Advertisement

ތައިލެންޑުގައި ކުރިއަށްދިޔަ މުބާރާތުން ތަޒްކިޔާ އަށް ފަަސް ގައުމީ ރެކޯޑް

about 2 hours 0


ތައިލެންޑުގައި ކުރިއަށްދިޔަ މުބާރާތުން ތަޒްކިޔާ އަށް ފަަސް ގައުމީ ރެކޯޑް

about 2 hours 0

ތައިލެންޑުގެ ވެރިރަށް، ބެންކޮކްގައި ކުރިޔަށް ދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ގައުމީ ފެތުންތެރިޔާ، އަމްނާ ތަޒްކިޔާ މިރްސާދު، ފަސް ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

އެ ގޮތުން ތަޒްކިޔާ އާ ކޮށްފައިވާ ރެކޯޑްތަކަކީ، އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އަދި އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް އެވެ.

މި ފަސް ރެކޯޑްގެ ތެރެއިން، ދެ ރެކޯޑެއް ކުރިން ވެސް އޮތީ ތަޒްކިޔާ އަތުގަ އެވެ. އަދި، އަނެއް ތިން ރެކޯޑަށް ބަލާއިރު، މެރާލް އައިން ލަތީފް އަތުގައި އޮތް ދެ ރެކޯޑަކާއި އައިޝަތު އުލްޔާ ޝާއިގު އަތުގައި އޮތް ރެކޯޑެއް ތަޒްކިޔާ މި ވަނީ އާ ކޮށްފަ އެވެ.

އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ތަޒްކިޔާ އާކޮށްފައިވަނީ 00:28.49 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އުލްޔާ އެވެ. އެއީ، 2024 ވަނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެސްޑަބްލިއުއޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްސްގައި 00:31.49 އިން ރޭސް ނިންމައިގެންނެވެ.

ތަޒްކިޔާ، އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 00:31.24 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، 2025 ވަނަ އަހަރު ބަހުރޭނުގައި ބޭއްވުނު، ތިން ވަނަ އޭޝިއަން ޔޫތް ގޭމްސް ގައި 00:31.49 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، ތަޒްކިޔާ އާކޮށްފައިވަނީ 02:39.86 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މެރާލް އެވެ. އެއީ، 2025 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު، 22 ވަނަ ވޯލްޑް އެކުއަޓިކްސްް ޗެމްޕިއަންޝިޕްސް ގައި 02:42.46 އިން ރޭސް ނިންމައިގެންނެވެ.

ތަޒްކިޔާ، އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 01:12.28 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މެރާލް އެވެ. އެއީ، 2024 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު، 19 ވަނަ ސިންގަޕޯ ނޭޝަނަލް ސްވިމިން ޗެމްޕިއަންޝިޕް 2024 ގައި 01:13.96 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް، ތަޒްކިޔާ އާކޮށްފައިވަނީ 01:03.67 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން ވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، 2025 ވަނަ އަހަރު ސިންގަޕޫރު ގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 01:04.04 އިން ރޭސް ނިންމައިގެންނެވެ.