Advertisement

މީމު އަތޮޅު ފަޅުރަށަކަށް ދޫކޮށްލާފައި އޮތް ބުޅަލެއް ސަލާމަތްކޮށްފި

މ. އަތޮޅު ފެންބޯ ފިނޮޅު


މީމު އަތޮޅު ފަޅުރަށަކަށް ދޫކޮށްލާފައި އޮތް ބުޅަލެއް ސަލާމަތްކޮށްފި

މީމު އަތޮޅުގެ ކުޑަ ފަޅުރަށަކަށް ދޫކޮށްލާފައި އޮތް ބުޅަލެއް، "ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް" އާއި "ޓޯފޫ ފައުންޑޭޝަން" ގުޅިގެން ސަލާމަތްކޮށްފިއެވެ.

ބޯނެ ފެނެއް، ކާނެ އެއްޗެއް ނެތް، ފެންބޯފިނޮޅު ކިޔާ އެ ރަށުގައި އެކަނިވެރި ބުޅަލެއް އުޅޭކަން ސަމާލު ކަމަށް ގެނުވީ އެ ރަށަށް ދަތުރުކުރި ސަފާރީއެއްގައި ތިބި ޓޫރިސްޓުންތަކެއް ސޯޝަލް މީޑިއާގައި ޖަހައިގެންނެވެ.

އެމީހުން ބުނި ގޮތުގައި އެއީ ވަރަށް އޮޅު ބުޅަލެކެވެ. ނަމަވެސް ބޯޓުގެ ގަވާއިދުތައް ހުރިގޮތުން އެމީހުންނަށް ބުޅާ ގެންދެވޭނެ ގޮތް ނުވުމުން، ބުޅާ ސަލާމަތްކޮށް މީހުން އުޅޭ ރަށަކަށް ގެންގޮސްދޭ މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އެހީއަށް އެދިފައެވެ.

ޓޫރިސްޓުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓު


މި މައުލުމާތު ލިބިގެން ޒޫފިލިސްޓް ސޮސައިޓީން ބުޅާ ސަލާމަތްކުރުމުގެ އޮޕަރޭޝަން ފުރަތަމަ ކުރިއަށް ގެންދިޔައީ ފެބްރުއަރީ 21 ވަނަ ދުވަހުގެ ފަތިހު 5:30 އިން ހެނދުނު 10:00 އާ ދެމެދު އެވެ. ނަމަވެސް ބުޅާ ބިރުގަނެފައި ހުރުމުގެ ސަބަބުން ފުރަތަމަ ފަހަރު އަތުލައި ނުގަނެވުނު ކަމަށް އެ ޖަމިއްޔާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.

އެހެންވެ، އެރަށަށް ދިޔަ ޓީމުން ބުޅަލަށް ބޯނެ ފެނާއި ކާނާ ބެހެއްޓި އެވެ. މަސައްކަތް ހުއްޓާނުލައި އިއްޔެ ކުރި މަސައްކަތުން ބުޅާ ވަނީ ކާމިޔާބުކަމާއެކު ސަލާމަތްކޮށް، މ. މަޑުއްވަރީއަށް ގެންގޮސްފައެވެ.

"މިހާރު އެ ބުޅާ އޮތީ މަޑުއްވަރީގައި ބުޅަލަށް ލޯބިކުރާ މީހެއްގެ ބެލުމުގެ ދަށުގަ،" ޒޫފިލިސްޓް ސޮސައިޓީން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި މި ބުޅަލުގެ ސިއްހީ ހާލަތު ބަލައި، އޭތި ނިއުޓާ ކުރުމަށްފަހު އެޑޮޕްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އަދި ބުޅަލަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުންގެ އެހީއަށްވެސް ވަނީ އެދިފައެވެ.

މި ރެސްކިއު މިޝަންގެ ހަރަދުތައް ސްޕޮންސަ ކޮށްފައިވަނީ ޓޯފޫ ފައުންޑޭޝަނުންނެވެ. ޒޫފިލިސްޓް ސޮސައިޓީން ދަނީ ރާއްޖޭގައި ޖަނަވާރުންނަށް ކުރާ އިހާނެތިކަން ހުއްޓުވުމަށާއި، މިގޮތަށް ރަށްރަށަށް ބުޅާ އެއްލާލުން ހުއްޓުވުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.