"ނޯ ނޯ ނޯ. ގޯޑް ޕްލީޒް ނޯ. ދިސް ކާންޓް ބީ ހެޕެނިންގް. ދިސް ކެނޮޓް ހެޕެން!" ހުސްނީގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ނަދާލް ދެފަރާތަށް ބޯ ހޫރަން ފެށީ އޭނާ ހޯދަން އުޅުނު ޖަވާބު ލިބިގެން ކަހަލަ އެވެ. ހަދާނެ ގޮތް ހުސްވެފައިވާ މީހަކު ފަދައިން އިސްތަށިގަނޑުގެ ތެރެއަށް ދެ އަތް މަހައިލި އެވެ.
"ހަމަޖެހިބަ! މައިޝާނަކަށް ކުންފުނީގެ ތެރެއިން އެވަރުގެ ކަމެއް ނުކުރެވޭނެ. ފައިނޭންސްގެ ހުރިހާ މަސައްކަތެއް މިހާރުވެސް ކުރަނީ މުރުޝިދު ސަރގެ ބެލުމުގެ ދަށުންނެއްނު؟ އެއީ މައިޝާންގެ ބައްޕަ. މައިޝާން އެވަރުގެ ކަމެއް ކުރާނެ ޖާގައެއް އޭނަ ނުދޭނެ ދޯ؟" ނަދާލްގެ ކޮނޑުގައި އަތް ޖަހައިލަމުން ހުސްނީ ބުންޏެވެ.
"ދެޓްސް އަ ރިލީފް" ނަދާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށް ބުމަ ގޮށް ޖަހައިލެވުނެވެ. "ދެން އެހެންވިއްޔާ ދެންމެ ތި ދެއްކީ ކޮން ވާހަކައެއް؟" އޭނާ އަހައިލި އެވެ.
"އަހަރެން ބުނަން އުޅުނީ އަހަރެންނަށް ވަރަށް ހީވެއޭ-" ހުސްނީގެ ވާހަކަ މެދުކެނޑުނީ އެ ފަންގިފިލާއަށް ހުޅުވުނު ލިފްޓުގެ ދޮރަށް ނަދާލްގެ ސަމާލުކަން އެނބުރުމުންނެވެ. ކޮރިޑޯ ހުރަސްކޮށް އެމީހުންނާ ދިމާލަށް އަންނަމުންދިޔައީ އައިލީން އެވެ.
"ނަދާލް" އައިލީން ނަދާލްގެ ފަހަތުގައި ހުއްޓިލަމުން ގޮވައިލި އެވެ.
"ވަން މިނަޓް ލޫނާ" ނަދާލް އައިލީންގާތު މަޑުކޮށްލުމަށް ބުނެ އެއް އަތް ހިއްލައިލަމުން އަނެއްކާވެސް ހުސްނީއަށް ވާހަކަދެއްކުމަށް ސަމާލުކަން ދިނެވެ. ނަމަވެސް އައިލީން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އަނެއްކާވެސް ނަދާލްއަށް ގޮވައިލި އެވެ.
"ނުސްދައްތައޭ ގުޅަނީ.. ގޭގަ ފުލުހުން އުޅޭތީ" އައިލީން ދައްކައިލީ އޭނާގެ އަތުގައި އޮތް ފޯނެވެ. އޭގައި އަދިވެސް ނުސްރާގެ ކޯލު ކަނޑާނުލައި ހުއްޓެވެ. ނަދާލް ފޯނަށް ޖަވާބު ނުދިނުމުން އައިލީންއަށް ގުޅީތާ އެވެ.
"ގޭގައޭ؟ ކީއްކުރަން ގެއަށް؟" ނަދާލް މިފަހަރުވެސް ބަލައިލީ ކައިރީގައި ހުރި ހުސްނީ އަށެވެ. ހުސްނީ ނޭނގެއޭ ބުނެ ދެކޮނޑު އަރުވައިލި އެވެ. ނަދާލް ކަމަކަށް ތައްޔާރުވެލާ ފަދައިން ފުން ނޭވާއެއް ދޫކޮށްލި އެވެ.
"އަހަރެން މި ދަނީ.. ވާނުވާ އަންގާތި. މި މީހުން މިކަން ނިންމާފަ ދިޔައީމަ ލެޕް ހިފައިގެން ގެއާ ދިމާލަށް އާދޭ އެނގޭ. އަހަރެންވެސް ބޭނުން އެކަމުގެ އެންމެ ލާރިއެއްވެސް މި ކުންފުންޏަށް ވަދެ ނުކުތްތޯ ޝައްކެއް ނެތް ވަރަށް ޔަގީން ކުރަން" ހުސްނީގެ ކޮނޑުގައި ދެފަހަރަކު ޖަހައިލުމަށްފަހު އައިލީން ދިން ފޯނުން ނުސްރާއާ ވާހަކަދައްކަމުން ނަދާލް އެތަނުން ހިނގައިގަތެވެ.
************
މާލެ އައިސް ގޭގެ ގަރާޖަށް ކާރު ޕާކު ކޮށްލުމަށްފަހު ނުސްރާމެން އުޅޭ އެޕަރޓްމެންޓަށް އެރި ނަދާލްއަށް ލިބުނީ ހައިރާން ކަމެކެވެ. ނުސްރާ ބުނިފަދަ ފުލުހުންގެ އެއްވެސް ނިޝާނެއް އެ މުޅި ގެއަކުންވެސް ފެންނާކަށް ނެތެވެ.
"ކޮބާ؟" ސިޓިންގްރޫމުގެ ދެކޮޅަށް ކުރުކާލި ކަނޑަމުންދިޔަ ނުސްރާއަށް ބަލައިލަމުން ނަދާލް އަހައިލި އެވެ.
"ހިނގައްޖެ. މައިޝާންގެ ކޮޓަރި ބަލާފަ އައިސް ބައްޕަގެ ކޮޓަރިން ފާޑެއްގެ ލިޔުންތަކަކާއި، ލެޕްޓޮޕަކާ އެއްޗެހި ހިފައިގެން ދިޔައީ. ބައްޕަވެސް ހިނގައްޖެ އެމީހުންގެ ފަހަތުން. ދަރިފުޅު ކޮންތާކުތަ އުޅުނީ؟" ނުސްރާ އެއް ފަހަރު ނަދާލްއަށް، އަނެއް ފަހަރު އައިލީންއަށް ބަލައިލަމުން އެއްސެވެ.
"އޮފީހުގަ ހުރީ.. މަތީގަ ކޮން ކަންތައްގަނޑެއް؟" ނުސްރާމެންގެ އެޕަރޓްމެންޓްގެ މަތީގައި ހުރި ޒީނިޔާމެންގެ އެޕަރޓްމެންޓުން ބާރު އަޑެއް އިވި ނަދާލް ސުވާލުކުރި އެވެ. ނުސްރާއަށް އެ ސުވާލުގެ ޖަވާބު ނުދެވިގެން އުޅެނިކޮށް ދެން އިވުނީ ބާރު ރުއިމެއްގެ އަޑެވެ.
"މައި؟ މައި!!!" ނަދާލް ވަގުތުން ސަމާލަށް އައެވެ. ދުރު ފިޔަވަޅުތަކެއްގައި ގޮސް މައްޗަށް ދާން ހުރި ސިޑި ގިރާކޮށްލި އެވެ. އޭނާގެ ފަހަތުން އައިލީންއާއި ނުސްރާވެސް ދުއްވައިގަތެވެ. ނަމަވެސް ޒީނިޔާމެންގެ އެޕަރޓްމެންޓްގެ ދޮރާ އަރައި ހަމަވުމާއެކު އެ ތިން މީހުންނަށް އެކީ ހުރި ފިޔަވަޅު މަތީގައި ހުއްޓެވުނެވެ. ސިޓިންގްރޫމުގެ މެދުގައި އިށީނދެލައިގެން އިނދެ ހަޅޭއްލަވަމުން ދިޔައީ މައިރާއެއް ނޫނެވެ. ކިޔާރާ އެވެ. އޭނާއެކޭ ދުނިޔެއިން މޮޔަވެފައި އިން މަޖުނޫނެކޭ ތަފާތެއް ނެތެވެ. އޭނާއާ ދެތިން ފިޔަވަޅު ދުރުގައި މަޑުކޮށްލައިގެން ތިބި މައިރާއާއި ޒީނިޔާއަށް ބަލަހައްޓައިގެން އިނދެ ރޮމުން ދިޔައިރު އެ އަޑު ވަނީ ފަޅައިގެން ގޮސްފަ އެވެ. ކަރުނައާ އެކުވެ މޫނުގައިވި މޭކަޕުތައް ފޭދިފައިވުމުން މީހާގެ ސިފަވެސް މުޅީން ބަދަލުވެފައިވާ ކަހަލަ އެވެ.
"ތިއީ ކޮންކަހަލަ ބައެއްތަ؟ ހުރިހާ ބާރަކާ ފައިސާއެއް އަތުގަ ހުރެ އާއިލާގަ ހުރި ހަމައެކަނި ފިރިހެން ދަރި ޖަލަށް ދާން ދޫކޮށްލައިގެން ތި ތިބެނީ.. ކަލޭމެން ކިތަންމެ ބޭނުންވިޔަސް ނަދާލްއަކީ މި އާއިލާގެ މީހަކަށް ނެހެދޭނެ!" ކިޔާރާ ވާހަކަދައްކަމުން ދިޔައީ މައިރާއާކަން އޭނާގެ ރާގު ހުރިގޮތުން އެނގެ އެވެ.
މައިރާ އެއްލި ކަޅިއަކުން ދޮރުމަތީގައި ތިބި ނަދާލްމެން ފެނުނެވެ. ކިޔާރާގެ ކަޅިވެސް މައިރާގެ ކަޅިއާ އެކުއެކީގައި އެ ދޮރާ ދިމާލަށް ދަތުރު ކުރި އެވެ. އެއާއެކު އޭނާގެ ސަމާލުކަން މައިރާއިން ކައްސާލައިފި އެވެ. އެ ޝަކުވާތަކުގެ އަމާޒު ފަތްގަނޑަކަށް ދެން ވެގެންދިޔައީ ނަދާލް އެވެ.
"ނަދާލް.." ކިޔާރާ ތަޅުންގަނޑު މަތިން ތެދުވެ ނަދާލްއާ ދިމާލަށް ހިނގައިގަތެވެ. "ނަދާލް ހެޔޮނުވާނެ. މައިޝާން އެތަނުން ނެރެދީ. އޭނައަކަށް އެތާކު ކެތެއް ނުވާނެ. މިހާރުވެސް ނުވަ ގަޑިއިރު ވެއްޖެ. ނަދާލް.." ނަދާލްގެ ކޮނޑުގައި ހިފައި އެލިގަންނަމުން ކިޔާރާ އާދޭސް ކުރިއިރު ނަދާލްއަށް އެކަމުން އުނދަގޫ ވެފައިހުރެ ކިޔާރާ އޭނާގެ ގަޔާ ދުރުކޮށްލި އެވެ. ކިޔާރާ ދެވަނަ ފަހަރުވެސް ނަދާލްގެ ކޮނޑުގައި ހިފައިގަތުމާއެކު މިފަހަރު އެ ދެމެދަށް ވަނީ އައިލީން އެވެ.
"ގަޔަށް ބޮލަށް ނޭރިޔަސް ވާހަކަ ދެއްކިދާނެ" ކުއްލިއެއް ޖަހައި ކިޔާރާގެ އަތް ނަދާލްގެ ގަމީހުން ވަކިކޮށްލަމުން އައިލީން ބުންޏެވެ. އެއީ އެއްވެސް މީހަކު އައިލީންގެ ފަރާތުން އުއްމީދުކޮށްގެން ހުރިފަދަ ކަމެއް ނޫނެވެ.
ކިޔާރާގެ ލޭ ކެކިގަތެވެ. އޭނާއާއި މައިޝާން ބޭނުން ގޮތަކަށް ކުޅެން ގެންގުޅުނު ބުދެއްކަހަލަ ކުއްޖަކަށް މިފަދަ ހިތްވަރެއް ލިބިގެން މި އުޅެނީ ކޮންތާކުން ހެއްޔެވެ؟ އިސާހިތަކު ކިޔާރާގެ ސަމާލުކަން މުޅީން އައިލީންއަށް ހުސްވެ އައިލީންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ފިނި ނަޒަރެއް ދިނެވެ. އައިލީން ހެދުމާއި، ފައިވާނާއި ބޭނުންކޮށްފައިވާ ގަހަނާގެ އިތުރުން ކޮށްފައިވާ މޭކަޕު ފެނި އޭނާގެ ހިތުގައި ރޯވެގަތީ ހަސަދައާއި ރުޅިވެރިކަމުގެ އަލިފާނެވެ. މީގެ އިރުކޮޅެއް ކުރިން ދެލޮލުން ހޯސްލާފައި ބާލަމުންދިޔަ ކަރުނަތަކަށްވެސް ހުއްޓުމެއް އައިސްފި އެވެ. އޭނާއާއި މައިޝާން އަމިއްލައަށް އަތޮޅުތެރޭ ރަށަކަށް އަރުވާލެވިގެން އުޅެން މަޖުބޫރު ކުރުމަށްފަހު މި ނިކަމެތި ކުއްޖާގަނޑު މި އުޅެނީ ކިހާ ޝާހީ ދިރިއުޅުމެއް ހެއްޔެވެ؟
"އައްޗި! ހާދަ އަވަހަކަށް ފިޔަ ފަޅައިފިއޭ ދޯ" ކިޔާރާ އައިލީންއާ ދިމާލަށް ފިޔަވަޅު އަޅައިލި އެވެ. "ކަލޭގެ ފެންވަރު އޮޅިގެން ނޫޅެއްޗޭ އެނގޭ! އަދި އެއްފަހަރު ބުނެބަލަ މަށާ ދިމާލަށް ތިހެން"
ކިޔާރާގެ އަޑު ބާރުވަމުން ދިޔަ ވަރަކަށް އައިލީން ސިއްސަ ސިއްސައިގެންގޮސް ނަދާލްގެ ފަހަތަށް ވަދެ ފިލަމުންދިޔަ އެވެ. ހަގީގަތުގައި އޭނާ އުޅުނީ ކިޔާރާއާ ކުރިމަތިލާކަށް ނޫނެވެ. އެފަދަ ހިތްވަރެއް ނަފްސުގައި ހުރި ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އޭނާއަށް ބުނެވުނު އެއްޗެއް ބުނެވި ދިޔައީ ބޭއިޙްތިޔާރުގަ އެވެ. ނުނިޔަތެއްގައި ނޫން ނަމަވެސް ކިޔާރާ އައިސް ނަދާލްގެ ގައިގައި އޮޅުލާން ފެށުމުން އޭނާއަށް އެ މަންޒަރު ދެކެން ފަސޭހަ ނުވީ އެވެ.
"ކިޔާރާ" އައިލީން މާބޮޑަށް ބިރުގަންނަން ފަށައިފިހެން ހީވެ ނުސްރާ ކުރިއަށް ޖެހިލި އެވެ. ކިޔާރާއަށް ރައްދު ދޭން ހުޅުވައިލި އަނގަ ލައްޕައިލީ އެވަގުތު އެދިމާލަށް އައި ޒީނިޔާ ފެނުމުންނެވެ. މައިޝާން ހައްޔަރު ކުރީއްސުރެން އޭނާގެ ދެލޮލުން ކަރުނަ ނުހިކުނު ކަމުގައިވިޔަސް އެތަނުގައި ދެން ތިބި މީހުންގެ ހިތްވަރުން ޒީނިޔާއަށްވެސް ހިތްވަރެއް ލިބުނީ ކަހަލަ އެވެ. ކިޔާރާގެ އަތުގައި ހިފައި އޭނާއާ ދިމާލަށް އަނބުރައިލަމުން ވާހަކަ ދައްކަން ފެށި އެވެ.
"ކިޔާރާ ކޮންމެހެން މައިޝާންދެކެ މާ ލޯބިވާ މީހަކަށްވެގެން މިތަނަށް މައިޝާން ސަލާމަތް ކުރަން އައުމުގެ ބޭނުމެއް ނެތެއްނު؟ ކިޔާރާގެ ރުހުމުގައެއް ނޫންތަ މައިޝާން އެހެން މީހަކާ ކައިވެނި ކުރީ؟ އެކަން އެގޮތަށް ނުހިނގިނަމަ އަހަރެމެންނަށް ފަހަރެއްގާ ގަބޫލު ކުރެވުނީސް ކިޔާރާ މިތަނަށް ތި އައީ މައިޝާންދެކެ ލޯބިވާތީއޭ.. އެކަމަކު ހަގީގަތަކީ ކިޔާރާ މިތަނަށް ތި އައީ ކިޔާރާގެ ރަންބިސް އަޅާ ކުކުޅު ގެއްލުނީމަ. އެހެންނޫނަސް މައިޝާންވެސް ކިޔާރާދެކެ ލޯބިވަންޏަކާ އެހެން މީހަކާ ކައިވެންޏެއް ނުކުރާނެ ދޯ" ޒީނިޔާގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ. ކިޔާރާއަކީ އެއްވެސް އިރެއްގައި އޭނާ މާ ގަޔާވާ ކުއްޖެއް ނޫނެވެ.
ކިޔާރާގެ ދެލޮލުން ފާޅުވީ ސިހުމެވެ. ހިނދުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު އޭނާ ހޭންފެށި އެވެ. އެ ހުނުމުގެ އަޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައިރު ހުނުމުގެ ސަބަބުން ދެލޯވެސް ދިޔައީ ފެންކަޅިވަމުން ނެވެ. އޭނާއެކޭ ދުނިޔެއިން މޮޔަވެފައިވާ މީހެކޭ ތަފާތެއް ނެތެވެ.
"އަހަހަހަ. ހަހަހަ. ހަހަ" ކިޔާރާ ހުނުން ހުއްޓައިލަމުން ދެލޯ ފޮހެލި އެވެ. "ސަމްޓައިމްސް.. ޔޫ އޯލް ގިވް މައިޝާން ޓޫ މަޗް ކްރެޑިޓް. ޔޫ ޖަސްޓް ތިންކް ހީ އިޒް ސޯ ސްމަރޓް.. ޑޯންޓް ޔޫ؟ ކަލޭމެން ހީކުރީ މައިޝާން އައިލީންއާ ކައިވެނިކުރީ އަމިއްލައަށް ބޭނުންވެގެން ކަމަށްތަ؟" އެތަނުގައި ތިބި އެންމެންގެ މޫނަށް ވަކިވަކިން ބަލައިލަމުން އޭނާ އެއްސެވެ. އޭރު އެ އެންމެން ތިބީ ކިޔާރާ އިތުރަށް ދައްކަން މި އުޅޭ ވާހަކައެއް އަޑުއެހުމުގެ ޝައުގުވެރިކަމުގަ އެވެ.
"މައިޝާން ކުރިކަމެއް ކުރީ އަހަރެން ބުނެގެން. ދެން އެކަމަކު. މުޅިއަކުން އަހަރެންނެއްވެސް ނޫން ދޯ" ކިޔާރާ ކޮނޑު އަރުވައިލަމުން އަނެއްކާވެސް ކުރިމަތިލީ ނަދާލްއާ އެވެ. "އެނގޭތަ ކަލޭވެސް މިކަމުގެ ތެރޭގަ ހިމެނޭކަން؟ އައިލީންގެ ދިރިއުޅުން ހަލާކުވެގެން ދިޔައީ ހަމަ ކަލެއާއި ކަލޭގެ ކައިރީގަ ގެންގުޅުނު ލޯބިވެރިޔާގެ ސަބަބުން" އޭނާ ނަދާލްއާ ހަތަރުކަޅި ހަމަކޮށްލި އެވެ. ނަދާލްއަށް ދެލޯ ހަނި ކޮށްލެވުނީ ކިޔާރާ އެ ބުނި އެއްޗެއް ނަގައިގަންނަން މަސައްކަތް ކުރާ ފަދައަކުންނެވެ.
"ނުވިސްނުނު ދޯ މި ބުނި އެއްޗެއް؟ މައިޝާންއާއި އައިލީން ކައިވެނި ކުރުވަން އަހަރެންނަށް ފައިސާ ދިން މީހަކީ އިޒްކާ!"
ކިޔާރާގެ ޖުމްލައާއެކު ހީވީ އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮއްވައިލެވުނު ހެނެވެ. ނަދާލްއަށް ލިބުނު ސިހުމުގައި ހަނިކޮށްލައިގެން ހުރި ދެލޯ ބޮޑުކޮށްލެވުނެވެ. ނުސްރާއާއި ޒީނިޔާގެ އިތުރުން އައިލީންގެ ހަރަކާތް ވަގުތުން ހުއްޓުނުއިރު މައިރާއަށް ހަލުވި ފިޔަވަޅުތަކެއްގައި އެދިމާލަށް އާދެވުނީ އިވުނު އެއްޗަކާމެދު ސުވާލު އުފެދިފައި ހުރެގެނެވެ.
"ސޭ ދެޓް އަގައިން!" ނަދާލް ކުރިއަށް ފިޔަވަޅެއް އަޅައިލި އެވެ. އޭނާގެ ދެލޮލުން އަލިފާންކަނި ބުރަމުން ދިޔައިރު ކަތުރުކަށިގަނޑަށް ވަނީ އާދަޔާހިލާފު ބާރެއް ލެވިފަ އެވެ.
"އަހަރެން ޖެހިލުންވާނެ ކަމަށްތަ މާ ވަރަކަށް ތި ދަތްކުނޑި ވިކަނީ؟ އާން! އަދިވެސް ބުނެފާނަން! ސަތޭކަ ފަހަރުވެސް ބުނެފާނަން! ހަގީގަތް ބަދަލެއް ނުވާނެ! މައިޝާންއާއި އައިލީން ކައިވެނި ކުރުވަން ބުނީ ކަލޭގެ ލޯބިވާ އިޒްކާ! އެ ކައިވެންޏާއެކު މައިޝާންއަށާއި މަށަށްވާނެ ފައިދާވެސް ވިސްނައިދިން މީހަކީ އޭނަ. ކަލޭމެން ހީކުރާ ވަރަށްވުރެ އެ މަންޖެ މާ ބޮޑަށްވެސް ސްމާރޓް. މަށަށް އެ ހުރިހާ ކަމެއް ވިސްނުނުނަމަ މައިޝާން މީހަކާ ކައިވެނި ކުރުވިތާ ކިތަންމެ ދުވަހެއް" ކިޔާރާ ބުންޏެވެ.
"ކީކޭ؟ އިޒޫއޭ؟" ނުސްރާއަށްވެސް އިވުނު ވާހަކަ ގަބޫލެއް ނުކުރެވުނެވެ.
"އާން. ކަލޭމެން ގާތް ކޮށްގެން އުޅުނު އިޒޫ. އެކަމަކު މި ކަލޭގެ އެކަންތައްވެސް ފަނިކޮށްލީނު!” ނުސްރާއަށް ޖަވާބު ދިނުމަށްފަހު ކިޔާރާ ދެންވެސް ނުރުހުމާއެކު ބަލައިލީ ނަދާލްއަށެވެ. “މަށަށް އޭނަ ދޭން ބުނި ލާރިކޮޅުވެސް އެއްކޮށް ނުލިބުނޭ ކަލެއާ ހެދި! އެކަމަކު ދެން ކޮންމެ ގޮތަކުންވިޔަސް ކަލޭ ކުންފުނިން ދުރު ކޮށްލެވިއްޖެތާ ދޯ؟ ލަކީ ފޯރ އަސް އައިލީން ވޯޒް ދި ޕާރފެކްޓް ޓޫލް ޓު ހަރޓް ޔޫ. ވޯޑް އޮފް އެޑްވައިސް ނަދާލް.. ގެޓް ރިޑް އޮފް ހަރ.. އެޓްލީސްޓް ޔޯ އެންގޭޖްމެންޓް ވިޓް އިޒްކާ ވޯޒް އިން ޔޯރ ފޭވަރ. ޝީ ވޯޒް އެން އެސެޓް ޓު ޔޫ. ރިޗް. އެޑިޔުކޭޓެޑް. ދިސް ނިއު ޓޯއީ؟ ޝީ އިޒް ޖަސްޓް.." ކިޔާރާގެ ޖުމްލަ ފުރިހަމަ ކުރުމުގެ ބަދަލުގައި މޫނަށް މަލާމާތުގެ ވައްތަރެއް ޖައްސައިލި އެވެ. އެއާއެކު އެތަނަށް ވެރިވީ ދިޔައީ ހިމޭންކަމެވެ. އިވިގެންދިޔަ ހަގީގަތަށްފަހު އެންމެންގެ ދޫތަކުން ބަސް ހުއްޓިފައިވާ ކަހަލަ އެވެ. އެމީހުންނަށް ނޭނގުނީ ހިމޭނުން ހުއްޓެއްކަމަކު އޭރު ނަދާލްގެ އެތެރެހަށި ދިޔައީ އައިސްފައިހުރި ރުޅީގެ ސަބަބުން ތުރުތުރުލަމުން ކަމެވެ. އޭނާ އައިލީންގެ އަތުން ދޫކޮށްލި އެވެ.
"ނަދާލް.. ހިނގާ ދާން" ނަދާލްގެ އެ ކުޑަ ހަރަކާތާއެކުވެސް އައިލީންއަށް ނަދާލް ރުޅި އައިސްފައިހުރި މިންވަރު ޔަގީންވި ކަހަލަ އެވެ. ބޭނުންވީ އަތުން ފައިން ގޯހެއް ހެދުމުގެ ކުރިން ނަދާލް އެތަނުން ދުރަށް ގެންދާށެވެ. އެހެނަސް ނަދާލްގެ ކަންފަތަކަށް މިފަހަރު އެ އަޑެއް ނީވުނެވެ. ނުވަތަ އަހަން ބޭނުން ނުވީ އެވެ. މުށްކަވާލެވިފައިވާ ދެއަތް ޖީންސުގެ ޖީބަށް ޖަހައިލުމަށްފަހު އޭނާ މަޑުމަޑުން މައިރާއަށް ގޮވައިލި އެވެ.
"މައި.. ވުޑް ޔޫ މައިންޑް؟" ނަދާލް ގޮވައިލުމާއެކު މައިރާ ކިޔާރާއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ.
"ނޮޓް އެޓް އޯލް" އެ ޖަވާބާއެކު ފެނުނީ މައިރާ ކުއްލިއަކަށް ކިޔާރާގެ އިސްތަށިގަނޑުގައި ހިފައިގަންނަމުން ކިޔާރާގެ ކަރު ފަހަތަށް އިތިކޮށްލި ތަނެވެ.
"އޭތް. ދޫކުރޭ! ދޫކުރާށޭ!" ކިޔާރާއަށް އަޑުގެ ނެތްތަނަށް ރޮއެ ގަނެވުނެވެ.
"ޝުކުރުކުރޭ ކަލޭ ތިއީ އަންހެނަކަށް ވީތީ! ނޫންނަމަ މިރޭ މަގޭ އަތުން ކަލޭ މަރުވާނެ!" ނަދާލް ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ބުންޏެވެ. އޭރުވެސް ކިޔާރާ ހުއްޓުމެއްނެތި ދޫކުރާށޭ ކިޔައި ހަޅޭއްލަވަމުން ދިޔަ އެވެ.
"މައިރާ.. މައިރާ ދަރިފުޅާ.. ދޫކޮށްލާ" ޒީނިޔާ އެންމެފަހުން ބުންޏެވެ. މައިރާ ދެ ހިޔާލެއްގައި ހުރެފައިވެސް ކިޔާރާގެ އިސްތަށިގަނޑުން ދޫކޮށްލައިފި އެވެ.
"އޭ މަގޭ ގައިގަ ނާތްލައްޗޭ! މައިޝާންއަށް އެނގިއްޖެއްޔާ ކަލޭ ދުލެއް ނުކުރާނެ!" ކިޔާރާ ހީވީ ފުންމައިގެން އައިސް މައިރާގެ ދެލޯވެސް ކޮނެލައިފާނެ ހެނެވެ. އެހެނަސް މައިރާ އެއަށްވުރެ މާބޮޑަށްވެސް ހުށިޔާރެވެ. އޭނާގެ މޫނުމަތީގައި އައިސް ޖެހުމުގެ ކުރިން ކިޔާރާގެ އަތުގައި ހިފައި ހުއްޓުވި އެވެ.
"މައިތިރިވޭ! ކިޔާރާ މިތާހުރެ ކިތަންމެ ވަރަކަށް ފެލުނަސް މައިޝާން ސަލާމަތް ކުރާށޭ ކިޔާފަ މިގޭގެ މީހަކު އިނގިލީގެ ކުރިވެސް ހިއްލާލާނެއޭ ހީ ނުކުރައްޗޭ! މިއީ ލީންގެ އެއްވެސް ކުށެއް ނެތި ކަލޭމެން ލީންގެ ދިރިއުޅުން ހަލާކު ކޮށްލީތީ ކަލޭމެންނަށް ލިބޭ އަދަބު! ކަރްމާ.. އިޒް އަ ވޮންޑަރފުލް ތިންގް.. އިޒްންޓް އިޓް؟" މައިރާ ބުންޏެވެ.
"މައިރާ ލަދެއްވެސް ނުގަނޭތަ؟ އަމިއްލަ އެއްބަނޑު އެއްބަފާ ދޮންބެގެ ފަޅި ދޫކޮށްލާފަ ދުރުބައެއްގެ ފަޅި ނަގާކަށް" ކިޔާރާ ޖެހިލުންވެފައިހުރެ ފަހަތަށް ފިޔަވަޅެއް އަޅައިލި ނަމަވެސް އޭނާގެ ވާހަކައަކަށް ހުއްޓުމެއް ނާދެ އެވެ.
"ދޮންބެއަކަސް ޖަނަވާރުންގެ ދަރަޖައަށް ވެއްޓުނީމަ އެއީ ދޮންބެ ކަމަކަށް ނުބެލެވޭނެ! މައިޝާން ލީންގެ ގަޔަށް އަތް އިސްކުރި ދުވަހުން ފެށިގެން އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ މީހެއްކަމުގަ އަހަރެންނެއް ނުދެކެން! އަހަރެން ހީކުރީ މައިޝާން ލީންއާ ކައިވެނި ކުރީ ލޯބިން ކަމަށް. އެކަމުގެ ކަލޭގެ އަތެއް އޮވެދާނެއެކޭވެސް ހިއެއް ނުކުރަން. ކަލެއަކީ ކިތަންމެ ނުބައި މީހެކޭ މީހުން ބުންޏަސް އަންހެނަކަށްވެހުރެ އެހެން އަންހެނެއްގެ ދިރިއުޅުމާ ކުޅެން ކެރިދާނެއޭ އަހަރެން ހިއެއް ނުކުރަން! އެކަމަކު މިއަދު ކަލޭގެ ދުލުން ތި އިވުނު ހަގީގަތަށްފަހު އަހަރެން ކަލެއަށް ކުރި ކުޑަ އިޙްތިރާމްވެސް ގެއްލިގެން ގޮސްފި! ނުކުމޭ މިގެއިން!" ކިޔާރާގެ އަތުގައި ހިފައި ދޮރާ ދިމާލަށް ހޫރައިލަމުން މައިރާ ހަޅޭއްލަވައިގަތެވެ.
ކިޔާރާ ދެކޮޅު ހަދާކަށް ނޫޅުނެވެ. ފުސްމޫނު ހަދައިގެންހުރެ ދޮރުން ނުކުމެގެން ދިޔަ އެވެ. އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ނަދާލްވެސް ހިނގައިގަތެވެ. ނަމަވެސް ނަދާލްއަށް ނުކުމެވުނުއިރު ކިޔާރާ އެރި ލިފްޓުގެ ދޮރު ލެއްޕެން ދަނީ އެވެ. ވަގުތުން ސިޑިއާ ދިމާލަށް ނެގި ފިޔަވަޅު ހުއްޓުނީ އައިނައި ތަނެއް ނޭނގި އައިލީން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
"ނަދާލް" އައިލީން ބޯ ހޫރައިލީ ކިޔާރާގެ ފަހަތުން ނުދާށޭ ބުނާ މޭރުމަކުންނެވެ.
"އައި ކާންޓް ލެޓް ދެޓް ބި* ގެޓް އަވޭ!" ނަދާލްގެ އަޑު ބާރެވެ. އޭނާގެ ރުޅިގަނޑު އަދިވެސް ފިނިވާކަށް ނޫޅުނެވެ.
"އިޓްސް ނޮޓް ވޯރތް އިޓް ނަދާލް. މިވަގުތު ނަދާލްގެ އާއިލާއާ ގާތުގަ ހުރުން ނަދާލްއަށް މާ މުހިއްމު. އޭނައަށް ކޮންމެ އަދަބެއް ދިނަސް ހިނގައިދިޔަ އެއްވެސް ކަމަކީ ނުވާ ކަމަކަށް ނުވާނެ. ދެއަރ އިޒް ނަތިންގް ވީ ކޭން ޑޫ އެނީމޯރ" އައިލީން ބުންޏެވެ.
"އެކްޗުއަލީ ދެއަރ އިޒް.." އެމީހުންގެ ވާހަކަ އަޑުއަހަން ދޮރުމަތީގައި ހުރި މައިރާ ކުރިއަށް ޖެހިލި އެވެ. "ކަމް ވިތް މީ ލީން" އޭނާ އައިލީން ގޮވައިގެން ސިޑިން ތިރިއަށް ހިނގައިގަތެވެ. ވާނުވާ ނޭނގިފައި ހުރެވުނު ނަދާލްއަށް ސިޑިން ތިރިއަށް ދުއްވައިގަނެވުނީ އޭގެ އިރުކޮޅެއް ފަހުންނެވެ.
"މައި.. މައި.. މަޑުކޮށްބަލަ! ކޮންތާކަށް؟" ނަދާލްއަށް ހާސްވެފައިހުރެ އައިލީންގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލެވުނީ މައިރާ އައިލީން ގެންދަން އުޅޭ ތަނެއް ނޭނގޭތީ އެވެ.
"ޕޮލިސް ސްޓޭޝަނަށް" މައިރާ ހަމަޖެހިލާފައި ބުންޏެވެ.
"ޕޮލިސް ސްޓޭޝަނަށް ކީއްކުރަން އައިލީން ގޮވައިގެން؟" ނަދާލް ހީކުރީ މައިރާ ދާން އުޅުނީ މައިޝާން ހައްޔަރުކުރި މައްސަލައިގައި ކަމަށެވެ.
"ލީންއަށް މައްސަލަ ޖެއްސޭނީ ލީން ގޮވައިގެން ދިޔައިމައެއްނު؟ އާއިލާއޭ ވިޔަފާރިއޭ ކިޔާފަ ކުރިންވެސް މައްސަލަ ނުޖައްސާ އޮތް އޮތުން އަހަރެންނަކަށް ކަމަކު ނުދޭ. އެކަމަކު މަންމަގެ ހާލަތު އޭރު އެހާ ގޯސްކޮށް އުޅުނީމަ.. ދޮންބެ ހައްޔަރު ކޮށްފިއްޔާ މަންމައަށް ވާނެ ގޮތެއް ނޭނގޭތީ އަހަރެން މަޑުން ހުރީ. ލީންވެސް އޭރު މެންޓަލީ އެހާ ސްޓޭބަލް ނޫންހެން ހީވާތީ އެހާ ވަރަކުން އެވާހަކަ ނުދެއްކީ. އެކަމަކު މިހާރު އެނގިއްޖެ އެއީ އަދި އެންމެ ރަނގަޅު ނިންމުމެއް ނޫންކަން. އަހަރުމެން މަލްއަށް އިންސާފު ހޯދަދޭން މަސައްކަތް ކުރިގޮތަށް ލީންއަށް އިންސާފު ހޯދައި ދޭން މަސައްކަތް ނުކޮށް މި ތިބެނީ މައިޝާންއަކީ އާއިލާއަށް ވީމަތަ؟ ވަޓް ޑަޒް ދެޓް މޭކް އަސް ނެޑް؟ އަ ބަންޗް އޮފް ހިޕޮކްރިޓްސް! ނޫންތަ؟" މައިރާ ބުންޏެވެ.
"މައި.. ޔޫ.. ޔޫ ޑޯންޓް ހޭވް ޓު ރިއަލީ.. އަހަރެންގެ މައްސަލައެއް ނެތޭ" އައިލީން އިސްޖަހައިލަމުން ބުންޏެވެ. އޭނާގެ ހިތް އޭރު ހީވީ މޭފަޅައި ބޭރަށް ނުކުމެދާނޭ ހެނެވެ. މީހަކު މައިޝާންގެ ނަން ގަތަސް އޭނާ ބިރުން ރޫރޫ އަޅައިގެންދާއިރު ޝަރީއަތުގެ މަޖިލީހެއްގައި މައިޝާންއާ ކުރިމަތިލާން އޭނާއަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟
"އަހަރެން ބޭނުމެއް ނޫން މައްސަލަ ޖައްސާކަށް" އައިލީން އަނެއްކާވެސް ބުންޏެވެ. މައިރާ އެ އިވުނު ޖުމުލަ ގަބޫލު ނުކުރެވިފައިހުރެ ނަދާލްއާ ދިމާލަށް ބަލައިލުމާއެކު ނަދާލް މައިރާއަށް ބުމަ އަރުވައިލީ އައިލީން އެ ބުނި އެއްޗެއް އިވިއްޖެހޭ އަހައިލާ ފަދައިން ނެވެ.
"ވަޓް؟ ލީން ކީއްވެ؟" މައިރާއަކަށް ނުވިސްނުނެވެ.
"ތިއެއްނު އަހަރެންވެސް މި ކުރާ ސުވާލަކީ؟ މައިއަށް ހީވޭތަ އަހަރެން ބޭނުން ނުވެ ހުންނާނެހެން އައިލީންއަށް އިންސާފު ހޯދައިދޭން؟ އެރޭވެސް ބައްޕަ ގުޅާފަ އެގޮތަށް ވާހަކަ ދެއްކިޔަސް އަހަރެން ހުރީ މައިޝާންގެ މައްސަލަ ޖައްސާށޭ! އެކަން ހުއްޓުވީ އައިލީން! ސޯ މިރޭވެސް މައި ބޭކާރު ގޮތުގަ ތި ޕޮލިސް ސްޓޭޝަނާ ހަމައަށް އޭނަ ގެންދިޔުމުގެ ކުރިން އަހާބަލަ މިކަމަށް އެއްބާރުލުން ދޭނަންތޯ؟" ނަދާލްގެ އަޑުގައި ހިސާބެއްގެ ހިތްހަމަނުޖެހުމެއް ހުއްޓެވެ.
"އަޅެ އެކަމަކު ކީއްވެތަ ލީން؟" މައިރާއަށް އަހައިލެވުނެވެ.
"މައި ޕްލީޒް.. އަހަރެންގާތު ތިކަން ކުރަން ނުބުނޭ! މިހާރުވެސް.. އަހަރެންނާހެދި މި އާއިލާ ވަރަށް ބޮޑަށް ރޫޅިއްޖެ. ދެން އަނެއްކާ ތި ކަންތައްގަނޑު ނަގައިފިއްޔާ މައިގެ މަންމަ އަހަރެންދެކެ.. ނަދާލްދެކެވެސް ވަރަށް ހިތްހަމަ ނުޖެހޭނެ" އައިލީން ބުންޏެވެ.
"ހައް. ބުލްޝިޓް" ނަދާލް ވަގުތުން ދެކޮޅު ހެދި އެވެ.
"ނޫނެކޭ! ކީއްވެތަ ގަބޫލު ނުކުރަނީ؟ އެއީ އަދިވެސް ނަދާލްގެ ފެމިލީއެއް ނޫންތަ؟ އެމީހުންނާ ނަދާލްއާ ޖެހޭކަށް އަހަރެން ބޭނުމެއް ނޫނޭ! އަހަރެން މިހާރު މި މައްސަލަ ޖައްސައިފިއްޔާ މައިގެ މަންމަގެ ނަޒަރުގަ ގޯސްވާނީ ނަދާލްއޭ. އޭރުން ނުސްދައްތައާ މައިގެ މަންމައާ އޮންނަ ރަހްމަތްތެރިކަންވެސް.." އައިލީންއަށް ވިސްނެން ފެށުނެވެ. އޭނާ އެ މައްސަލަ ޖައްސަން ފަސްޖެހެނީ އެންމެ ސަބަބެއް ދެ ސަބަބަކާ ލައިގެނެއް ނޫނެވެ. އޭނާ މައިޝާންއާ ކުރިމަތިލާން ބޭނުން ނުވާ ނުވުން އެއްފަރާތް ކުރި ނަމަވެސް އެ މައްސަލައަކީ ނަދާލްގެ އާއިލާގެ ހަމަޖެހުމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލަ އެކެވެ.
"ނޫން ނޫން! ނުވާނެ! ކިތައް މީހުންގެ ދިރިއުޅުންތަ އަހަރެންނާހެދި ހަލާކު ވާންވީ؟ ކިތައް މީހުންގެ ދުލުން އެހެން ބުނަންދެންތަ އަހަރެންނަށް ކެތްވާނީ؟ ނަޝް ދޮންތި ބުނިގޮތަށް.. ނަދާލްއާއި ބައްޕައާވެސް ޖެހުނީ އަހަރެންނާހެދި… ނަދާލްއާއި އިޒޫ-"
"އޭނަގެ ވާހަކަ ނުދައްކާ" ނަދާލް ބުންޏެވެ. އެކަމަކު އައިލީން ދެއްކި ވާހަކައިގެ ތެރެއިން ނަޝްވާގެ ނަން އައުމުން އެކަމާ ސުވާލު ކުރެވުނެވެ. "ނަޝް ދޮންތި ކީކޭތަ ބުނީ؟"
"ނެޑް. ތި ވާހަކައެއް ނޫނެއްނު މުހިއްމީ!" މައިރާ ރައްދު ދިނެވެ. "ލީން. މިހާރު މައިޝާން އެ ހައްޔަރު ކުރީއެއްނު؟ ދެން މައިޝާންގެ އިތުރު މައްސަލައެއް ޖައްސައިގެން އާއިލާއަށްވެސް އަދި މަންމައަށްވެސް ލިބޭނެ އިތުރު ގެއްލުމެއް ނޯންނާނެ. މައިޝާން ކުރާ އެހެން ކުށްތަކަށް އަދަބު ލިބޭއިރު ލީންއަށް އޭނަ ކުރި ކަންތައްތަކަށް އަދަބު ނުލިބޭންވީ ކީއްވެ؟ ލިބެން ޖެހޭނެ. އެއީ ލީންގެ ހައްގެއް! ލީން އެ ހައްގު ހޯދަން ނޫޅުނިއްޔާ އަހަރެން މީގެފަހުން ލީންއަކާވެސް އަދި ނެޑްއަކާވެސް ގުޅުމެއް ނުބާއްވާނަން. ލީން ތިހާވަރަށް ކަންބޮޑުވެގެން ތި އުޅެނީ އާއިލާ ރޫޅިދާނެތީއެއްނު؟ ސޯ އަހަރެންނާއި ނެޑްގެ ގުޅުމާ ދޭތެރޭ ލީން ކުޑަކޮށްވެސް ވިސްނަންޏާ މިފަހަރު ޖެހޭނީ މި މައްސަލަ ޖައްސަން" އައިލީން ރުއްސޭނެ އިތުރު ގޮތެއް ނެތްކަން އެނގުމާއެކު މައިރާ ބުންޏެވެ.
"ދެން އަޅެ އެކަމަކު.." އައިލީން ނަދާލްއަށް ބަލައިލީ އެހީއަކަށް އެދޭ ފަދައިންނެވެ. އެހެނަސް އައިލީންގެ ކޮންމެ ބެލުމަކަށް ކޮންމެ އާދޭހަކަށް އިޖާބަދޭ ނަދާލް މިފަހަރު މޫނު އަނބުރައިލީ ދުރަށެވެ. އެއީ އައިލީން އެ އެދޭ ކަންތަކުގައި މައިރާ ބޭނުންވާ ގޮތަކީ އޭނާވެސް ބޭނުންވާ ގޮތް ކަމަށް ވާތީ އެވެ. އައިލީން ގޮތް ހުސްވެފައިހުރެ މައިރާގެ މޫނަށް ބަލައިލަމުން ބޯ ޖަހައިލި އެވެ. އެއާއެކު މައިރާގެ މޫނަށް ފަނޑު ނަމަވެސް ހިނިތުންވުމެއް ވެރިވި އެވެ.
"ލީން ބިރުގަންނާނެ ކަމެއް ނެތޭ. އަހަރުމެން ދެމީހުންވެސް ތިބޭނަން ލީންއާއެކު" މައިރާ ހިތްވަރު ދިނުމުގެ ގޮތުން އައިލީންގެ އަތުގައި ހިފައިލި އެވެ. ނަދާލްވެސް އައިލީންއަށް ބަލައިލަމުން ބޯ ޖަހައިލީ އެ ގޮތް ނިންމީ އެންމެ ރަނގަޅަށްކަމުގެ ޔަގީން ކޮށްދެމުންނެވެ.
ނަދާލްއާއި މައިރާ، އައިލީން ގޮވައިގެން ގެއިން ނުކުތުމަށް ހިނގައިގަތް ވަގުތު ވީ ގޭގެ ދޮރާށި ހުޅުވައިލުމަށްފަހު ހުސްނީ ވަތް ވަގުތަށެވެ.
"ހުސްނީ؟ އަހަރެން އަދި އޮފީހަށް ދާން އުޅެނިކޮށް ތި އައީ" މައިރާއަށް ބުނެވުނެވެ. ހިނގައިދިޔަ ކަންތަކުގެ ހަބަރު ލިބުމާއެކު އޭނާ ތައްޔާރުވެގެން ހުރީ އޮފީހަށް ދާށެވެ. ކިޔާރާ ގެއަށް އައުމުން ދެވޭ ގޮތް ނުވީ އެވެ.
"މިވަގުތު އޮފީހަށްގޮސް އެއްވެސް ކަމެއް ކުރަން އުޅުމަކީ އެހާ ބުއްދިވެރި ގޮތެއް ނޫން. އެހެންވެ އަހަރެން ހުސްނީގާތުވެސް އަންނާށޭ ބުނީ.. ފުލުހުން ކޮންމެ ގޮތަކަށް މިކަން ތަހުގީގު ކުރިޔަސް އަހަރުމެން އަމިއްލައަށްވެސް މިކަން ހިނގައިދިޔަ ގޮތް ރަނގަޅަށް ބަލަން ޖެހޭނެއެއްނު" ނަދާލް ބުންޏެވެ. "ހުސްނީ މަޑުކޮށްލާ.. އަހަރެން އެބަ އަންނަން މި މީހުންނާއެކު-"
"ނޫން! ނެޑްވެސް މަޑުކުރޭ! އަހަރެން އަންނާނަން ލީން ގޮވައިގެން ގޮސްފަ" ނަދާލްގެ ވާހަކައަށް ހުރަސް އަޅަމުން މައިރާ ބުންޏެވެ. ނަދާލް އައިލީންއާ ދިމާލަށް ބަލައިލީ މައިރާ ބުނި ގޮތަށް އަމަލުކުރަން ބޭނުން ނުވެފައިހުރި މީހަކު ފަދައިންނެވެ.
"ނެޑް! ޔޫ ކޭންޓް ޓްރަސްޓް ހަރ ވިތް މީ؟" މައިރާއަށް ގަބޫލު ނުކުރެވިފައި އަހައިލެވުނެވެ. ނަދާލް ފުން ނޭވާއަކާއެކު އައިލީންގެ އަތުން ދޫކޮށްލި އެވެ. އޭނާ ހުސްނީއާ ދައްކަން އޮތް ވާހަކައަކީވެސް ފަސްކުރެވެން އޮތް ވާހަކައެއް ނޫނެވެ. އެހެންނޫނަސް އެކަން އިތުރަށް ފަސްކުރަން އޭނާ ޖެހިލުންވީ ކުންފުނި މި ހާލަތަށް މި ދިޔައީވެސް އިހުމާލުގެ ސަބަބުން ކަމަށްވާތީ އެވެ.
މައިރާ އާއި އައިލީން ލޯ ކުރިމަތިން ގެއްލުމާއެކު ނަދާލް ހުސްނީ ގޮވައިގެން ދިޔައީ އޭނާ ދިރިއުޅޭ އެޕަރޓްމެންޓަށެވެ. ކާމޭޒުމަތިން ލެޕްޓޮޕަށް ޖާގަ ހަދައިލުމަށްފަހު މަސައްކަތަށް ގެއްލުނުއިރު އެތަނުން މިހާރު ފެންނަމުން ދިޔައީ މީގެ ތިން މަސް ކުރިން ވިޔަފާރީގެ ކަންތަކުގައި ހޭބޯ ނާރައި އުޅުނު "ސީރިއަސް" ނަދާލް އެވެ. ނަދާލް ބަލަން ބޭނުންވާ ކޮންމެ ފޯލްޑަރއެއް ނުވަތަ އެކައުންޓަކަށް ޕާސްވޯޑު ޖަހައިދިނުން ފިޔަވައި މާ ބޮޑުކަމެއް ހުސްނީ ނުކުރެ އެވެ. ހުރިހާކަމެއްވެސް ޔަގީން ކުރަމުންދިޔައީ ސީދާ ނަދާލްގެ ދެލޮލުންނެވެ. އެގޮތުގައި ދެ ގަޑިއިރު ފާއިތުވިއިރު ހުސްނީ އިނީ ތާއްޔާ ޖެހިފަ އެވެ.
"މައިޝާންއަށް އެކްސެސް އޮތް ދެ ބޭންކް އެކައުންޓް އޮޕަރޭޓް ނުކުރާތާ ދެ މަސްވީ. މިދިޔަ ހަތަރުމަހުގެ ކޭޝްފްލޯއަށް ބަލާއިރުވެސް ނުފެނޭ އެއްވެސް ކަހަލަ ސަސްޕިޝަސް ކަމެއް.. މަތިމަތިން ބަލާލާއިރު ނެތް ހާސްވާންޖެހޭ ކަމެއް. އެކަމަކު އަހަރެން މި ޝީޓަށް މި އަޅާ އެކައުންޓުތައް މާދަމާ ތަފްސީލުކޮށް ބަލަންވާނެ އެނގޭ" ނަދާލް ދެއްކި ވާހަކަ ހުސްނީއަށް އިވުނުހެނެއް ހިއެއްނުވެ އެވެ. ގޮނޑީގެ ފަހަތަށް ކަރު އެލުވާލައިގެން އޭނާ އޮތީ ގަދަ ނިދީގަ އެވެ. ނަދާލް އެކަމަށް ފަރުވާލެއް ނުދީ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދަނިކޮށް ލޮލުގައި އަޅައިގަތް އެއްޗަކުން އޭނާއަށް ކައިރީގައި އިން ހުސްނީގެ ކޮނޑުގައި ހިފައި ތަޅުވައިގަނެވުނެވެ.
"އޭތް އާދެބަލަ. މިއީ ކޮން ކަމަކު ހަދާފަ އިން ޝީޓެއް؟" ނަދާލްގެ އަޑަށް ހުސްނީ ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ. ދެލޯ ފޮހެލުމަށްފަހު އާފުރެމުން ކަހަލަ ގޮތަކަށް ނަދާލް ހުޅުވާލައިގެން އިން އެކްސެލް ޝީޓަށް ބަލައިލި އެވެ. ނަދާލް ދައްކައިލީ ފެހި ކުލައިން ފެންނަމުންދިޔަ ނަންބަރުތަކެއްގެ މެދުގައި ރަތްކުލައިން ހައިލައިޓް ކޮށްފައިހުރި ނަންބަރުތަކެވެ.
"ތީއޭ އަހަރެން ދައްކަން އުޅުނު ވާހަކައަކީ.. އަހަރެންނަށް ވަރަށް ހީވޭ ކުންފުނީގެ ލިކްއާ ސްޓޮކުން މައިޝާން ވައްކަން ކުރިހެން" ހުސްނީ ޖަވާބު ދިނެވެ.
"ޕިސް. ދެޓްސް އިމްޕޮސިބަލް" ނަދާލް ޗޮކެއް ކަނޑައިލި އެވެ. "މިކޮޅަށް ގެންނަ ލިކްއާ އެކްސެސް ވެވޭނެ އެއްވެސް ގޮތެއް މައިޝާންއަކަށް ނޯންނާނެ. ކުޑަމިނުން މާލޭގަ ހުންނަ މެއިން ވެއަރހައުސްއާ ހިސާބަށްވެސް ދާ އެއްޗެއް ނޫން އެއީ… ކަސްޓަމްސްގެ ވެއަރހައުސްތަކުން ސީދާ ރިސޯޓު އައުޓްލެޓްސްތަކާ ހަމައަށް ދާ އެއްޗެއްގެ ވާހަކަ ތި ދައްކަނީ. އަނެއްކާ މީގެން ފެންނަ ގޮތުން މި ތިން ތަނަށް ހެޑް އޮފީހުން އޯޑަރު ކުރާވަރާއި، ކަސްޓަމްސްއިން ޑިސްޕެޗް ކުރާ ވަރު އަދި އައުޓްލެޓަށް ލިބޭވަރު އެބަ ބަރާބަރަށް ދިމާވޭ"
"ތިކަން އޮތީ ތިހެން. އެކަމަކު ތި ތިން ތަނުގެ ސްޓޮކް ރިކޯރޑް ފިޒިކަލް ސްޓޮކަކާ ދިމައެއް ނުވޭ. ކޮންސަމްޕްޝަން ގޮތުގަ ރިކޯޑުކުރި އަދަދު ސްޓޮކަށް އެންޓަރކުރާ އަދަދުގެ ދެބައިކޮށްފަ އެއްބަޔަށްވެސް ނާރަނީސް ފިޒިކަލް ސްޓޮކް ހުސްވީމަ އެމީހުންނަށް ރީ-އޯޑަރ ކުރާކަށްވެސް ނޭނގޭނެތާ؟ ކުރީ ދުވަހު ތި ތަނުން އެއް ތަނުގެ ސްޓާފަކު ގުޅާފަ ޝޯޓޭޖްގެ ވާހަކަދެއްކީމަ އަހަރެންނަށްވެސް ތި ރަނގަޅަށް ބަލާލަން ޖެހުނީ. އޭނަ ބުނި މިހާރު އެއްކޮށް ސްޓޮކް ހުސްވެގެން އެއްވެސް ވަރަކަށް އަލްކޮހޯލިކް ޑްރިންކްސް ސާރވް ނުކުރާތާ ހަފްތާއެއް ވީއޯ. މީގަ މައިޝާންއަށް އިނގިލި ދިއްކުރެވޭ ސަބަބަކީ.. ބަލާބަލަ ޝޯޓޭޖް ތި އުޅޭ ތިން އައުޓްލެޓް.. ތިން ތަނަކީވެސް އެއް ރީޖަނެއްގަ އަހަރުމެން އޮޕަރޭޓްކުރާ ތިން ތަން. ތި ރީޖަންގެ ހެޑް އެންމެ ފަހުން ބަދަލު ކުރީ މީގެ ފަސް މަސް ކުރިން. އެއީ މައިޝާން ނެގި މީހެއް. ދެން އެހެން މުވައްޒަފުންނާވެސް ސުވާލު ކުރަން ޖެހެނީ. މައްސަލައަކީ ސްޓޮކް ގެއްލޭ ހިސާބެއްވެސް ނޭނގޭތީ. އައުޓްލެޓަށް ދާ ފަހުން ކަމެއް ކަނޑުމަތިން ކަމެއް، ޕޯރޓުން ކަމެއްވެސް ޔަގީނެއް ނުވޭ. ކަސްޓަމްސްގެ މުވައްޒަފަކާ ގުޅިގެން ތިކަން ކޮށްފަ އޮތިއްޔާ އަދި ބޮޑު މައްސަލައަކަށް ވާނީ" ހުސްނީ އިތުރަށް އޮޅުން ފިލުވައި ދިނެވެ.
"މައިޝާން މައިޝާން! އަހަރުމެން އަބަދުވެސް އެންމެ ރަނގަޅަށް ބަލަހައްޓަމުންދާ އެކައްޗަކީ ލިކްއާ ރެކޯރޑްސް. ވީ ކުޑް ޓްރޭސް އެވްރީ ސިންގަލް ޑްރޮޕް ފްރޮމް ދަ ޕޮއިންޓް އޮފް އޯޑަރ ޓު ކޮންސަމްޕްޝަން. ހައު ޑެއަރ ހީ މެސް ވިތް ދިސް. އިޓްސް ޓޫ ރިސްކީ! އަހަރުމެންގެ ލިކްއާ ލައިސަންސް ގެއްލޭވަރުގެ ކަމެއްނު މިއީ" ހުސްނީގެ ވާހަކަތަކުން ނަދާލްގެ މޫނުމައްޗަށް ނުތަނަވަސްކަމުގެ ކުލަވަރު ފާއްދައިލި އެވެ. "ދެން ކާކަށް މިކަން އެނގެނީ؟ ބައްޕައަށް އަންގައިފިންތަ؟ މައިއަށް އެނގޭތަ؟" އޭނާ އަހައިލި އެވެ.
"މާޖިދު ސަރ އަދި މިއަދެއްނު ރާއްޖެ އައީ؟ ދެން ބުނީމެއްނު މައިއާ އަދިވެސް ވާހަކަ ދެކެވޭ ގޮތެއް ނުވެއޭ. އެކަމަކު ފަހަރެއްގާ މައިއަށްވެސް ތި ކަންތައް ފާހަގަވެފަ އޮވެދާނެ އެނގޭ. އަހަރެންނަށް ގުޅި މުވައްޒަފު ބުނި މައިއަށްވެސް ގުޅާލާނަމޭ. ނޭނގެ ފަހުން ގުޅި ކަމެއް" ހުސްނީ ބުންޏެވެ.
"ހުސްނީ.. އަހަރުމެން ކުންފުނީގެ ތެރެއިން މިކަން ބެލިޔަސް ވަރަށް ޑިސްކްރީޓްކޮށް މިކަން ބަލަން ޖެހޭނީ. ވީ ކެނޮޓް އެފޯރޑް އެނީ ލީކޭޖް. މިވަގުތު މިކަން ބޭރަށް ފަޅާ އެރިއްޔާ ކަމަކު ނުދާނެ" ނަދާލްގެ ވާހަކައަށް ހުސްނީ ބޯ ޖަހައިލި އެވެ. އެކަމާ އިތުރަށް ވިސްނި ވަރަކަށް ނަދާލްގެ ސިކުނޑިއަށް ދިޔައީ އާދަޔާހިލާފު ބާރެއް ކުރަމުންނެވެ. އޭނާގެ ބޮލުގެ އެއްފަޅިން ނުރައްކާތެރި ގޮތަކަށް ވިންދު ޖަހަމުން ދިޔަ އެވެ. އައިސްފައިވާ ރުޅިން ނިތްކުރިއާއި ކަރުގެ ނާރުތައްވެސް ފުފިލައިފި އެވެ. ޕޮލިސް ސްޓޭޝަނުން އައި މައިރާއާއި އައިލީން އެ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލީ އެވަގުތެވެ.
"ޑިޑް ޔޫ ނޯ ދެޓް މައިޝާން ހޭޒް ބީން ސްޓީލިންގް ފްރޮމް ދިސް ކޮމްޕެނީ؟" މައިރާއަށް ރަނގަޅަށް ދޮރުން އެތެރެއަށް ނުވަދެވެނީސް ނަދާލް ސުވާލުކުރި އެވެ.
"ވަޓް؟" މައިރާގެ މޫނުމަތީގައި ސުވާލުމާކު ޖެހުނެވެ.
"އަހަރެން މި އެހީ މައިރާއަށް އެނގޭހޭ މައިޝާން ކުންފުނީގެ ލިކްއާއިން ވައްކަން ކުރަމުން ދިޔަކަން" ނަދާލްގެ އަޑު ބާރެވެ. އެ އަޑުގައިވި ރުޅިވެރިކަން މައިރާއަކަށް ސިއްރެއްނުވި އެވެ.
"ވަ.. ވައްކަމޭ؟ އަހަރެންނަކަށް ނޭނގެ-"
"މިވަރުގެ ކަމެއް ހިނގާއިރު ނޭނގެންޏާ ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން އިރުއޮއްސެންދެން މައިރާ އޮފީހުގަ ހުންނަނީ ނިދާފަތަ؟" ނަދާލްގެ ނުރުހުމުގެ ބަސްތައް އޭނާއަށް އަމާޒުވެގެން ދިޔުމާއެކު މައިރާ އިސްޖަހައިލި އެވެ.
"އިއްޔެ ކޯލެއް ލިބުނު އައުޓްލެޓަކުން. އެކޮޅުގެ ސްޓޮކް އެއްކޮށް ހުސްވެގެން.. އަދި ރަނގަޅަށް ބަލާ ނުލެވެ-"
"އަނހަ ކީއްވެ ހެއްޔޭ ނުބެލެންވީ؟ ކުޑަމިނުން ހުސްނީމެން މީހަކު ވާހަކަ ދައްކާލަން ބުނީމަ އެވަރުގެ ވަގުތުކޮޅެއްވެސް މައިރާއަކަށް ދެވެނީކީ ނޫން! ދެން އެއް ކަމެއްވެސް ނުވަންޏާ ރީއްޗަށް ނުވާނެއޭ ބުނެފަ ވާވަރުގެ މީހަކާ ހަވާލު ކޮށްފަ ދުރަށް ޖެހިބަލަ! އަހަރެންނަށް ހީވަނީ މައިރާއަށް އެނގިހުރެ ގަސްތުގަ އޭނަ ދިފާއުކުރަން މިކަން ސިއްރު ކުރީހެން. ހުސްނީއަށް އެނގޭއިރު މައިރާއަށް ވަކި މިކަންތައް ނޭނގިއެއް ނުހުންނާނެ!" މިފަހަރު ނަދާލް މައިރާއާ ދިމާލަށް ދިއްކޮށްލީ ތުހުމަތުގެ އިނގިއްޔެކެވެ. އެތަނުގައި ތިބި ހުސްނީއާއި އައިލީންއަށް ބުނާނެ އެއްޗެއް ނޭނގިފައި ތިބެ ނަދާލްއަށް ބަލައިލެވުނެވެ.
"ނެޑް! އަހަރެން ކީއްކުރަންތަ އެއްވެސް ކަމެއްގަ މައިޝާން ދިފާއު ކުރަންޏާ މިރޭ ލީން ގޮވައިގެން މައްސަލަ ޖައްސަން ދާންވީ؟ އެހެންނޫނަސް މައިޝާން ކިހިނެއްތަ ތިކަހަލަ ވައްކަމެއް ކުރާނީ؟" ނަދާލްގެ ތުހުމަތުން ހިތަށް އަސަރުކުރި ނަމަވެސް މައިރާ ދެންވެސް ބެލީ ރީއްޗަށް ވާހަކަ ދެއްކޭތޯ އެވެ.
"ކޮށްފައެއްނު އެ އޮތީ! ސިއްރުވެސް ކޮށްގެނެއްނު ތިހިރީ! ކޮންމެހެން އައިލީން ގޮވައިގެން މިރޭ މައްސަލަ ޖައްސަން ދާންވެސް ތެޅިގަތީ މައިޝާން މިހާރު ބަންދުކޮށްފަ ހުރީމައެއްނު؟ އަހަރެންނަށް އެނގެޔޭ މައިރާއަކަށް ދުވަހަކުވެސް އޭނަ ގޯހެއް ނުވާނެކަން. އަހަރެން ކިހާ ވަރަކަށް އޭނަ ލީންއަށް އަނިޔާ ކުރާކަން ޝައްކު ކުރެވިގެން މައިރާގާތު އެ ވާހަކަ ދެއްކީ؟ މައިރާ ގަބޫލު ކުރިންތަ؟ ކިޔާރާގެ ކަންތަކުގަވެސް އާއިލާގެ އެންމެން އޭނައާ ދެކޮޅުވިއިރު މައިރާ އޭނައަކާ ގުޅުން ކަނޑައެއް ނުލަމެއްނު؟ އަހަރުމެން ސްކޫލްގަ އުޅުނުއިރު އޭނަ ކާފަގެ ކޮޓަރިން ތިރީސްހާސް ރުފިޔާ ވަގަށް ނެގީމަ އޭނަ ސަލާމަތް ކުރަންވެގެން އެކަން އަމިއްލަ ބޮލުގަ އެޅި މީހެކޭ ތިއީ! އެ ފައިސާ ކާފައަށް ދޭނެ ގޮތެއް ނޭނގުނީމަ އަހަރެންނޭ ޒެފްއަށް ގުޅާފަ މައިރާއަށް އެކަން ހަމަޖައްސާދިނީ. ހަނދާން އެބަހުރިތަ؟ އެހެންވީމަ އަހަރެންނަށް އެނގޭ އޭނައަށްޓަކައި މައިރާ މިކަންތައްވެސް ސިއްރު ކުރާކަށް ފަހެއް ނުޖެހޭނެކަން! ކުރިންވެސް މައިރާއަކީ..."
ނަދާލް ވާހަކަދައްކަމުން ދިޔައީ އޭނާގެ ހަމަބުއްދީގެ މައްޗަށް ބުރަވެ ހުރެގެންހެން ހިއެއްނުވެ އެވެ. ދުލަށް އައިހާ އެއްޗެއް މައިރާއާ ދިމާލަށް ކިޔަމުންދިޔައިރު އެ ބަސްތަކުން ހިތަށް ކުރަމުންދިޔަ އަސަރުގައި މައިރާގެ ދެލޯ ފެންކަޅިވި އެވެ. އައިލީންއަށް ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގި ހުއްޓުން އަރާފައި ހުރެވުނެވެ. ހުސްނީވެސް މައިރާއަށް ހަމްދަރުދީގެ ނަޒަރެއް ދިނުމަށްފަހު އެތަނުން ނުކުމެގެން ދިޔައީ އެ އާއިލާއާ ގުޅުމެއް ނެތް މީހެއްގެ ހައިސިއްޔަތުން އެވަގުތު އެތަނުގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ގަބޫލު ކުރެވޭތީ އެވެ.
"ހުއްޓާލާ!" މައިރާ ކަންފަތުގައި ދެއަތް އަޅައިލަމުން ހަޅޭއްލަވައި ގަތެވެ. އޭނާގެ ދެލޮލަށް ގިނަވެފައިވާ ކަރުނަތައް ނުހިފެހެއްޓި ކޯތާފަތުގައި ރޮނގު ދަމާލައިފި އެވެ. މައިރާ އަވަސް އަވަހަށް އެ ކަރުނަތައް ފޮހެލަމުން އިސް އުފުލައިލި އެވެ. އަދި ސީދާ ނަދާލްގެ ދެލޮލަށް ބަލަހައްޓައިގެންހުރެ ނަދާލްއާ ދިމާލަށް ފިޔަވަޅެއް އަޅައިލި އެވެ.
މައިރާގެ ކަރުނަތައް ފެނުމާއެކު ނަދާލްއަށްވެސް ހިންދިރުވައިލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. މައިރާއާ ދިމާލަށް ބުނެވިދިޔަ ބަސްތައް ސިކުނޑީގައި ތަކުރާރު ކޮށްލުމާއެކު އޭނާއަށް ކުރެވިގެންދިޔައީ ކުށްވެރިކަމުގެ އިހުސާސެކެވެ. އައިސްފައިހުރި ރުޅީގެ ސަބަބުން އޭނާއަށް އެ ކިޔުނީ ކިޔަންވާ އެއްޗެއްސެއް ނޫނެވެ. އެ ތުހުމަތަކީ މައިރާއަށް ކުރަންވާ ވަރުގެ ތުހުމަތެއް ނޫނެވެ. އޭގެ ބަދަލުގައި ހަމަޖެހިލައިގެން މައިރާއާ އެ ވާހަކަތައް ދެއްކުނުނަމަ މާ ރަނގަޅު ވީހެވެ.
"ނަދާލް ކީކޭތަ ތި ކިޔަނީ؟ އާން! އަހަރެން މައިޝާން ދިފާއު ކުރީމޭ! ކިތަންމެ ފަހަރަކު! ކިތަންމެ ކަމެއްގަ! ނަދާލް އެކްސްޕެކްޓް ކުރަނީ މައިޝާން މި އާއިލާއާ ދެކޮޅަށް ކަމެއް ކުރާ ކޮންމެ ފަހަރަކު އަހަރެން މައިޝާންއާ ގުޅުން ކަނޑާލަންތަ؟ އެއީ އޭ އަހަރެންގެ ހުރި ހަމައެކަނި އެއްބަޑު އެއްބަފާ މީހަކީ. އަހަރެން ކިހިނެއްތަ އޭނަ ކިޔާރާއާ ރައްޓެހިވެގެން އުޅުނޭ ކިޔާފަ އޭނައާ ގުޅުން ކަނޑާލާނީ؟ އެކަމަކު ދޮންބެއަށްޓަކައިވެސް އަހަރެން ކޮށްފަ ނުކުރާނެ ކަންކަން ހުންނާނެކަން ނެޑްއަށް އެނގެން ވާނެ! އަހަރެންގެ ގޮތް އެނގެން ވާނެ! ލީންގެ ކަންތައް ނެޑް ގުޅާފަ ކިޔައިދިން ގޮތުން އޭރު ގަބޫލު ނުކުރެވުނަސް އެކަން ޔަގީންވީމަ އަހަރެން މައިޝާންއާ ގުޅުން ބޭއްވިންތަ؟ މި ކުންފުންޏަކީ ކާފަގެ ބުރަ މަސައްކަތް! ކާފަ އަހަރުމެންނާ ހަވާލުކޮށްފަ ދިޔަ އަމާނާތެއް! މައިޝާން މި ކުންފުންޏަށް ހިޔާނާތްތެރިވީމަ އަހަރެން އޭނަ ދިފާއު ކުރާނެހެން ނެޑްއަށް ހަމަ ހީވަނީތަ؟ އެވަރުގެ އިތުބާރެއްވެސް އަހަރެންނާމެދު ނެތިއްޔާ ކީއްވެތަ އެހާ ވަރަކުން އަހަރެން ނޮމިނޭޓް ކުރީ؟ އަހަރެން ނުބުނަންތަ އަހަރެން ރެޑީއެއް ނޫނޭ؟ ނުބުނަންތަ އަހަރެން އަދި ވަގުތު ބޭނުމޭ ހުރިހާ ކަމެއް ދަސްކުރަން؟ ދެން ވައި އާރ ޔޫ އެކްސްޕެކްޓިންގް މީ ޓު ބީ ޕަރފެކްޓް؟ ޓު ނޯ އެވްރީތިންގް؟ މިކަންތައް އަހަރެންގެ ލޮލުން ކައްސާލީއޭ ކިޔާފަ އަހަރެންނަށް އިންސަލްޓް ކުރާފާޑަށް ދުރަށް ދާށޭ ތި ބުނަނީ ނެޑްއަށް އޭރުވެސް މިހާރުވެސް އަހަރެން މިއީ ގާބިލު މީހެއްކަމުގެ ނުދެކެވޭތީ އެއްނު؟" މައިރާ ސުވާލުކުރި އެވެ.
"ނޯ މައި. ދެޓް.. ދެޓްސް ނޮޓް ވަޓް އައި މެންޓް" ނަދާލްގެ އަޑު މަޑު ވެލައިފި އެވެ.
"ނޯ ދެޓްސް އެގްޒޭކްޓްލީ ވަޓް ޔޫ މެންޓް! ނަދާލްއަށް އަހަރެންނަށް މިކަން ވާނެކަން ގަބޫލު ނުކުރެވޭތީ ލިބުނު ފުރަތަމަ ފުރުސަތުގަވެސް ދުރަށް ދާށޭ ތި ބުނީ! ހަގީގަތަކީ މައިޝާންއާ ހެދި ޑީލްގަ އަމިއްލައަށް ސީ.އީ.އޯ ރޭސް ދޫކޮށްލެވުނީމަ ޔޫ ޖަސްޓް ސޯ މީ އޭޒް އަ ޕަޕެޓް! ނަމެއްގަ އަހަރެން އެ މަގާމުގަ ބަހައްޓައިގެން ނަދާލް ބޭނުން ގޮތަކަށް ކުންފުނި ހިންގަން ނަދާލް ބޭނުންވީ! އެހެންނު؟ ކޮންމެހެން އަހަރެންނަށް އިތުބާރު ކޮށްފަ ކުންފުނި ދޫކޮށްލާކަށް ނޫން ނަދާލްގެ ވިސްނުން ހުރީ! އެ މަޖުބޫރީ ހާލަތަށް ދިޔުމުގެ ކުރިން ނަދާލް ދުވަހަކުވެސް އަހަރެން މިއީ ކޮމްޕެޓިޝަނަކަށް ވެދާނެކަމަށްވެސް ނުވިސްނަމެއްނު. ޔޫ އިވަން ފިއަރޑް މައިޝާން މޯރ ދޭން ޔޫ ފިއަރޑް މީ! ބިކޯޒް ޔޫ ޑޯންޓް ތިންކް އައިމް ކެޕެބަލް!" މައިރާގެ އަޑުގައިވަނީ ހިތާމައާއި ނުރުހުމުން މަސްހުނި ވެފައިވާ އަސަރެކެވެ.
"ޔޫ ނޯ ވަޓް؟ އައި ޑޯންޓް ގިވް އަ ޝި* އެނީމޯރ! މިހާރު ނަދާލް ބޭނުންވާ ކަމަކަށް ހުރަސް އަޅާކަށް މައިޝާނެއްވެސް ނެތެއްނު؟ ޔޫ ކޭން ހޭވް އިޓް އޯލް ބެކް! އަހަރެން މާދަމާ ބޯޑް މީޓިންގަކަށް ރިކުއެސްޓްކޮށްފަ ނަދާލްގެ ނަން ނޮމިނޭޓް ކުރާނަން. އާފްޓަރ އޯލް އައި ވޯޒް ޖަސްޓް އަ ބެކަޕް އެނީވޭ. ދެޓްސް ވަޓް ޔޫ ޑޫ ދަ ބެސްޓް ނަދާލް! އިންސަލްޓިންގް ޕީޕަލް! މޭކިންގް ދެމް ފީލް ލައިކް ދޭ އަރ ނޮޓް އިނަފް! ޕާރސަނަލް ލައިފްގަވެސް އިޒޫއާ އެއްކޮށް އުޅުނުއިރު ލީން ބެކަޕެއް ގޮތަށް ބަހައްޓާފަ… ލީންއާއެކު އުޅުނުއިރު އިޒޫ ބެކަޕެއް ގޮތަށް ބަހައްޓާފަ. ދެޓް ސޭމް ވޭ.. ވެން އިޓް ކަމްސް ޓު ބިޒްނަސް ޔޫ އަރ ޓްރީޓިންގް މީ ލައިކް އަ ބެކަޕް ފޯރ ޔޯރސެލްފް އެންޑް އައިމް ޑަން ވިތް ދިސް ބުލްޝިޓް!"
މައިރާ ބުނަންވާ އެއްޗެއް ބުނެފައި ނަދާލްގެ ރައްދަކަށް މަޑު ކުރުމެއްނެތި އެޕަރޓްމެންޓުން ނުކުތެވެ. ވައިސޫރިއެއްގެ ބާރުމިނުގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްލުމަށްފަހުގައި ގޮސް އޭނާ ދިރިއުޅޭ އެޕަރޓްމެންޓަށް ވަދެ އަތު ހުރި ބާރެއްލާފައި ދޮރުފަތް ޖެހި އެވެ. އޭގެ އަޑު މުޅި ސިޑިގޮޅިއާއި އެޕަރޓްމެންޓްގެ ތެރޭގައި ގުގުމައިލުމާއެކު ސޯފާގައި އިން ޒީނިޔާއާއި ނުސްރާ ސިހިފައި އޭނާއަށް ބަލައިލި އެވެ. ޒީނިޔާގެ ހާލަތު މާ ދެރަކޮށް އުޅޭތީ ނުސްރާ އަދިވެސް އިނީ އެ އެޕަރޓްމެންޓްގައި މަޑުކޮށްލައިގެނެވެ. މައިރާ އެމީހުން ފެނުނު ކަމަށްވެސް ހަދާނުލައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި އެވެ. ހަށިގަނޑުން ހަކަތަ ހުސްވެފައިވާ މީހަކު ފަދައިން އޭނާއަށް ދޮރުފަތަށް ލެގިގަނެވުނެވެ. ދޮރުފަތުގައި ކޭތެމުންކަހަލަ ގޮތަކަށް ބިންމައްޗަށް ތިރިވެވުމާއެކު އޭނާ ދެލޯ މަރައިލީ ހިމޭން ކަރުނަތަކަކަށް ޖާގަ ދެމުންނެވެ. އެހިނދު ދެ ތުންފަތް ފޫ އަޅުވައިލާ ނުކުތް ގިސްލުމުގެ އަޑުން އެ ކަރުނައިގެ ހިމޭންކަން ނަގާލައިފި އެވެ.
މައިރާ އަނގަމަތީގައި އަތް އަޅައިލަމުން އެނދާ ދިމާލަށް ދުއްވައިގަތީ ގިސްލުމުގެ އަޑު ދޮރުން ބޭރަށް އިވިދާނެކަމުގެ ބިރުގަ އެވެ. ތުރުތުރު އަޅަމުންދިޔަ ދެއަތުން ފޯނުގައި ހިފަހައްޓައިލަމުން އޭނާ ހޯދައިލީ އިވާންގެ ނަންބަރެވެ. ނަދާލް އެންމެ ފަހުންވެސް އޭނާއާ ދިމާލަށް އަޑުލައިގަތް ދުވަހު އޭނާގެ ދިފާއުގައި ތެދުވީ އިވާން އެވެ. މިއަދުވެސް އިވާން އޭނާގާތު ހުރިނަމައޭ މައިރާގެ ހިތަށް އަރަމުންދިޔަ އެވެ. އޭރުން ހަމަގައިމުވެސް ނަދާލްއަށް އެފަދަ ގޮތަކަށް އޭނާއާ ދިމާލަށް އެއްޗެހި ކިޔާކަށް ނުކެރޭނެއޭ ހިތް ބުންޏެވެ. އޭނާ ބޭނުންވީ އިވާންއަށް ގުޅާލައި ހިތާއި ސިކުނޑިގައިވި ހުރިހާ އުދާހަކާއި ޝަކުވާއެއް ބޭރުކޮށްލުމަށެވެ. އެހެނަސް ފޯނުން ފެންނަމުންދިޔަ އިވާންގެ ނަންބަރުގައި އިނގިލި ޖައްސާލައި ކަނާތަށް ކަހައިލަމުން ކުރި ކޯލު ފެއިލްވުމާއެކު މައިރާގެ އަތުން ފޯނު ދޫވެގެން އެނދުމައްޗަށް ވެއްޓުނެވެ. އާނއެކެވެ. އިވާން އޭނާގެ ނަންބަރު ބްލޮކް ކޮށްލީ އެވެ. ކުރީ ރޭގެ ފޯނުކޯލުގައި ބުނި ފަދައިން ހަމަ ރަނގަޅަށްވެސް އޭނާއާއެކު އޮތް ހުރިހާ ގުޅުމެއްގައި ސިއްކަ ޖަހައި ނިންމައިލީ އެވެ.
މައިރާއަށް ހީވީ އޭނާގެ މޭގެ ތެރޭގައި ހިތް ފިތިގެން ދިޔަހެނެވެ. ވޭނީ އާހަކާއެކު އެއް އަތުން ހެދުމުގެ މެއާ ދިމާލުގައި ހިފައި ބޮނޑިކޮށްލެވުނެވެ. އިށީނދެ އިންނާނެހާ ހިތްވަރު ނެތުމުން އެނދުގައި އޮށޯވެ ކުރުގެޅިލިއިރު އޭނާގެ ގިސްލުމުގެ އަޑު ވަނީ އިހުނަށްވުރެވެސް ގަދަވެފަ އެވެ.
- ނުނިމޭ -
Comment