27 މާރިޗު 2026 - 09:48 0
27 މާރިޗު 2026 - 09:48 0
ބެރްގާމޯ، އިޓަލީ (މާޗް 27) - ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕްގެ ޕްލޭއޮފް ބުރުގައި ރޭ ނޮދަން އަަޔަލެންޑް 2-0 އިން ބަލިކޮށް، އިޓަލީން މި އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އިތުބާރު ބޮޑުކޮށްފި އެވެ.
ވޯލްޑް ކަޕްގެ ޖާގަ ހޯދަން، ޕްލޭއޮފްގެ ޕެތު އޭގެ ފައިނަލުގައި އިޓަލީން ކުޅޭނީ ބޮސްނިއާއާ އެވެ. ބޮސްނިއާ އިން ޕެތު އޭގެ ފައިނަލުން ޖާގަ ހޯދީ ރޭ ޕެނަލްޓީ ޖަހައިގެން ވޭލްސް ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަަމަވިއިރު، 1-1 އިން އެއްވަރުވެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ބޮސްނިއާ މޮޅުވީ 4-2 އިންނެވެ.
އިޓަލީން ރޭގެ މެޗުގައި ނޮދަން އަޔަލެންޑް ކޮޅަށް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، 56 ވަނަ މިނިޓްގައި ސަންޑްރޯ ޓޮނާލީ ވަނީ އިޓަލީ އަށް ލީޑުނަގައިދީފަ އެވެ. އަދި، އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، 80 ވަނަ މިނިޓްގައި މޮއިސް ކީން އެވެ.
އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ އެެވެ. ކުރިން ދެ ފަހަރެކޭ އެއްގޮތަށް މި ފަަހަރު ވެސް އިޓަލީ ކުޅެން ޖެހިފައި މި ވަނީ ކޮލިފައިން ޖާގައެއް ސީދާ ނުލިބުމުން ޕްލޭއޮފްގަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.
ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފްގެ އެހެން ޕެތުތަކަށް ބަލާއިރު، ޕެތު ބީގެ ފައިނަލުގައި ކުޅޭނީ ސްވިޑެން އާއި ޕޮލެންޑް އެވެ. ސްވިޑެން އިން ވަނީ ވިކްޓަ ޔޯކެރޭޝްގެ ހެޓްރިކުން 3-1 އިން ޔޫކްރެއިން ބަލިކޮށްފަ އެވެ. އަދި، އަލްބޭނިއާ އަތުން ޕޮލެންޑް މޮޅުވީ ފަހަތުންއަރައި 2-1 އިންނެވެ. ޕެތު ސީގެ ފައިނަލުގައި ތުރުކީން ކުޅޭނީ ކޮސޯވޯއާ އެވެ. ތުރުކީން 1-0 އިން ރުމޭނިއާ ބަލިކުރިއިރު، ސްލޮވާކިއާ އަތުން ކޮސޯވޯ ވަނީ 4-3 އިން މޮޅުވެފަ އެވެ.
ޕެތު ޑީގެ ފައިނަލަށް ދަތުރުުކުރީ ޑެންމާކް އާއި ޗެކް ރިޕަބްލިކް އެވެ. ޑެންމާކުން 4-0 އިން ނޯތު މެސެޑޯނިއާ ބަލިކުރިއިރު، ޗެކް ރިޕަބްލިކާއި އަޔަަަލެންޑް 2-2 އިން އެއްވަރުވެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޗެކް ރިޕަބްލިކް މޮޅުވީ 4-3 އިންނެވެ.
Comment