Advertisement

ޓްރަމްޕުގެ ހާއްސަ މަންދޫބު ގޯ އާއި ހާރިޖީ ވަޒީރު ހަލީލު ބައްދަލުކުރައްވައިފި

about 1 hour 0

ހާރިޖީ ވަޒީރު ހަލީލު އާއި ޓްރަމްޕުގެ މަންދޫބު ގޯ: އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި ހުރިހާ ކަމެއް ސަރުކާރުން ހާމައެއް ނުކުރޭ -- ފޮޓޯ: ފޮރިން މިނިސްޓްރީ


ޓްރަމްޕުގެ ހާއްސަ މަންދޫބު ގޯ އާއި ހާރިޖީ ވަޒީރު ހަލީލު ބައްދަލުކުރައްވައިފި

about 1 hour 0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހާއްސަ އެންވޯއީ އަދި ސައުތު އަދި ސެންޓްރަލް އޭޝިއާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސާޖިއޯ ގޯ އާއި ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޓްރަމްޕުގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގެން މި އުޅުއްވަނީ އެމެރިކާއިން އިރާނާ ދެކޮޅަށް ފަށައިގެން މި އުޅޭ ހަނގުރާމައަށް މަސްދުވަސް ވާން ގާތްވެފައި އޮއްވަ އެވެ. އަދި ހާރިޖީ ވަޒީރާއި ގޯ މި ބައްދަލު ކުރެއްވީ އެމެރިކާއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދިފައި އޮއްވާ ކަމަށް ބެލެވެ އެވެ.

ހާރިޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޯ އާއި ހަލީލު ބައްދަލު ކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެ ބައްދަލުވުމުގައި، ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާމެދު މަޝްވަރާކޮށްފައިވާ ކަމަށް ހާރިޖީ އޮފީހުން ބުންޏެވެ.

ދެ ގައުމުގެ މަސްލަހަތު އޮތް ބައެއް އެހެން ކަންކަމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ހާރިޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް މަޝްވަރާ ކުރި ކަންތައްތަކެއް އެ ބަޔާނުގައި ހާމަކޮށްފައެއްނުވެ އެވެ.

ރާއްޖެއަށް ކުރައްވާ ދަތުރުގައި ގޯ ރައީސް މުއިއްޒުއާ ވެސް ބައްދަލު ކުރައްވާނެ އެވެ. ނަމަވެސް އޭނާއާއެކު ހަނގުރާމައިގެ އެއްވެސް ވާހަކައަކަށް މަޝްވަރާ ނުކުރައްވާނެ ކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ. އަދި ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ނުދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވި އެވެ.

ގޯ ރާއްޖެ ވަޑައިގަންނަވާ ކަމުގެ ހަބަރު ނޫސްތަކުގައި ރިޕޯޓު ކުރުމާއެކު އޭނާ ރާއްޖޭގައި ހުންނަވަނިކޮށް މަރާލަން ގޮވާލި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ގޯ މަރާލަން ގޮވާލީ ފޭސްބުކް އެކައުންޓަކުން ކުރި ޕޯސްޓެއްގަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަކަށް ފުލުހުން ނުބުނެ އެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު ހަލީލު އާއި ގޯ މިއަދު މި ބައްދަލު ކުރެއްވީ، ގަލްފުގެ ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައިވާ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު މިއަދު ހިތްވަރުދެއްވި ފަހުންނެވެ.

"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާރިޖީ ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ގައުމަކުން ހުއްދައަށް އެދިފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއް ކަމެއް ހަލީލު ވިދާޅެއް ނުވެ އެވެ. އެކަމަކު، ބެލެވޭ ގޮތުގައި އެއީ އެމެރިކާ އެވެ.

"ރާއްޖޭގެ އަމާންކަމާ އިގްތިސާދު ހިމާޔަތްކުރުން އެންމެ ފުރަތަމަ ކަމަކަށް. އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ބޭނުންކުރެވިފައި ނުވާނެކަން އަޅުގަނޑު ހަމަ ދަންނަވާލަން އަދި އެފަދައިން އަންނަ ރިކުއެސްޓްތައް ވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން އަޅުގަނޑު ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ހަލީލް ވިދާޅުވި އެވެ.