ހާރިޖީ ވަޒީރު ހަލީލު: ވިދާޅުވީ ރާއްޖެއަށް މެދުނުކެނޑި ތެލާއި ގޭސް ލިބޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
އޮމާނުގެ އިތުރުން އެހެން ގައުމަކުން ތެޔޮ ގަނެގެން ރާއްޖެ އެތެރެ ކުރެވޭތޯ ބަލަމުންދާ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު މިިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތުގައި ގައުމު ކުރިއަށްގެންދާނެ ގޮތް ނިންމަން ރައީސް މުހައްމަދު މުއިއްޒު އެކުލަވާލި ކޮމިޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލު ވިދާޅުވީ، ތެލުގެ އިތުރުން، އަސާސީ ކާބޯތަކެތި އިމްޕޯޓު ކުރެވޭނެ އެހެން މަގުތައް ވެސް ސަރުކާރުން ބަލަމުންދާ ކަމަށެވެ.
"ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫތީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އިތުރު މަގުތައް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެއް ގައުމުތަކާއެކު ރަސްމީ މަޝްވަރާތައް މިހާރު ވަނީ ފެށިފައި،" ހަލީލު ވިދާޅުވި އެވެ.
އޮމާނުގެ އިތުރުން އެހެން ގައުމުގެ ތެޔޮ އިތުރު ކުރެވޭތޯ ރާއްޖެއިން މި ބަލަނީ އެ ގައުމުގެ ސަލާލާ ޕޯޓާއި ތެޔޮ ރައްކާކޮށް ޕްރޮސެސް ކުރާ އެހެން މަރުކަޒުތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. އޮމާނުން ކުރިއަށް އޮތް ތަނުގައި ތެޔޮ ނުލިބުން ވެސް އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ، ތެޔޮ ގަތުމަށް އެހެން ގައުމަކާއެކު ކުރި މަޝްވަރާތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
"ޑައިވައިސިފައި ކުރަން ކުރާ މަސައްކަތުގެ ތެރެއިން އެކި ގައުމުތަކާއެކު މަޝްވަރާ ކުރަމުން ގޮސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ހުރި ވާހަކަ އަޅުގަނޑު ފަށަމުން ވެސް ދަންނަވާލިން،" ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރުމުގައި އެއްވެސް ދަތިކަމެއް މިހާތަނަށް ކުރިމަތިވެފައިނުވާ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ. އަދި މެދުކެނޑުމެއް ނެތި ތެލާއި ގޭސް ރާއްޖެއަށް ގެނެވޭނެކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވި އެވެ.
"އޮމާން އަޅުގަނޑުމެންގެ މައިގަނޑު ގޮތެއްގައި ތެޔޮ ގެނައުމުގެ މަސައްކަތަށް ރާއްޖެއަށް މި ކުރިއަށްގެންދަނީ. ރާއްޖެއިން އިރާދަކުރެއްވިޔާ [ތެޔޮ] ގެނައުމުގައި ކުރިން ވެސް އަޅުގަނޑުމެން ދަންނަވަމުން އައިހެން އެއްވެސް ހުރަހެއް ނެތް އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ އެޝުއަރެންސް ދިވެހި ރައްޔިތުންނަށް ދެން. ގޭސް، ތެޔޮ ރާއްޖެއަށް ގެނައުމުގައި އެއްވެސް ދަތިކަމެއް އިރާދަކުރެއްވިއްޔާ މިހާ ހިސާބަކަށް ފެންނާކަށް ނުއެއް ނެތް."
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment