Advertisement

ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަން އަަކަށް ފަޒްނާ

about 2 hours 0

ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލް: އޭނާ ވަނީ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ހަމަޖައްސައިފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ


ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަން އަަކަށް ފަޒްނާ

about 2 hours 0

ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަން އަކަށް ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް، ފަޒްނާ ޖަލީލް ހަމަޖައްސައިފި އެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި މި އަހަރުގެ ޖުލައި 23 އިން އޮގަސްޓް ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ފަޒްނާ ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް މަސައްކަތް ކުރާ ގޮތަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ނިންމައިފަ އެވެ.

ދާދި ފަހުން، ފަޒްނާގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) ވަނީ ގްލާސްގޯގައި ދާދި ފަހުން، ކުރިއަށްދިޔަ، ކޮމަންވެލްތު ގޭމްސްގެ ސެމިނާގައި ބައިވެރިވެވަޑައިގެންފަ އެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު 2019 ވަނަ އަހަރު ފެށިގެން ފުރުއްވަމުން އަންނަ ފަޒްނާ އަކީ 2023 ވަނަ އަހަރުން ފެށިގެން އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަނުގެ ނައިބު ރައީސެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ފަޒްނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ. އަދި، އޭނާ ވަނީ، 2021 އިން 2024 އަށް ދެކުނު އޭޝިއާގެ ނެޓްބޯޅަ ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމު ފުރުއްވައިފަ އެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސެއްގެ މަގާމަށް އިންތިހާބުވުމުގެ ކުރިން، ނެޓްބޯޅަ ޓީމުތަކުގެ ކޯޗުކަމުގައި ހަރަކާތްތެރިވި ފަޒްނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރުކަމާއި އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑިރެކްޓަރުގެ ވަޒީފާގައި ހުރެ ވެސް އެ ކުޅިވަރަށް ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.

މިއީ، މެދުކެނޑުމަކަށް ފަހު، ރާއްޖޭން ޖެހިޖެހިގެން ވާދަކުރާ ދެ ވަނަ ކޮމަންވެލްތު ގޭމްސް އެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅި އެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެ އެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. ކޮމަންވެލްތާ ގުޅުމަކީ، މިދިޔަ ސަރުކާރުގެ ރައީސް އިބްރާހިމް މުއްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ.

އޭގެ ފަހުން، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރި އެވެ. އެ ފަހަރު ރާއްޖޭން ވަނީ ސްވިމިން، އެތުލެޓިކްސް، ބީޗްވޮލީ، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އިން ވާދަކޮށްފަ އެވެ. އެކަމަކު، މި އަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ސްވިމިން އާއި އެތުލެޓިކްސް އިން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ މައުލޫމާތު ދީފަ އެވެ.

އޮސްޓްރޭލިއާގެ ސްޓޭޓް އޮފް ވިކްޓޯރިއާގަައި ކޮމަންވެލްތު ގޭމްސް ބޭއްވެން ނެތް ކަމަށް ނިންމުމުން، ކޮމަންވެލްތުން ގޭމްސް ހޯސްޓްކުރަން މި ނިންމީ ގްލާސްގޯގަ އެވެ.