about 2 hours 0
about 2 hours 0
ކޮލަމްބޯ (މާޗް 1) - މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުތަކުން، ސްރީ ލަންކާ އަތުން ފަސް ލަނޑުން މޮޅުވި ނަމަވެސް ޕާކިސްތާން ކަޓައި، އިންގްލެންޑް އަތުން ހަތަރު ވިކެޓުން ބަލިވި ނިއު ޒީލެންޑަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިއްޖެ އެވެ.
ސުޕަ 8 ގެ ގްރޫޕް ދޭއްގެ މެޗުތައް ރޭ ނިމުނުއިރު، އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައީ ތިން މެޗުން ވެސް މޮޅުވި އިންގްލެންޑް އެވެ. އެ ޓީމަށް ހަ ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ ނިއު ޒީލެންޑާއި ތިން ވަނައިގައި ނިންމި ޕާކިސްތާނަށް ލިބުނީ ތިން ޕޮއިންޓެވެ. ނިއު ޒީލެންޑަށް ސެމީގެ ޖާގަ ލިބުނީ، ނެޓް ރަން ރޭޓު ޕާކިސްތާނަށް ވުރެން ރަނގަޅުވުމުންނެވެ. ލަންކާ ކެޓީ ސުޕަ 8 ގެ ތިން މެޗުން ވެސް ބަލިވެގެންނެވެ.
ލަންކާ އިން ރޭގެ މެޗުގައި ޓޮސް ދިމާވުމުން ހޮވަން އެރިއިރު، ފުރަތަމަ ކުޅެން އެރި ޕާކިސްތާނުން ވަނީ، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވިއިރު، 212 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ ޝަހީބްޒާދާ ފަރުހާން ވަނީ 60 ބޯޅައިން 100 ލަނޑު ހަދައިފަ އެވެ. މި އިނިންގްސް އަކީ ޓީ20 ވޯލްޑް ކަޕެއްގައި ޕާކިސްތާންގެ އެންމެ ރަނގަޅު ސްކޯ އެވެ. ލަންކާގެ ދިލްޝާން މަދުޝަންކަ ވަނީ ހަތަރު އޯވަރަަށް ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އެރި ލަންކާ އަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 207 ލަނޑެވެ. ފަސް ލަނޑު މަދުވެ، އެ ޓީމު މެޗުން ބަލިވިއިރު، މި މެޗުގައި ލަންކާ އަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 37 ބޯޅައިން 58 ލަނޑު ހެދި، ޕަވަން ރަތުނަޔަކޭ އާއި 31 ބޯޅައިން 76 ލަނޑު ހެދި ދަސުން ޝަނަކަ އެވެ.
ސެމީ ފައިނަލުގައި، އިންގްލެންޑުން ކުޅެން ޖެހޭ ޓީމަކާއި ނިއު ޒީލެންޑުން ކުޅޭނެ ޓީމެއް އެނގޭނީ ސުޕަ 8 ގެ ގްރޫޕް އެކެެއްގެ ފަހު މެޗުތަކަށް ފަހު އެވެ. ގްރޫޕް އެކެއްގެ އެއް ވަނައިގައި ދެ މެޗުން ވެސް މޮޅުވެގެން އޮތް ދެކުނު އެފްރިކާ އަށް ސެމީ ޔަގީންވެފައިވާއިރު، ދެން ސެމީގެ ޖާގަ އަކަށް މިއަދު ކުރިމަތިލަނީ ވެސްޓް އިންޑީސް އާއި އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އެވެ. އެ ދެ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ލިބޭނެ އެވެ.
Comment