Advertisement

އިޓަލީ ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވި

about 1 hour 0


އިޓަލީ ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވި

about 1 hour 0

ޒެނިކާ، ބޮސްނިއާ (އޭޕްރީލް 1) - ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން ބޮސްނިއާ އަތުން 4-1 އިން ބަލިވެ، އިޓަލީ އަށް ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ އެވެ.

ހަތަރު ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ އަކީ ވޯލްޑް ކަޕް ކާމިޔާބުކުރި ގައުމުތަކުގެ ތެރެއިން ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ގައުމެވެ.

އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ އެެވެ. ކުރިން ދެ ފަހަރެކޭ އެއްގޮތަށް މި ފަަހަރު ވެސް އިޓަލީ ކުޅެން ޖެހިފައި މި ވަނީ ކޮލިފައިން ޖާގައެއް ސީދާ ނުލިބުމުން ޕްލޭއޮފްގަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.

ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ނޮދަން އަަޔަލެންޑް 2-0 އިން ބަލިކޮށް، ރޭ ޕްލޭއޮފް ފައިނަލުގައި ބޮސްނިއާ ދަނޑަށް ނުކުމެ، ފުރަތަމަ ލީޑުނެގީ 15 ވަނަ މިނިޓްގައި އިޓަލީންނެވެ. މިއީ މޮއިސް ކީން ޖެހި ގޯލަކުން އިޓަލީ އަށް ލިބުނު ލީޑެކެވެ. އޭނާ އަކީ ޖެހިޖެހިގެން ހަ މެޗުގައި އިޓަލީ އަށް ލަނޑު ޖަަހައިގެން ފުރަތަަމަ ކުޅުންތެރިޔާ އެވެ.

އިޓަލީ އަށް މި މެޗުގައި މައްސަލަ ދިމާވީ 41 ވަނަ މިނިޓްގައި އަލެސަންޑްރޯ ބަސްޓޯނީ އަށް ރަތެއް ދައްކައި، މެޗުގެ ބާކީބައިގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. އިޓަލީގެ ކުޅުންތެރިއަކު މަދުވުމާ އެކު، ބޮސްނިއާ އިން އޭގެ ފަައިދާނަގައި، އެޓޭކްވަރުގަދަކޮށް އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ 79 ވަނަ މިނިޓްގައި ހަރިސް ޓަބާކޮވިޗް ރީބައުންސަކުން ޖެހި ގޯލަކުންނެވެ.

ދެ ވަނަ ހާފުގައި އިޓަލީ އަށް ލީޑުފުޅާކޮށްދޭން ކީން އަށް ލިބުނު ރަނުގެ ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ނަތީޖާ ނެރެން ޕެނަލްޓީ އަށް ދިޔައިރު، އިޓަލީން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ޕިއޯ އެސްޕޮސީޓޯ އާއި ބްރަޔަން ކްރިސްޓަންޓޭ އަށް ކާމިޔާބެއްނުކުރެވުނެވެ. އެ ޓީމުން ޕެނަލްޓީ ވައްދާލީ ސަންޑްޓްރޯ ޓޮނާލީ އެވެ. އަނެއްކޮޅުން ބޮސްނިއާ އިން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށް އެ ގައުމުގެ ތާރީހުގައި ދެ ވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދީ އެވެ. ބޮސްނިއާ އިން ކުރިން ވޯލްޑް ކަޕް ކުުޅުނީ 2014 ގަ އެވެ. އެއީ، އެންމެ ފަހުން އިޓަލީން ވެސް ވޯލްޑް ކަަޕްގައި ކުޅުނު ފަހަރެވެ.

ޔޫރަޕްގެ ޕްލޭއޮފުން މޮޅުވެެގެން ވޯލްޑް ކަޕަށް ދެން ކޮލިފައިވީ، ޗެކް ރިޕަބްލިކާއި ތުރުކީ އަދި ސްވިޑެން އެވެ. ސްވިޑެން އިން ފަހު ވަގުތު 3-2 އިން ޕޮލެންޑް ބަލިކުރިއިރު، ތުރުކީން ވަނީ 1-0 އިން ކޮސޯވޯ ބަލިކޮށްފަ އެވެ. އަދި، ޗެކް ރިޕަބްލިކާއި ޑެންމާކް 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި 3-1 އިން ޗެކް ރިޕަބްލިކް މޮޅުވީ އެވެ.