about 1 hour 0
about 1 hour 0
ސާފް 20 އަަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން 3-0 އިން ޕާކިސްތާން ބަލިކޮށް، ބަންގްލަދޭޝާ އެކު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުން، އެންމެ ފަހުގެ ރަަނަރަޕް، ބަންގްލަދޭޝް އިން ވަނީ 2-0 އިން ޕާކިސްތާން ބަލިކޮށްފަ އެވެ. ތިން ޓީމު ހިމެނޭ ގްރޫޕެއް ކަމަށްވުމުން، މިއަދުގެ މެޗަށް ނުކުތްއިރު، ޕާކިސްތާނަށް އޮތީ މޮޅެއް ހޯދުން މަޖުބޫރުވެފަ އެވެ. މިއަދުގެ މެޗުން ޕާކިސްތާން ބަލިވުމުން، އިންޑިއާ އާއި ބަންގްލަދޭޝަށް ބާކީ މެޗެއް އޮއްވައި ވަނީ ސެމީ ޔަގީންވެފަ އެވެ.
މި ގްރޫޕްގެ ފަހު މެޗުގައި، ހޮނިހިރު ދުވަހު ހަވީރު، އިންޑިއާ އާއި ބަންްްގްލަދޭޝް ކުޅޭ މެޗުން މި ގްރޫޕުން އެއް ވަނަ ކަނޑައެޅޭނެ އެވެ.
އިންޑިއާ އިން މުބާރާތުގެ ފުރަތަމަ މެޗަށް ނުކުމެ، ޕާކިސްތާން ކޮޅަށް ވަނީ ތިން ވަނަ މިނިޓްގައި ލަނޑު ޖަހައި، ލީޑުނަގައިފަ އެވެ. ޕާކިސްތާން ޑިފެންސްލައިން ފަހަތަށް ވެއްޓުނު ބޯޅައެއް ހޯދައި، ކައިރީ ކަނަށް ފޮނުވާލައިގެން އިންޑިއާގެ މި ލަނޑު ޖެހީ، ވިޝާލް ޔާދަވް އެވެ.
މެޗުގެ އެހާ ކުރީކޮޅުގައި އިންޑިއާ އިން ލީޑުނެގި ނަމަވެސް ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، މެޗުގެ 13 ވަނަ މިނިޓްގައި އިންޑިއާގެ ކީޕަރު ސޫރަޖް ސިންގް އަހޭބަމް ކުރިއަށް އަރައި، ޖައްސާލި ބޯޅައެއް ހޯދައި ޕާކިސްތާންގެ ފޯވާޑް، ނަޖީބުﷲ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.
ޕާކިސްތާނުގެ މިޑްފީލްޑަރު، މުހައްމަދު ޖުނައިދު، މެޗުގެ 21 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، އޭގެ ތިން މިނިޓް ފަހުން، ނަޖީބުﷲ ފޮނުވާލި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ.
ނަތީޖާ ހަމަހަަމަކުރަން ޕާކިސްތާނަށް ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތު ލިބުނީ މެޗުގެ 32 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ނަޖީބުﷲ ފޮނުވާލި ޝޮޓް ކީޕަރު ސޫރަޖް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން، އިންޑިއާގެ އެމްޑީ އަރްބާޝް އަށް ގޯލަށް ފޮނުވާލަން ލިބުނު ފުުރުސަތެއްގައި، ދެ ފަހަރެއްގެ މަތިން ފޮނުވާލި ހަމަލާ ވެސް ޕާކިސްތާން ކީޕަރު، ކާޝިފް ވަނީ މަތަކޮށްފަ އެެވެ.
ދެ ވަަނަ ހާފުގެ 62 ވަނަ މިނިޓްގައި، އިންޑިއާގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު ރޯޝަން ސިންގް އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި، ޕާކިސްތާނުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެެވެ. އޭގެ ދެ މިނިޓް ފަހުން، ކައުންޓަ އެޓޭކުގައި އިންޑިއާ އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، އިންޑިއާ އިން ބަދަލަކަށް ކުޅެން އެރި ނިންތޯހޯންޖަމް ބޮލުން ޖައްސާލި ބޯޅައަކަށް ކީޕަރު ކާޝިފް އެރިވަގުތު، އޭނާ އަށް ލިބުމުގެ ކުރިން، އޮމަންގް ދޫދޯމް ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.
ޕާކިސްތާނުން މެޗުގެ 84 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އެ ޓީމުގެ މުހައްމަދު އަބްދުﷲ، އިންޑިއާ އޭރިއާތެރެއިން ފުންމައިގެން އަރައި ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
އިންޑިއާ އިން ވަނީ މެޗުގެ 88 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ޕެނަލްޓީ އަކުން އޮމަންގް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ، އިންޑިއާ އިން ބަދަލަކަށް ކުޅެން އެރި ޕްރަޝާން ޖާޖޯ އަށް ކުރި ފައުލަކަށެވެ.
Comment