about 1 hour 0
about 1 hour 0
ފްލޮރެންސް، އިޓަލީ (މާޗް 23) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނުން ރޭ ކުޅުނު މެޗުން ފިއޮރެންޓީނާއާ 1-1 އިން އެއްްވަރުވެ، ލީޑުފުޅާކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
އިންޓަ އިން މި ވަނީ މޮޅެއް ނުލިބި ލީގުގައި ޖެހިޖެހިގެން ތިން ވަަނަ މެޗު ނިންމާލައިފަ އެވެ.
ލީގުގެ ދެ ވަނައިގައި އޮތް އޭސީ މިލާނުން ހޮނިހިރު ދުވަހުގެރޭ 3-2 އިން ޓޮރިނޯ ބަލިކޮށް، އިންޓަގެ ލީޑު ފަސް ޕޮއިންޓަށް ކުޑަކުރިއިރު، ރޭގެ މެޗުން އެއްވަރުވެ، އިންޓަ އަށް ލިބުނީ ހަ ޕޮއިންޓުގެ ލީޑެކެވެ.
ލީގުގެ އެއް ވަނައިގައި އޮތް އިންޓަ އަށް 30 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މިލާނަށް 30 މެޗުން 63 ޕޮއިންޓް ލިބިފައިވެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން ތިން ވަނައިގައި އޮތީ 30 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ކޯމޯ އަށް ވަނީ 30 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. އަދި، ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް 30 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ އިންޓަ އިން ލީޑުނެގި އެވެ. މިއީ، ނިކޯލޯ ބަރޭލާ ދިން ބޯޅައަކުން ޕިއޯ އެސްޕޮސީޓޯ ޖެހި ގޯލެކެވެ. އުމުރުން 20 އަހަރުގެ އެސްޕޮސީޓޯ ވަނީ މި މެޗުގެ ފަހު ކޮޅުގައި އިންޓަ މޮޅުކޮށްދޭން ވެސް ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެކަމަކު، އެ ބޯޅަ ފިއޮރެންޓީނާ ކީޕަރު، ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ފިއޮރެންޓީނާ އިން އިންޓައާ އެއްވަރުކުރި ލަނޑު ޖެހީ 77 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ޗޭ އެންޑޯ އެވެ.
އިންޓަގެ ކޯޗު ކްރިސްޓިއަން ކީވޫ ވަނީ އެންމެ ފަހުން އެ ޓީމުން ކުޅުނު މެޗުތަކުގައި ނަތީޖާ ނެރުމުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލިބޭ ފުރުސަތުތައް ފަރުވާ ބަހައްޓައިގެން ގޯލަށް ނިންމައިނުލެވުން ކަމަށް ބުނެފަ އެވެ.
Comment