އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ މައި މަރުކަޒު، އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީ ހަލާކުކޮށްލައިފިކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ހާމަކޮށްފި އެވެ.
ޓްވިޓާގައި ސެންޓްކޮމްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާއަކީ އެމެރިކާ ކަމަށާއި، މި ހަމަލާއާ އެކު އައިއާރުޖީސީގެ ހެޑްކުއާޓާސްއެއް މިހާރު ނުހުންނާނެ ކަމަށެވެ. މިއީ އެ ޖަމާއަތުގެ ބާރު ކަނޑުވާލުމަށް ދިން ވަރުގަދަ ހަމަލާއެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރެއެވެ.
ސެންޓްކޮމްއިން ބުނި ގޮތުގައި ވޭތުވެދިޔަ 47 އަހަރު ތެރޭގައި އައިއާރުޖީސީން ވަނީ 1,000 އަށްވުރެ ގިނަ އެމެރިކާ ރައްޔިތުން މަރާލާފައެވެ.
ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވޭއިރު، މިއީ އިރާނުގެ އަސްކަރީ ގާބިލިއްޔަތަށް ލިބުނު ބޮޑު ލޮޅުމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާ ދެމުންދާއިރު ރައްދުގައި އިރާނުން ދަނީ އިޒްރޭލަށް އަދި އަރަބި ބައެއް ގައުމުތަކަށް ހަމަލާ ދެމުންނެވެ.
ހަނގުރާމައިގެ އަދާހަމަ
- އިރާނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި އެމެރިކާގެ ތިން ސިފައިން މަރުވެ، އިތުރު ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނުން
- އިރާނުގެ އެންމެ މަތީވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލިތާ އެއްދުވަސް ފަހުން، އިޒްރޭލުން މިއަދުވެސް ތެހެރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދިން
- އިޒްރޭލުން ދިން ހަމަލާތަކަށް ރައްދުދީ އިރާނުން މިސައިލް ފޮނުވާލުމާ ގުޅިގެން ތެލް އަވީވްގައި ވަނީ ނުރައްކާތެރި ހާލަތެއްގަ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އިރާނުން އައި މިސައިލްތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް.
- އިރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވައިތު، ބަހްރޭން އަދި އިރާގަށް އިންޒާރު ދެއްވާފަ.
- އިރާނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އިރާނުން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި ކަމަށް
- ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އިރާނު ވަގުތީ ގޮތުން ހިންގުމަށް އުފެއްދި ލީޑަރޝިޕް ކައުންސިލްގެ ދީނީ މެންބަރަކަށް އާޔަތުﷲ އަލީ ރެޒާ އަރާފީ ވަނީ އައްޔަންކޮށްފަ
Comment