20 ފެބުރުވަރީ 2026 - 16:23 0
20 ފެބުރުވަރީ 2026 - 16:23 0
ރޯދަ ހިފުމަކީ ސިއްހަތަށް ފައިދާ ހުރި ބަދަލުތަކެއް ގެނުވާ އަޅުކަމެކެވެ. ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުގެ މެޓަބޮލިޒަމް އާއި ހޯމޯންތަކަށް އަންނަ ބަދަލުތައް ދެނެގަތުމަކީ، މުޅި ދުވަހު ވަރުބަލި ކަމެއް ނެތި މަސައްކަތުގައި އުޅުމަށް ވަރަށް މުހިންމު ކަމެކެވެ.
ރޯދަ އަށް ހުންނަ ފުރަތަމަ 8 ގަޑިއިރު، ހަށިގަނޑުން ހަކަތަ ހޯދަނީ ރައްކާކޮށްފައި ހުންނަ ގްލޫކޯޒް އިންނެވެ. އެއަށްފަހު ހަށިގަނޑު "ފެޓް ބާނިން" މޯޑަށް ބަދަލުވެ، ރައްކާކުރެވިފައިވާ ސަރުބީން ހަކަތަ އުފައްދަން ފަށައެވެ. މީގެ އިތުރުން، ރޯދައިގެ ސަބަބުން ސެލްތައް އަމިއްލައަށް ސާފުކޮށް، މަރާމާތުކޮށްދޭ "އޮޓޯފަޖީ" މަރުހަލާ ހިނގައި، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުވުމަށް އެހީތެރިވެދެ އެވެ.
ގިނަ މީހުންނަށް ހީވަނީ ހާރުދަމު އެއްފަހަރާ ގިނަ އަދަދަކަށް ފެން ބޮއެލުމުން މުޅި ދުވަހު ކަރު ނުހިއްކާ ހުންނާނެ ކަމަށެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ މިއީ ކުށްހީއެއް ކަމަށެވެ. އެއްފަހަރާ މާގިނައިން ފެން ބޮއެފިނަމަ، ލޭގެ ކޮންސެންޓްރޭޝަން ދަށްވެ، ހަށިގަނޑުގައި ފެން ހިފަހައްޓައިދޭ މައިގަނޑު ހޯމޯން، އޭވީޕީގެ މަސައްކަތް ހުއްޓެއެވެ. ނަތީޖާއަކީ ގުރުދާއިން ފެން ހިފެހެއްޓުމުގެ ބަދަލުގައި، ވަރަށް އަވަހަށް ކުޑަކަމުދާ ތަކެތީގެ ގޮތުގައި ފެންތައް ބޭރުކޮށްލުމެވެ.
ކާއެއްޗެއްސާއެކު މަޑުމަޑުން ފޮދުވަރަކުން ފެން ބުއިމުން ހަށިގަނޑުގެ ސެލްތަކުގައި ހިފަހައްޓާލުމަށް ފުރުސަތު ލިބެއެވެ.
އެހެންވެ ފެން ބުއިމަށް ރަނގަޅު އާދަތަކެއް ގެންގުޅުން މުހިއްމެވެ. މިސާލެއްގެ ގޮތުން، ރޯދަވީއްލާ ގަޑީގައި 1 ނުވަތަ 2 ތަށި ފެން ބުއިމަސް ފަހު ނިދުމާ ހަމައަށް ކޮންމެ ގަޑިއަކު އެއް ތަށި ފެން ބޮވިދާނެ އެވެ. އަދި ހާރުދަމުގައި އެއްފަހަރާ ފެން ބޯލުމުގެ ބަދަލުގައި، މަދުމަދުން ފެން ބޮމުން ގެންދާށެވެ.
މިގޮތަށް އަމަލުކުރުމުން، ރޯދައަށް ހުންނަ ވަގުތު ކުރިމަތިވާ ބޯ އެނބުރުމާއި، ބޮލުގައި ރިއްސުން ފަދަ ކަންކަމުން ސަލާމަތްވެ، ހަކަތަ ހުރި ދުވެހެއް ލިބެން ފަސޭހަ ވާނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
Comment