Advertisement

ފުރިހަމަ ފަރުވާ ނުދެވިގެން ކުޑަކުއްޖާ މަރުވި މައްސަލަ އިދާރާތަކުން ތަހުގީގު ކުރަނީ

about 1 hour 0


ފުރިހަމަ ފަރުވާ ނުދެވިގެން ކުޑަކުއްޖާ މަރުވި މައްސަލަ އިދާރާތަކުން ތަހުގީގު ކުރަނީ

about 1 hour 0

ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ އުމުރުން ހަ އަހަރުގެ ކުޑަކުއްޖަކަށް ފުރިހަމަ ފަރުވާ ނުދެވިގެން އުޅެނިކޮށް ނިޔާވި މައްސަލަ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.

މ. ޗީޒް، އިބްރާހިމް އަޒާން ސުހައިލް ނިޔާވީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަނުން ކުރާ ތަހުގީގު ބަލާނީ އެ ކުއްޖާއަށް ލަސްނުވެ ފަރުވާދީފައިވޭތޯ އާއި ދިރިހުރުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު ލިބިފައިވޭތޯ ކަމަށެވެ. އަދި ކުޑަކުދިންނަށް ހާއްސަ އެހީީތެރިކަން ލިބިދޭ ގާނޫނުގެ ދަށުން ލިބިދޭންޖެހޭ ހައްގުތައް ލިބިފައިވޭތޯ ވެސް ބަލާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އެ ކުއްޖާ ނިޔާވި މައްސަލަ ބަލާނެ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނި ނަމަވެސް އެ ކޮމިޝަނުން ތަހުގީގު ކުރަނީ ސީދާ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

އަޒާން ނިޔާވުމުގެ ކުރިން އޭނާއަށް ބޭނުންވާ ފީޑިން ޓިއުބެއް ނުލިބިގެން އޭނާގެ މަންމަ ސޯޝަލް މީޑިއާގައި އެ ވާހަކަ ބުނެފައިވެ އެވެ.

"ދަރިފުޅަށް ކާން ދެނީ ޕެގް ޓިއުބަކުން. މިދިޔަ އަހަރު ދެ ޕެގް ޓިއުބް ހޯދަން އެސްޓީއޯއިން އޯޑަރުކުރިން. އަދިވެސް ނުލިބޭ. މިހާރު އަށް މަސްވީ. އެސްޓީއޯއަށް ގުޅައި، ހުޅުމާލޭގެ އެސްޓީއޯ ފާމަސީއަށް އެތައް ފަހަރެއްގެ މަތިން ދެވިއްޖެ. މިހާރު ޕެގް ޓިއުބް ކޮންމެހެންވެސް ބަދަލުކުރަން އެބަ ޖެހޭ. އަހަރެން މިހުރީ ގޮތް ހުސްވެފައި. އެއްވެސް ފާމަސީއަކުން ނުލިބޭ،" މާޗު 16، ގައި އޭނާ ބުނެފައިވެ އެވެ.

އަޒާންގެ މަންމަގެ ކަންބޮޑުވުންތައް ސޯޝަަލް މީޑިއާއަށް ތިލަކުރިތާ ނުވަ ދުވަސް ފަހުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރި އާންމު މީހަކަށް ފޮނުވި މެސެޖެއްގައި ބުނީ އަޒާންގެ ހާލު މިހާރު ވަރަށް ދެރަ ކަމަށާއި ހޮޅިކޮޅު ސަރުކާރުން ދިން ނަމަވެސް ބޭނުން ނުކުރެވުނު ކަމަށެވެ.

"އަހަރެންގެ ދަރިފުޅު ދުނިޔޭގައި އޮތީ ހަމަ ކިރިޔާ. އޭނާ އެދަނީ އެންމެ ފަހުގެ ނޭވާ ލަމުން. އައިޖީއެމްއެޗްގައި. ކުރީ ދުވަހު އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް އިން ގުޅާފައި ބުނީ އޭތި ލިބިއްޖެއޯ. އެބައޮތް ލިބިފައި. އެކަމަކު މިހާރު މާ ލަސްވެއްޖެ. ހާލު ދެރަވީމަ ނުގުޅޭނެ،" އޭނާ ބުނެފައިވެ އެވެ.