Advertisement

ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދާ، އަވަށު ކޯޕަރޭޓިވް ސޮސައިޓީ ވެސް އުފައްދާނަން: ޒަރިޔަންދު

އިސްމާއިލް ޒަރިޔަންދު: މާލޭ މޭޔަރަކަށް ހޮވިއްޖެއްޔާ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދާ، އަވަށު ކޯޕަރޭޓިވް ސޮސައިޓީ ވެސް އުފައްދާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު


ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދާ، އަވަށު ކޯޕަރޭޓިވް ސޮސައިޓީ ވެސް އުފައްދާނަން: ޒަރިޔަންދު

މާލޭގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދާ، އަވަށު ކޯޕަރޭޓިވް ސޮސައިޓީ ވެސް އުފައްދާނެ ކަމަށް މިނިވަން ކެންޑިޑޭޓެއް ގޮތުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ގެނެސްދޭ ކުޅިކޮށް ޕްރޮގްރާމްގައި ޒަރިޔަންދު ވިދާޅުވީ މާލެ ސިޓީގައި އެކި ހިދުމަތް ދޭ ކުންފުނިތަކުން އަތޮޅުތަކާ ގުޅިފައި އޮންނަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އޮންނަން ޖެހޭ ކަމަށެވެ.

މިގޮތުން އޭނާގެ މޭޔަރުކަމުގައި އެފަދަ ކުންފުންޏެއް އުފައްދައި، މާލޭގެ ލޯކަލް މާރުކޭޓަށް ތަކެތި ގެނެވޭ ގޮތަށް އެކި އަތޮޅުތަކާ ގުޅިފައި އޮންނަ ކުންފުންޏެއް އުފައްދާނެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

"މާލޭގައި އެކިއެކި ހިދުމަތް ދޭ ފަރާތްތަކަށް ލޯކަލް އޮތޯރިޓީ ކުންފުނި ގާއިމުކުރެވެން ބޭނުންވޭ. ގާނޫނުތަކުގައި ލިޔެފައި އެ ހުންނަނީ އެއީ މުހިންމު ބޭނުންތަކެއްގައި. މާލޭގެ ލޯކަލް މާރުކޭޓަށް ގެނެވޭ ފުރުޓާއި ކާބޯތަކެތި އެ އެއްޗެހި އެކި އަތޮޅުތަކުން އެ ގެނެވޭ ކަންތައްތަކަށް އެކި އަތޮޅުތަކާ ގުޅިފައި އޮންނަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އޮންނަން ޖެހޭ،" ޒަރިޔަންދު ވިދާޅުވި އެވެ.

މާލޭގެ ކޮންމެ އަވަށެއްގައި ކޯޕަރޭޓިވް ސޮސައިޓީއެއް ގާއިމުކުރަން ޖެހޭކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ އެފަދަ ތަންތަނުން އަވަށު ތެރޭގައި ކުދިކުދި މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ މަގު ތަނަވަސް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ކޮންމެ އަވަށެއް ކޯޕަރޭޓިވްކޮށް އޮންނަން. ކޮންމެ އަވަށެއްގެ ރައްޔިތުން އެ އަވަށެއްގެ ތެރޭގައި ކުދިކުދި މަސައްކަތް ކުރާ ފަރާތްތައް އާމްދަނީ ހޯދުމުގެ މަސައްކަތް ކުރެވެން،" ޒަރިޔަންދު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ގޭ ދޮށު ދިލްފިޒާގޭ ރާފިޔާ ގުޅަ ތެލުލައިގެން ވިއްކާނެ ކޮތަޅަށް އަޅައިގެން. އަޅުގަނޑު ބޭނުންވަނީ ރާފިޔާ އާއި އެހެން ގޭގޭ މީހުން ގުޅިގެން ގަލޮޅު ކޯޕަރޭޓިވް އޮންނަން."

އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގައި ކޮންސަލްޓަންޓުން ގެންގުޅުމުގެ ބަދަލުގައި ކައުންސިލް ހިންގާނީ ލާމަރުކަޒީ އިންތިޒާމުގެ ތެރެއިން ކަމަށާއި ކޮންމެ އަވަށެއްގެ އަވަށު ކޮމިޓީ އުފައްދާނެ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ އޭނާގެ މޭޔަރު ކަމެއްގައި މާލެ ސިޓީ ކައުންސިލްގެ އާމްދަނީ އަހަރަކު ދެ ބިލިއަން ރުފިޔާއަށް އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ގާއިމުކުރާ ޕާކިން އިން އެކަނިވެސް 200 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލާ ހަވާލުކުރެވިފައިވާ ބިންތަކުގެ އަސްލު އަގު ދެނެގަނެ، ބިންތަކަށް ހަމަ އަގު ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޒަރިޔަންދު ވިދާޅުވީ ކައުންސިލް ތެރޭގައި ކޮރަޝްނަށް މަގުފަހިވާ ހުރިހާ ކަމެއް ހިފައިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ދާނީ އޭނާ ކަމަށެވެ.

މާލޭގެ މޭޔަރަކަށް ޒަރިޔަންދު މިނިވަން ކެންޑިޑޭޓަކަށް ވާދަކުރައްވާއިރު، އޭނާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވަނީ ތާއީދުކޮށްފަ އެވެ.