ލަންޑަން (އޭޕްރީލް 1) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އިންގްލެންޑް 1-0 އިން ބަލިކޮށް، އެ ޓީމު އަތުން މޮޅުވި އޭޝިއާގެ ފުރަތަމަ ގައުމުގެ ޝަރަފް ޖަޕާނުން ހޯދައިފި އެވެ.
މީގެ ކުރިން، އޭޝިއާގެ ގައުމުތަކާ ދެކޮޅަށް އިންގްލެންޑުން ކުޅުނު 10 މެޗުން ވެސް ބަލިވެފައި ނުވެ އެވެ. އެކަމަކު، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވާން އަމިއްލަ ގައުމުގައި އިންގްލެންޑުން ކުޅުނު ފަހު މެޗުން ޖަޕާން އަތުން މި ވަނީ ބަލިވެފަ އެވެ.
ފަހުގެ ތާރީހަކަށް ބަލާއިރު، އެންމެ ފަހުން ކުޅުނު ނުވަ ވަރަކަށް މެޗުގައި ވެސް ޖަޕާނުން ޔޫރަޕްގެ ޓީމެއް އަތުން ބަލިނުވެ އެވެ. އަދި، ޖަޕާނުން ވަނީ ސްކޮޓްލެންޑާއި ބްރެޒިލް ވެސް މި ފަހުން ބަލިކޮށްފަ އެވެ. ރޭގެ މެޗުގެ ކުރިން، ޖަޕާނާއި އިންގްލެންޑުން ބައްދަލުކުރި ތިން ފަަހަރު، އިންގްލެންޑް ދެ މެޗުން މޮޅުވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނިޓްގައި ބްރައިޓަންގެ ފޯވާޑް ކައޯރޫ މިޓޯމާ އެވެ. މިއީ، އިންގްލެންޑްގެ ގޯލުގައި ޖޯޑަން ޕިކްފޯޑް ހުއްޓައި އެންމެ ފަހުން ކުޅުނު 10 މެޗުން ގޯލެއް ވަން ފުރަތަމަ ފަހަރެވެ.
އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޖަޕާންގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު ގޯލެއް ޖެހޭގޮތެއްނުވި އެވެ. އިންގްލެންޑުން މި މަހު ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބި، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޓުޗެލް ބުނީ، މި ނަތީޖާތަކުން ހިތްދަތިވާނެ ސަބަބުތައް އެބަހުރި ކަމަށާއި އަދި މި ކަމުން ދަސްކުރެވޭނެ ކަންކަން ވެސް ގިނަ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment