Advertisement

އިންތިހާބުގައި ގިނަ ބަޔަކަށް ވޯޓުނުލެވޭ ގޮތަށް އިލެކްޝަނުން ދަނީ އަމަލުކުރަމުން: އެމްޑީޕީ

އަބްދުﷲ ވަހީދު: އިންތިހާބުގައި ގިނަ ބަޔަކަށް ވޯޓުނުލެވޭ ގޮތަށް އިލެކްޝަނުން ދަނީ އަމަލުކުރަމުން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


އިންތިހާބުގައި ގިނަ ބަޔަކަށް ވޯޓުނުލެވޭ ގޮތަށް އިލެކްޝަނުން ދަނީ އަމަލުކުރަމުން: އެމްޑީޕީ

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި ގިނަ ބަޔަކަށް ވޯޓު ނުލެވޭ ގޮތަށް އިލެކްޝަނުން އަމަލު ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ ތަރުޖަމާން އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބަށް ތައްޔާރުވާން ފެށި ހިސާބުން އިލެކްޝަނުން އަމަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ގޮސްފައިވާ ކަމަށެވެ.

މިގޮތުން ސަރުކާރުގެ ނުފޫޒަށް އިލެކްޝަނުން ތަބާވެގެން މުޅި އިންތިހާބުގެ ޕްރޮސެސް ކުރިއަށް ގެންދަނީ ގިނަ ބަޔަކަށް ވޯޓު ނުލެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިންތިހާބަށް ތައްޔާރުވާން ފެށުނު ހިސާބުން ފެށިގެން އަޅުގަނޑުމެން މިދަނީ ކަންބޮޑުވުން ފާޅުކުރަމުން އިލެކްޝަންގެ އަމަލުތަކާ މެދުގައި. ސަރުކާރުގެ ނުފޫޒާއި އިލެކްޝަނުން ތަބާވެގެން މި އިންތިހާބަށް ތައްޔާރުވުމަށް ބޭއްވި އިންތިޒާމީ ހުރިހާ ކަމަކުންވެސް އަޅުގަނޑަށް ފާހަގަވެގެން މިދަނީ އިންތިހާބުގައި ވޯޓުލާން ތިބި ފަރާތްތަކަށް ވޯޓު ނުލެވޭނެ ގޮތަށް މުޅި ޕްރޮސެސް އެއްކޮށް ގެންދާތަން." އޭނާ ވިދާޅުވި އެވެ.

ސްރީލަންކާ އާއި މެލޭޝިއާއަކީ ދިވެހިން އެންމެ ގިނައިން ދިރިއުޅެމުންދާ ދެ ގައުމު ކަމަށްވާއިރު، އެ ދެ ގައުމުގައި ވެސް ވޯޓުލާން ޖެހޭ ކަމަށް އިލެކްޝަނުން ކަނޑައެޅި އަދަދު ގިނަ ކަމަށް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ އިންތިހާބު އެކުގައި ބާއްވާއިރު ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދޭންޖެހޭކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ނުބަހައްޓަން ނިންމި ތަންތަނުގައި ވޯޓު ފޮށިތައް ބަހައްޓަން ޖެހޭ ކަމަށެވެ.

"އާދެ އިލެކްޝަނަށް ދަންނަވަން އޮތީ، އަޅުގަނޑުމެން އެދެނީ ގިނަ ރައްޔިތުންނަށް މި އިންތިހާބުގައި ވޯޓުލެވޭނެ ގޮތަށް އިލެކްޝަނުގެ އިންތިޒާމުތައް ހަމަޖެއްސުން. އަދި ރާއްޖެއިން ބޭރުގައި އާއި ސިނާއީ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި މިހާރު ތިބޭފުޅުން ކަނޑައަޅާފައި ހުރި ތްރެޝްހޯލްޑްތައް ދަށްކޮށް އެ ސަރަހައްދުތަކުގައި ވޯޓުލެވޭނެ ގޮތެއް އެބަ ހަދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުވުމުން އެ ހުރިހާ ތަނެއްގައި ވޯޓު ފޮށިތައް ނުބަހައްޓަން އިލެކްޝަނުން ވަނީ ނިންމައިފަ އެވެ.

އޭޕްރީލް 4، ގައި ބާއްވާ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.