Advertisement

ދެ ރަތް ކާޑާ އެކު ބަޔާނަށް ލެވަކޫސަން އަތުން ޕޮއިންޓެއް

about 1 hour 0


ދެ ރަތް ކާޑާ އެކު ބަޔާނަށް ލެވަކޫސަން އަތުން ޕޮއިންޓެއް

about 1 hour 0

ބާލިން (މާޗް 15) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި މެޗުގައި، އެ ޓީމުން ބަޔާ ލެވަކޫސަނާ 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލެވަކޫސަނުން ރޭގެ މެޗުގެ ހަ ވަނަ މިނިޓްގައި ލީޑުނެގީ އަލެކްސް ގާސިއާ ޖެހި ގޯލުންނެވެ. ކުރިން ލެވަކޫސަނަށް ކުޅުނު ޑިފެންޑަރު، ޖޮނަތަން ޓާ ޖެހި ގޯލެއް ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެއީ، އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައިފަ އެވެ.

ބަޔާނަށް މައްސަލަ ދިމާވީ މެޗުގެ 42 ވަނަ މިނިޓްގައި ނިކޮލަސް ޖެކްސަން އަށް ސީދާ ރަތެއް ދެއްކުމުންނެވެ. ޖެކްސަން އަށް ރަތެއް ދެއްކީ ލެވަކޫސަންގެ މާޓިން ޓެރިއާ އަށް ނުރައްކާތެރި ފައުލެއް ކުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައިފަ އެވެ.

ދެ ވަނަ ހާފުގައި ބަޔާނުން ކޭން ކުޅެން އެރުވި އެވެ. ބަޔާނުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މިއީ، މައިކަލް އޮލީސޭ ދިން ބޯޅައަކުން ލުއިސް ޑިއާޒް ޖެހި ލަނޑެކެވެ. މި ސީޒަނުގައި ބަޔާނަށް 21 ވަނަ ލަނޑު ޖަހައިދިން ޑިއާޒަށް ވަނީ މެޗުގެ ފަހުކޮޅުގައި، ޕެނަލްޓީއެއް ހޯދަން ޑައިވްކުރި ކަމަށް ބަލައި، ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ.

ބަޔާންގެ ދެ ކުޅުންތެރިން މަދުވުމުގެ ފައިދާނަގައި، އިތުރު ވަގުުތުގެ ތެރޭގައި، ލެވަކޫސަންގެ ޖޮނަސް ހޮފްމަން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، އޭނާ އެ ގޯލު ޖެހީ އޮފްސައިޑްގައި ހުރެ ކަމަށްވާތީވެ، ރެފްރީ ނިންމީ އެ ގޯލު ބަަލައިނުގަންނާށެވެ.

ލީގުގައި ބާކީ އަށް މެޗު އޮތްއިރު، ބަޔާން އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއް ވަނައިގައި އޮތް ބަޔާނަށް 26 މެޗުން 67 ޕޮއިންޓް ލިބިފައިވެ އެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން ރޭ 2-0 އިން އޮއުގްސްބާގް ބަލިކުރި އެވެ. ޑޯޓްމަންޑްގެ އޮތީ 26 މެޗުން 58 ޕޮއިންޓެވެ.