ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވި ޖަލްސާގައި: ދެ އިންތިހާބު އެއްކޮށްލުމަކީ މުއިއްޒު ޗެމްޕިއަން ކުރައްވާ ސިޔާސަތެއް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަނުފެންނަ ވޯޓު، ކުރިއަށް ލޯކަލް ކައުންސިލު އިންތިހާބާ އެކީ ބޭއްވުމާ ގުޅޭ ގަރާރު ރައީސް މުހައްމަދު މުއިއްޒު މިއަދު ނެރުއްވައިފި އެވެ.
މުއިއްޒުގެ މި ގަރާރަކީ، މި ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލާ ގުޅިގެންނެވެ.
މި ބިލުގައިވާ ބަދަލުތައް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ގާނޫނު އަސާސީ އާއި މި ސަރުކާރުގައި އަމަލުކުރަން ފެށި ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުން މުއިއްޒުއަށް ލާޒިމުކުރެ އެވެ. އަދި، މި ބަދަލުތައް ގެނެވޭނީ ރައްޔިތުން ރުހޭ ނަމަ އެކަންޏެވެ. ފާސްނުވެއްޖެ ނަމަ ބިލު ބާތިލުވާނެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ އެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް 4، ގަ އެވެ. ރައީސް އޮފީހުން ބުނީ މި ވޯޓުގެ ކަންކަން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
Comment