެ ނަމުގައި އެ ޓީމުން ކުޅޭނެ ފުރަތަމަ ވޯލްޑް ކަޕެވެ.

ކޮންގޯ އިން މި ފަަަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާނީ 48 ޓީމު ކުޅޭ ވޯލްޑް ކަޕްގެ ގްރޫޕް ކޭ ގަ އެވެ. އެ ގްރޫޕްގައި އޮތީ ޕޯޗުގަލް، ކޮލަމްބިއާ އަދި އުޒްބެކިސްތާން އެވެ.