about 1 hour 0
ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އުރްބާނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
about 1 hour 0
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރޭ ރާއްޖޭން ދެ ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލި ނަމަވެސް، 3-2 އިން ސްރީ ލަންކާ އަތުން ބަލިވި މެޗަކީ ރާއްޖެ އަށް ގިނަ ކަންތައްތަކެއް ދަސްކޮށް، ކުރިއަށް ރަނގަޅު ފިޔަވަޅުތަކެއް އެޅޭނެ މެޗެއް ކަމަށް ޒުވާން ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ ފާހަގަކޮށްފި އެވެ.
ރޭގެ މެޗަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ބުނީ، ކުޅުންތެރިންގެ ފަރާތުން ފާހަގަކުރާނަމަ މިއީ، ވަރަށް ހިތްދަތި ނަތީޖާއެއް ކަމަށެވެ. އުމުރުފުރާ މުބާރާތެއްގައި މި ކަހަލަ ގޮތަކަށް އަމިއްލަ އަށް ހެދޭ ގޯސްތަކެއްގެ ސަބަބުން ތިން ގޯލު ވަދެގެން ބަލިވުމަކީ، އޭގެއިން ކަންކަން ދަސްކޮށް ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް މަސައްކަތް ކުރަން ފުރުސަތު ލިބޭނެ ކަމެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
"އަހަރެމެން ވާހަކަ މި ދައްކަނީ، ވަރަށް ހުނަރުވެރި މުސްތަގުބަލު އޮތް ޒުވާން ކުޅުންތެރިންތަކެއްގެ ވާހަަކަ. އެ ކުޅުންތެރިން މި ކަންކަން ތަޖުރިބާ ކުރަން ޖެހޭ. ދެން، މެޗު ދިޔަ ގޮތަށް ބަލާއިރު ލަންކާ އިން ކުޅުނީ ވަރަށް ޑައިރެކްޓްކޮށް ފިޒިކަލް ކުޅުމެއް. އަހަރެމެންގެ ކުޅުންތެރިން ތިބީ ޖެހިލުންވެފައި. އަހަންނަށް ފެނުނު ގޮތުގައި، ލަންކާގެ ތިން ޓެކަލަކީ ރަތް ކާޑު ދައްކަން ޖެހޭ ފައުލުތަކެއް. އެއީ ކެރިއަރު ނިމޭ ވަރުގެ ޓެކަލްތަކެއް،" އުރްބާނީ ބުންޏެވެ.
އެންމެ ބޮޑު ކަމަކަށް ޓީމުގެ ކުޅުމުގެ ފަރާތުން މަދުވި ކަމަކީ، ފަހަތުން ފަށައިގެން ކުޅެގަނެވޭނެ ގޮތަަކަށް ޑިފެންޑަރުންނަށް މަސައްކަތް ކުރަން އުނދަގޫވެގެން ދިއުން ކަމަށާއި މެޗުތައް ކުޅޭ ވަރަކަށް އެކަންކަން ރަނގަޅުކުރެވޭނެ ކަމަށް އުރްބާނީ ގަބޫލުކުރެ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ސީނިއާ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތް ކުރަމުން އަންނަ އުރްބާނީ ބުނީ، ސާފް 20 އަހަރުން ދަށުގެ މުބާރާތާ މެދު ވިސްނާއިރު، އެންމެ ބޮޑު ކަމަކަށް ބަލަންވީ މިއީ ތަޖުރިބާ ކުރަން ޖެހޭ މުބާރާތެއް ގޮތަށް ކަމަށެވެ. އަދި، މިއީ ކާމިޔާބުކުރުން މަޖުބޫރު މުބާރާތެއް ގޮތަށް ވިސްނައިގެން އެ ޕްރެޝަރުގައި ކުޅުވަން އުޅެފިނަމަ އެ ދެވެނީ ކުޅުންތެރިންނަށް ނުރަނގަޅު ޕްރެޝަރެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
"އަހަރެމެން ކުޅުންތެރިންނަށް އެ ޕްރެޝަރު ދިނުމަކީ ރަނގަޅު ގޮތެއް ނޫން. އަދި، (ގްރޫޕްގައި) ދެ މެޗު އެބައޮތް މުބާރާތުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަހަރެން ބުނިހެން. މިސްޓޭކް ހެދޭނެ މި ކަހަލަ މުބާރާތްތަކުގައި އެކަން ރަނގަޅުކުރަން ކުޅުންތެރިންނާ އެކު މަސައްކަތްކުރުން މީގެ މުހިންމީ. ވިސްނަންވީ އެ މިސްޓޭކް ހެދުނީމަ ކިހާ އަވަހަކަށްތޯ އަހަރެމެންނަށް ރަނގަޅުކުރެެވެނީ،" އުރްބާނީ ބުންޏެވެ.
ރާއްޖެ އަށް ގްރޫޕް ސްޓޭޖުގައި ދެން އޮތީ ބުދަ ދުވަހުގެރޭ، ބޫޓާނާ ކުޅޭ މެޗާއި ހުުކުރު ދުވަހު ހަވީރު ނޭޕާލާ ކުޅޭ މެޗެވެ. އުރްބާނީ ބުނީ އެ މެޗުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި ހާލަތަށް ބަލައި، ނަތީޖާ ނެރުމަށްޓަކައި ކުޅުމުގެ ވަައްޓަފާޅި ނޫނީ ސްޓައިލަށް ބަދަލު ގެންނަން ވެސް ޖެހިދާނެ ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ސަޕޯޓަރުން ޒުވާން ގައުމީ ޓީމަށް ހިތްވަރު ދިނުން ހުއްޓައިނުލުމަށް އެދި އުރްބާނީ ވަނީ މެސެޖެއް ދީފަ އެެވެ.
"ސަޕޯޓަރުންނަށް ދޭ އެންމެ މުހިންމު މެސެޖަކީ، ސަޕޯޓަރުން ޖެހޭނެއޭ މި ޒުވާން ކުދިންނަށް ހިތްވަރު ދޭން. މި ކުދިންގެ ކިބައިން ކުއްލިއަކަށް ބޮޑު ކަމެއް ހާސިލްކުރަން ޕްރެޝަރު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިއީ، ޕްރޮސަސް އެއް. ވަގުތު ނަގާނެ ކަމެއް. މި މެޗުގެ ފަހު ހައެއް ނޫނީ ފަސް މިނިޓް ތެރޭގައި އެ ފެނުނީ، އެ ކުދިން ކުރާނެ ހިތްވަރު. އެ އަށް އަހަރެމެން އެހީވެދޭންވީ،" އުރްބާނީ ބުންޏެވެ.
އުރްބާނީ ބުނީ، މީގެ 10 ނޫނީ 15 އަހަރު ކުރިން ރާއްޖޭގައި ގައުމީ ޓީމާ ހަވާލުވެގެން އޭނާ ކުރި މަސައްކަތް މި ފަހަރު ވެސް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment