Advertisement

650 މިލިއަން ޑޮލަރު ރައްކާކޮށްފަ އެބަހުރި، ސުކޫކު ދެއްކޭނެ: މުއިއްޒު

2 މާރިޗު 2026 - 10:22 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސުކޫކުގެ ބުލެޓް ޕޭމަންޓާއި ކޫޕަން ޕޭމަންޓު ހިމެނޭހެން އަންނަ މަހު 525 މިލިއަން ޑޮލަރު ދައްކަން ޖެހޭ --- ފޮޓޯ: ރައީސް އޮފީސް


650 މިލިއަން ޑޮލަރު ރައްކާކޮށްފަ އެބަހުރި، ސުކޫކު ދެއްކޭނެ: މުއިއްޒު

2 މާރިޗު 2026 - 10:22 0

ސަރުކާރަށް ބޭނުންކުރެވޭ ގޮތަށް 650 މިލިއަން ޑޮލަރު ރައްކާކޮށްފަ އެބަހުރި ކަމަށާއި ފައިސާގެ އެއްވެސް ދައްޗެއް މި ވަގުތު ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން، މުއިއްޒު މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، އިގުތިސޯދާއި ސަރުކާރުގެ އާމްދަނީ ހީނަރުވެ، ދިވެހި ސަރުކާރުން ވިއްކާފައިވާ ސުކޫކު އަނބުރާ ދައްކަން ދަތިވެދާނެ ކަމުގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.

އަންނަ މަހު މި ސުކޫކުގެ ބުލެޓް ޕޭމަންޓުގެ ގޮތުގައި 500 މިލިއަން ޑޮލަރު އަދި ފަހު ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މުއިއްޒު ވިދާޅުވީ ރައްކާކޮށްފައި ހުރި ފައިސާއާ އެކީ މި ފައިސާ ދައްކަން ޖެހޭ ތާރީހަށް ދައްކަން އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ.

"އާދެ، 500 މިލިއަން ޑޮލަރުގެ ސުކޫކު 8 އޭޕްރިލް 2026 ގައި ސަރުކާރުން ދައްކަން ވާނީ ނިންމާފަ. އެއީ ދައްކަން ޖެހޭ ދުވަސް. 8 އޭޕްރިލް 2026 ގައި ދެއްކުމަށް ޓަކައި މިހާރު އަޅުގަނޑުމެން އަތުގައި ރައްކާކޮށްފަ އެބަހުރި 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ" މުއިއްޒު ވިދާޅުވި އެވެ.

"500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާފަ ބާކީ ވެސް އެހެންވީމަ މިހާރު 150 މިލިއަން ޑޮލަރު ހުންނާނެ،"

ސަރުކާރުގެ އަތުގައި ހުރި ޑޮލަރުގެ ތަފުސީލުތައް ދެއްވަމުން މުއިއްޒު ވިދާޅުވީ 650 މިލިއަން ޑޮލަރުގެ ތެރެއިން 320 މިލިއަން ޑޮލަރު ހުރީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގަ އެވެ. ބާކީ ފައިސާއަކީ ޔޫސަބަލް ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ އެވެ.

ސުކޫކު ދެއްކޭނެ ވަރަށް ސަރުކާރުގައި ފައިސާ ހުއްޓަސް، އެސްޑީއެފް އާއި ރިޒާވުގައި ހުރި ފައިސާ ބޭނުންކުރުމަކީ ސަރުކާރުގެ ޕްލޭނެއް ނޫނެވެ.

ސަރުކާރުގެ ޕްލޭނުގައި އޮތީ 500 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އެސްޑީއެފްއިން ދެއްކުމަށް ފަހު ބާކީ 350 މިލިއަން ޑޮލަރު ރީފައިންނޭންސް ކުރާ ގޮތަށެވެ. ސުކޫކުން ރީފައިނޭންސް ކުރާ ބަޔަށް ފައިސާ ހޯދަން ސަރުކާރުން އުޅުނީ ލޯނެއް ނަގައިގެންނެވެ.

އަދަދު އަށް ކުރިން މައުލޫމާތު ލިބުނީ، މިއީ ކާގިލްސް އިންޓަނޭޝަނަލް ފައިނޭންސްއިން ވަރަށް ބޮޑު އިންޓްރެސްޓެއްގައި ނަގާ ލޯނެއް ކަމަށެވެ. ނަމަވެސް މުއިއްޒު ވަނީ ބޮޑު އިންޓްރެސްޓެއްގައި ލޯނެއް ނުނަގާ ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.

އެންމެ ފަހުން މި ލޯނާ ގުޅޭ މައުލޫމާތެއް ލިބުނުއިރު، ހިނގަމުން ދިޔައީ ލޯނު އެއްބަސްވުން ފައިނަލައިޒް ކުރުމުގެ މަރުހަލާ އެވެ. އެ ފަހުން މި ލޯނާ ގުޅޭ މައުލޫމާތެއް މި ނޫހަށް ނުލިބޭތީ އާއި ފިނޭންސް މިނިސްޓްރީގައި އަހައިގެން ވެސް އެ ސުވާލަށް ޖަވާބު ނުލިބޭތީ، މި ލޯނު ނެގި ކަމަށް އަދި ނުނަގާ ކަމެއް ވެސް ސާފެއް ނުވެ އެވެ.