Advertisement

މާލޭ މަގުތަކުގައި ނަން ބޯޑު ހަރުކުރާށާއި ގާ ހޯދަން ހަތް މިލިއަން ރުފިޔާ ހަރަދުކުރަނީ

ބޮޑުތަކުރުފާނު މަގުގެ ނަން ބޯޑު މޭޔަރު އާޒިމް ހަރުކުރަނީ. އެ މަސައްކަތް ހަވާލުކުރީ 3.9 މިލިއަން ރުފިޔާއަށް --- ފޮޓޯ: ސިޓީ ކައުންސިލް


މާލޭ މަގުތަކުގައި ނަން ބޯޑު ހަރުކުރާށާއި ގާ ހޯދަން ހަތް މިލިއަން ރުފިޔާ ހަރަދުކުރަނީ

މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގެ ނަން ބޯޑުތައް ހަދާށާއި މަގުތައް މަރާމާތުކުރަން ބޭނުންވާ އެޅިގާ ގަންނަން ހަތް މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ކޮންޓްރެކްޓުތަކެއްގައި ޑިސެމްބަރު މަހުގެ ތެރޭގައި ސޮއިކޮށްފި އެވެ.

މި ކޮންޓްރެކްޓުތަކުގެ މައްސަލައަށް ސަމާލުކަން ލިބުނީ މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު އައިހަމް (ކެނާ) ސޯޝަލް މީޑިއާގައި މިކަން ތިލަކުރުމާ ގުޅިގެންނެވެ.

އައިހަމް ވަނީ މާލޭ ސިޓީ ކައުންސިލުން ޑިސެމްބަރުގައި ސޮއިކުރި ތިން ކޮންޓްރެކްޓެއް ފާހަގަކޮށްފަ އެވެ. އޭނާ ވަނީ މި ތިން ކޮންޓްރެކްޓާ ގުޅޭ ބީލަމުގެ ތަފުސީލުތަކާއި ޑިޒައިން ހިއްސާކޮށްދޭން އާރުޓީއައިގެ ޒަރިއްޔާއިން ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށް ބުނެފަ އެވެ.

ޝައްކު އުފެދޭ ކަމަށް އައިހަމް ފާހަގަކުރީ، ބޯޑުތަކުގެ ކޮންޓްރެކްޓާއި އެޅިގާ ގަންނަ ކޮންޓްރެކްޓުގެ އިތުރުން ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތާއި މަދަހަ މުބާރާތް ބްރޯޑްކާސްޓުކުރުމަށާއި ރެކޯޑުކުރަން ރާއްޖެ ޓީވީއާ ސޮއިކުރި ކޮންޓްރެކްޓެވެ. ސިޓީ ކައުންސިލުން ޑިސެމްބަރުގެ ތެރޭގައި އެންމެ ބޮޑު އަގުގައި ހަވާލުކުރީ ވެސް މި ތިން މަސައްކަތެވެ.

މަގުތަކުގެ ނަން ބޯޑު ހަދައި ހަރުކޮށްދިނުން

މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކުގައި ނަން ބޯޑު ހަދައި ހަރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރީ 3.9 މިލިއަން ރުފިޔާއަށް ސަސްމާ ކިޔާ ކުންފުންޏަކާ އެވެ. މި ކޮންޓްރެކްޓުގެ މުއްދަތަކީ 20 ދުވަހެވެ. ބައެއް މަގުތަކުގައި ނަން ބޯޑު ހަރުކުރަން މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފަ އެވެ.

  • ސަސްމާގައި ތިބެނީ ތިން ހިއްސާދާރުން، ކުންފުނި ރަޖިސްޓްރީ ކުރީ ޖޫން 3، 2024 ގައި
  • ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުގެ ތެރޭގައި ސައިންބޯޑު މަސައްކަތް ނުހިމެނޭ
  • ރަޖިސްޓްރީކޮށްފައި ވަނީ މޯޓަރު އެޅި އެއްގަމު އުޅަނދު ވިއްކުމުގެ ވިޔަފާރި އާއި އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރަން

މަގުތައް މަރާމާތުކުރަން ގާ ގަތުން

މާލޭގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގާ ގަންނަން ހަވާލުކުރީ ވެޝި ޕްރޯ ކިޔާ ބަޔަކަށެވެ. ކޮންޓްރެކްޓުގެ އަގަކީ 3.6 މިލިއަން ރުފިޔާ އަދި މުއްދަތަކީ ފަސް ދުވަހެވެ. މިހާރު މި ގާ ވެސް ހުންނަން ވާނީ ލިބިފަ އެވެ.

  • ވެށި ޕްރޯއަކީ އަމިއްލަ މީހެއްގެ ވިޔަފާރިއެއް
  • މި ވިޔަފާރީގެ ނަން ރަޖިސްޓްރީ ކުރީ މި އަހަރު، އެއްބަސްވުމުގައި ސޮއިކުރި ފަހުން
  • މައި ވިޔަފާރިއަށް ކިޔަނީ ހިންޓް އިންވެސްޓްމަންޓް

ގުރުއާން އަދި މަދަހަ މުބާރާތް ދައްކައި، ރެކޯޑުކުރުން

މާލޭ ސިޓީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ވީޑީއޯ ރެކޯޑިން ހެދުމާއި ބްރޯޑްކާސްޓް ކޮށްދޭން ރާއްޖެ ޓީވީއަށް ދިނީ 1.6 މިލިއަން ރުފިޔާއަށެވެ.

  • ރާއްޖެ ޓީވީ ހިންގާ ރާއްޖެ ޓެލެވިޒަންގައި ތިބެނީ ދެ ހިއްސާދާރުން
  • އެއް ހިއްސާދާރަކީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގައި ހަރަކާތްތެރި އަހުމަދު ސަލީމް
  • އެންމެ ގިނަ ދުވަސްވީ އަމިއްލަ ޓީވީ ޗެނަލް

މި ތިން ކޮންޓްރެކްޓުގެ އިތުރުން، މާލެ ސިޓީ ކައުންސިލުން ޑިސެމްބަރު މަހުގެ ތެރޭގައި ހަވާލުކުރި އެހެން މަސައްކަތްތަކާ އެކީ އެ މަހުގެ ތެރޭގައި ހަވާލުކުރި މަސައްކަތްތަކުގެ އަގު 11.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮންޓްރެކްޓްތަކުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ އަދަދު އިން ސުވާލުކުރުމުން، މާލެ ސިޓީގެ މޭޔަރު ވަނީ އެ ކައުންސިލުގެ އުސޫލުތަކުގެ ތެރެއިން ހުރިހާ ކަމެއް ހިނގާ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

"ބިޑު ކޮމިޓީން [މަސައްކަތް ހަވާލުކުރުމުގެ] ކަންކަން ކުރަނީ. ހުރިހާ ކޮންޓްރެކްޓުތައް އިންޓާނަލް އޮޑިޓުން ވަކިވަކިން އޮޑިޓު ވެސް ކުރާނެ." އޭނާ ވިދާޅުވި އެވެ.

މިއީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން މިގޮތަށް ފެންމަތިވީ ފުރަތަމަ މައްސަލައެއް ނޫނެވެ. މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އަދި އޭގެ ކުރިން މޭޔަރަކަށް ހުންނެވި ޝިފާ މުހައްމަދުގެ މޭޔަރުކަމުގައި ވެސް މީގެ މައްސަލަތަކެއް ފެންމަތިވި އެވެ.

އޭރު ފެންމަތިވީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި އެވެ. ނަމަވެސް އަޑި ޕާކު މައްސަލައިގައި ޝިފާގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ފިޔަވައި (މި މައްސަލަ ކޯޓަކަށް ނުފޮނުވާ) މާލެ ސިޓީ ކައުންސިލުގެ އެހެން މައްސަލައެއް ދައުވާކުރަން ފޮނުވާ ހިސާބަށް ވެސް ނުދެ އެވެ.

މިހާރު ވެސް އޭސީސީގައި މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުން ހިންގި ކަމަށް ތުހުމަތުކުރެވޭ ވައްކަންތަކާއި ކޮރަޕްޝަންގެ މައްސަލަތައް އެެ ކޮމިޝަނުގައި ޕާކުކޮށްފައި އެބަހުއްޓެވެ. އަދި، ތަކުރާރުކޮށް އެ ކޮމިޝަންގައި ސުވާލުކޮށްގެން ވެސް މިއިން މައްސަލައެއްގައި އެ ކޮމިޝަނުން ނިންމި ގޮތެއް ސާފުވާ ގޮތެއް ނުވެ އެވެ.