Advertisement

މަޖާޒީ ބަހުގެ މިސާލު ބޭނުން ކުރެވުމުން ޝާހިދު މައާފަށް އެދިއްޖެ


މަޖާޒީ ބަހުގެ މިސާލު ބޭނުން ކުރެވުމުން ޝާހިދު މައާފަށް އެދިއްޖެ

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންކުރާގޮތް ސިފަކުރުމުގެ ގޮތުން ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހެއް ބޭނުންކުރެވުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު މައާފަށް އެދިވަޑައިގެންފި އެވެ.

އެމްޑީޕީން ތިނަދޫ ސިޓީގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށެވެ.

"ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މިއޮތީ. އެ ސަރުކާރަކަށް ނޭނގޭ މެނިފެސްޓޯއެއް ލިޔެގެން މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބުކިތާބު ޖަހައިގެން ކަންކުރުން އެއީކަން ގައުމެއް ހިންގުމަކީ. ލާހޫރެނީ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު އެގޮތަށް ވިދާޅުވުމާއެކު ބައެއް މީހުން އަދި ހާއްސަކޮށް ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެކަމަކު ބައެއް މީހުން ޝާހިދުގެ އެ މިސާލު ބަސް ދިފާއުކުރައްވާ ވެސް ޝުއޫރު ފާޅުކޮށްފައިވެ އެވެ.

ޝާހިދު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒުގެ ސަރުކާރުން ކަންކުރާ ގޮތް ސިފަކުރަން ބޭނުންކުރި ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހަކީ ލޮލަށް ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެން،" ޝާހިދު ވިދާޅުވި އެވެ.

ދިވެހި ބަސްފޮތުގައި ހުރެދާނެ އެފަދަ ބަސްތައް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލުމުގައި އެންމެން ބައިވެރިވުމަށް އެދޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.