އެމެރިކާ އާއި އިޒްރޭލުން އިރާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ތެރެއިން ދެ ސްކޫލަކަށް ދިން ހަމަލާތަަކެއްގައި 53 ދަރިވަރުން މަރުވެފައިވާ ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ދެކުނު އިރާނުގެ ހޮރުމޮޒްގާން ޕްރޮވިންސްގެ ދެ ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 60 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގީޗީ ވަނީ އެތައް މައުސޫމް ކުދިންނެއް އިޒްރޭލުން މަރާލާފައިވާ ކަމަށާއި އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް އެކްސްގައި ވިދާޅުވެފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން ބުނަނީ ހަމަލާ ދެމުން އަންނަނީ ހަމައެކަނި އަސްކަރީ ޓާގެޓުތަކަށް އެކަނި ކަމަށެވެ. ނަމަވެސް އެ ދެ ގައުމުން ދެމުންދާ ހަމަލާތަކުގައި އެއްވެސް ވަރަކަށް ބެލުމެއް ނެތްކަން ވަނީ ހާމަވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ އިރާނުގެ އަސްކަރިއްޔާ ނެތިކޮށްލުމުގެ ބޭނުމުގައި ފެށި އޮޕަރޭޝަނެއް ކަމަށެވެ.
އެ ގޮތުން ޓްރަމްޕުގެ ޓުރުތު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ އެއްބަސްވުމެއް ހަދަން އިރާނަށް ތަކުރާރުކޮށް ފުރުސަތު ދިން ނަމަވެސް އިރާނުން ބޭނުން ނުވީ ކަމަށެވެ. ޓްރަމްޕު ވަނީ އިރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތައް އިރާނުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއީ މިހާރު ކުރަމުން އަންނަ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ދިން ހަމަލާތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
Comment