about 2 hours 0
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ
about 2 hours 0
އެމެރިކާ އާއި އިޒްރޭލު ގުޅިގެން ހޮނިހިރު ދުވަހު ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އާ ބޭފުޅަކު އިންތިހާބު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ "އަލްޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ވެރިކަން ބަދަލުކުރުމުގެ ގާނޫނީ މަރުހަލާ މިހާރު ފެށިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ތެރޭގައި އާ ލީޑަރަކު ކަނޑައެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާ ލީޑަރަކު އިންތިހާބު ކުރެވެންދެން ގައުމު ހިންގަމުންދަނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރާންސިޝަން ކައުންސިލް" އަކުންނެވެ. މި ކައުންސިލްގައި ހިމެނެނީ ރައީސް މަސްއޫދު ޕެޒެޝްކިއަން، ފަނޑިޔާރުގޭގެ އިސްވެރިޔާ އަދި ގާޑިއަން ކައުންސިލްގެ މެންބަރެކެވެ.
އިރާނުގެ ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ލީޑަރު އިންތިހާބު ކުރާނީ 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިންނެވެ. މި މަޖިލީހުގެ އަގުލަބިއްޔަތުން އާ ލީޑަރަކު ކަނޑައަޅާނެ އެވެ.
ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި ޚާމަނާއީގެ އިތުރުން އާއިލާގެ ބައެއް މެންބަރުންނާއި، ސަލާމަތީ ބާރުތަކުގެ އިސް ބޭފުޅުން ހިމެނޭހެން ޖުމްލަ 201 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އިރާނުގައި 40 ދުވަހު ހިތާމަފާޅުކުރުމަށް ނިންމައި އެކަން ވަނީ އިއުލާނުކޮށްފައެވެ.
އަރަގްޗީ ވަނީ އިޒްރޭލާއި އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ބަދަލު ހިފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
Comment