Advertisement

މިދިޔަ މަހު ވެސް އިންފްލޭޝަން މަތިވެ، މަހާއި ފުރުޓުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ

1 އޮކްޓޯބަރު 2025 - 10:47 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މާލޭ ބާޒާރުގައި މީހަކު ވިޔަފާރި ކުރަނީ: މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންފްލޭޝަން ހަތަރު ޕަސެންޓަށް ވުރެ މަތިވެއްޖެ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މިދިޔަ މަހު ވެސް އިންފްލޭޝަން މަތިވެ، މަހާއި ފުރުޓުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ

1 އޮކްޓޯބަރު 2025 - 10:47 2

ނިމިދިޔަ އޯގަސްޓު މަހު ވެސް އިންފްލޭޝަން މަތިވެ، މަހާއި ފުރުޓުގެ އަގު އުފުލުނު ކަމަށް ކޮންޒިއުމާ ޕްރައިސް އިންޑެކްސް އިން ދައްކައިފި އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓު، 2024، އިން ފެށިގެން އަހަރެއްގެ ތެރޭގައި އިންފްލޭޝަން ވަނީ 4.14 ޕަސެންޓު މަތިވެފަ އެވެ. ވެއެތުވެދިޔަ އަހަރުގެ ތެރޭގައި ދުންފަތުގެ އިތުރުން އެންމެ ބޮޑަށް އަގު އުފުލުނީ މަހާއި ކާބޯތަކެއްޗާއި ރީތިވާ ސާމާނުންނެވެ.

ޖުލައި މަހާ އަޅާބަލާއިރު އޯގަސްޓު މަހު ޖުމުލަ އިންފްލޭޝަން ވަނީ 0.36 ޕަސެންޓު އުފުލިފަ އެވެ. އެއީ އަގު އުފުލެމުން އަންނަ ގޮތުގެ ޓްރެންޑަށް އަނެއްކާ ވެސް އިތުރުވި ބޮޅެކެވެ. އެހެން ދިމާވީ، ބައެއް ތަކެތީގެ އަގު ހެޔޮވި ނަމަވެސް އަގު ބޮޑުވި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުންނެވެ.

ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ބޮޑަށް އަގު އުފުލުނީ މޭވާއިންނެވެ. މޭވާގެ އަގު 3.91 ޕަސެންޓު އުފުލުނެވެ. ދެން އެންމެ ބޮޑަށް އަގު އުފުލުނީ މަހުންނެވެ. މަހުގެ އަގު މިދިޔަ މަސްދުވަހުގެ ތެރޭގައި 3.24 ޕަސެންޓު އުފުލުނެވެ. އަދި ތަރުކާރީގެ އަގު 2.19 ޕަސެންޓު އުފުލުނެވެ.

ކޮންޒިއުމާ ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަގު ދަށްވީ ކަރަންޓާއި ކުކުޅާއި ބީފް އާއި ފެނާއި ހައުސްހޯލްޑް އެޕްލަޔަންސުންނެވެ. އެންމެ ބޮޑަށް އަގު ހެޔޮވި ކަރަންޓުން 2.11 ޕަސެންޓު އަގު ހެޔޮވި އެވެ.

ތަކެތީގެ އަގު އިންތިހާއަށް އުފުލުނު ނަމަވެސް ސަރުކާރުން ބުނަނީ އިންފްލޭޝަން މަތިވަނީ އިގްތިސާދު ބަލިކަށިވެގެން ނޫން ކަމަށެވެ. ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ތަކެތީގެ އަގު ބޮޑުވަނީ ސިޔާސީ ބޭނުމެއްގައި ވިޔަފާރިވެރިން ރޭވިގެން ތަކެތީގެ އަގު ބޮޑު ކުރާތީ ކަމަށެވެ.

ނަމަވެސް އިގްތިސާދީ މާހިރުން ބުނަނީ ތަކެތީގެ އަގު ބޮޑުވަނީ ސަރުކާރަށް އިގްތިސާދު މެނޭޖު ނުކުރެވި، މާލީ ގޮތުން ހާސިލް ކުރަންޖެހޭ ކަންކަން ހާސިލުނުވާތީ ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު ބޮޑުވުމުގެ މައްސަލަ ހައްލު ނުކުރެވުމާއި ދިވެހިރާއްޖެއަށް އިންވެސްޓްމަންޓެއް ނާންނާތީ އެކަން ބޮޑު މައްސަލައެއްގެ ގޮތުގައި މާހިރުން ފާހަގަ ކުރެ އެވެ.