about 1 hour 0
ގައުމީ ޓީމުން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން އިލާން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 1 hour 0
ރާއްޖޭގައި މިއަދު ފަަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކީ އަމިއްލަ ގައުމުގައި ގައުމީ ޓީމަށް ކުޅެލަން ލިބޭ ފުރަތަމަ ފުރުސަތު ކަމަށާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދޭން ދަނޑަށް އަތުވެއްޖެނަމަ ލިބޭ ހިތްވަރު ވެސް ބޮޑުވާނެ ކަމަށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ބުނެފި އެވެ.
ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މިއަދުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސާފްގެ ހަތް ގައުމުގެ މެދުގައި ގަލޮޅު ދަނޑުގައި ކުރިއަށްދާނެ އެވެ. މިއަދު ގްރޫޕް އޭގެ މެޗުތައް ކުޅޭއިރު، ހަވީރު، 15:45 ގައި އޮތީ ބޫޓާން އާއި ނޭޕާލް ބައްދަލުކުރާ މެެޗެވެ. އަދި، މިރޭ، 20:30 ގައި ރާއްޖޭން ސްރީ ލަންކާއާ ކުޅޭނެ އެވެ.
މުބާރާތުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، އިލާން، 17، ބުނީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އަމިއްލަ ގައުމުގައި ކުޅެލަން ލިބުމަކީ ހުރިހާ ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު ކަމެއް ކަމަށެވެ.
"އެއީ، މިއީ ފުރަތަމަ ފަހަރު އަހަރެމެންނަށް (ގައުމީ ޓީމު ޖޯޒީގައި) އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެލަން ލިބޭ. އެހެންވީމަ، ވަރަށް ބޮޑު މޯޓިވޭޝަނެއް އެބަ ލިބޭ ވީ އެންމެ ރަނގަޅަށް ކުޅެން. އިންޝާﷲ، އުންމީދަކީ އަހަރެެމެންނަށް ވަރަށް ރަނގަޅު ޕާފޯމަންސެއް ދެއްކޭނެ ކަމަށް މި ބަލަނީ ސަޕޯޓަރުން ބޭނުންވާ ފަދަ،" މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އިލާން ބުންޏެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިލާން ވާހަަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ނުކުންނައިރު، ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް އިތުބާރާ އެކުގައި ކަމަށް އިލާން ވަނީ ބުނެފަ އެެވެ.
"ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރާނެ މެޗު ކާމިޔާބުކުރަން، ދެން ހަމަ، ސްޓެޕް ބައި ސްޓެޕްއޭ ބުނެވޭނީ، ފުރަތަމަ މެޗުން މޮޅުވެ، ދެން އަންނަ މެޗަށް ފޯކަސްކޮށް، އެ ގޮތަށޭ ދާނީ. ރާއްޖޭގައި ކުޅެން ލިބުނީމަ، އެއީ ހަމަ އިތުރު ހިތްވަރެކޭ ބުނެވޭނީ، ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ހަމަ ސަޕޯޓް ކޮށްދިނީމަ އަޅުގަނޑުމެންނަށް އެ ލިބޭ ހިތްވަރު އިތުރުވާނެ ކަމަށް މި ބަލަނީ،" އިލާން ބުންޏެވެ.
މި މުބާރާތުގައި އޮތް އެންމެ ބޮޑު އުންމީދަކީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ، ފުރިފައި އޮތް ދަނޑެއްގައި، މެޗުގެ ހުރިހާ ވަގުތަކު ސަޕޯޓަރުންގެ ތަރުހީބާ އެކު މެޗުތައް ކުޅުން ކަމަށް އިލާން ވަނީ ބުނެފަ އެވެ.
ރާއްޖޭން ސާފް 20 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖޭން ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި، ބުދަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، ހުކުރު ދުވަހު ހަވީރު ނޭޕާލާ ކުޅޭނެ އެވެ. މުބާރާތުގެ މެޗުތަކުގެ ޓިކެޓް އުޅެނީ، ސިޑިބަރިން ޓިކެޓެއް 15 ރުފިޔާ އަށް އަދި ގޮނޑިބަރިން ޓިކެޓެއް 25 ރުފިޔާ އަށެެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment