Advertisement

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އެތުލީޓުންނަށް ސްކޮލަޝިޕް ފުރުސަތުތަކެއް

about 6 hours 0


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އެތުލީޓުންނަށް ސްކޮލަޝިޕް ފުރުސަތުތަކެއް

about 6 hours 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިސް ދައުރެއް އަދާކޮށް ރާއްޖޭގެ ކުޅިވަރު އެތުލީޓުންނަށް ޓްރެއިނިން ހެދުމަށްޓަކައި، ދެ ސްކޮލަޝިޕް ފުރުސަތުތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ބުނެފި އެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ރޭ ކުރިއަށްދިޔައިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވީ، އިއުލާނުކުރެވިގެންދިޔަ ދެ ސްކޮލަޝިޕަކީ އޮލިމްޕިކް ސޮލިޑާރިޓީގެ ތެރެއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) މެދުވެރިކޮށް ލިބޭ ސްކޮލަޝިޕްތަކުގެ އިތުރުން، ބީއެމްއެލް ސްކޮލަޝިޕް ކަމަށެެވެ.

"އައިއޯސީން އަޅުގަނޑުމެންނަށް ލިިބިފައިވާ ސްކޮލަޝިޕެއް، އޭގައި ހަ ކުޅިވަރަކުން ހަ އެތުލީޓުން މި ހޮވުނީ، އެ ސްކޮލަޝިޕަކީ އޭގެ ޒާތުގައި އިންޑިވިޖުއަލް އޮލިމްޕިކް ސްޕޯޓަށް ލިބޭ ފުރުސަތުތަކެއް، އަޅުގަނޑުމެން ހުޅުވާލައިގެން، އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގެ ހަ އެތުލީޓުންނަށް މި ލިބުނީ، މިއީ ހަތަރު އަހަރު ދުވަހުގެ ސްކޮލަޝިޕެއް، މި އަންނަ އެލްއޭ 28އާ ހަމައަށް ދެވޭ ޓްރެއިނިން ސްކޮލަޝިޕެއް ހަގީގަތުގައި، ކޮންމެ ކުއްޖަކަށް 1500 ޑޮލަރު މި ލިބެނީ އެއް މަހަށް، ހަތަރު އަހަރު ވަންދެން،" އެެމެރިކާގެ ލޮސް އެންޖެލްސްގައި 2028 ވަނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް އަމާޒުކޮށް ލިބުނު ސްކޮލަޝިޕްތަކާ ބެހޭގޮތުން، ތަމޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޮލިމްޕިކް ސްކޮލަޝިޕް ލިބުނު ބައެއް އެތުލީޓުން މިހާރު ވަނީ ސްކޮލަޝިޕްގެ ބޭނުންހިފައި ރާއްޖޭން ބޭރަށް ގޮސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީންތައް ފަށާފައި ކަމަށެވެ.

"އޭގެ އިތުރުން ކުރިއަށް އޮތް އެތުލީޓުން ވެސް ދަނީ ހައި ޕަފޯމަންސް ސެންޓަރުތަކާ ވާހަކަ ދެކެވެމުން، އެ ޓްރެއިނިންތައް ކުރިއަށްގެންދިއުމާ ބެހޭގޮތުން،" ތަމޫ ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީން ބީއެމްއެލްއާ ވާހަކަ ދެކެވިގެން ބީއެމްއެލް ސްކޮލަޝިޕްގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތަމޫ ވަނީ ވިދާޅުވެފަ އެވެ. އަދި، މިހާރު ސާފިން އެތުލީޓަކަށް ބީއެމްއެލް ސްކޮލަޝިޕް ލިބިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

"އެ ސްކޮލަޝިޕަކީ (ބީއެމްއެލް ސްކޮލަޝިޕަކީ) އެއް އަހަރުގެ ސްކޮލަޝިޕެއް، އަޅުގަނޑުމެން މިހާރު ވާހަކަ ދައްކަނީ، އޭތި އެ އަށް ވުރެން ރަނގަޅަށް ސަސްޓެއިން ކުރެވޭނީ ކިހިނެއްތޯ. ބީއެމްއެލް އިން އެ މަޝްވަރާތަކަށް ތައްޔާރު، ބީއެމްއެލް އިން އެ ސްކޮލަޝިޕްތައް ދެއްވި ތިން ވަނަ އަހަރު މިއީ، އަޅުގަނޑުމެން މި ދަނީ އޭތި ކޮންޓިނިއު ކުރަމުން، އެ އަށް ފީޑްބެކް ވެސް ވަރަށް ރަނގަޅު،"

އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފާސްކުރި ބަޖެޓުގައި، ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 59،750،830.19 ރުފިޔާ އެވެ. އަދި، އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވަނީ 54،902،381.42 ރުފިޔާ އެވެ. މި އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ހިމަނާފައިވަނީ ގޭމްސްތަކަށެވެ. މި އަހަރު ފަސް ގޭމްސް އެއްގައި ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތްއިރު، 46 މިލިއަން ރުފިޔާ އެ ގޭމްސްތަކަށް ހަރަދުވާނެ އެވެ. އެއީ، ބަޖެޓުގެ 72 ޕަސެންޓް ހަރަދެވެ.