15 ފެބުރުވަރީ 2026 - 21:04 1
ލީވާން އަލީ ނާސިރު
ޒަރިޔަންދު ސަޕޯޓަރުންނާއެކު -- ފޮޓޯ: އަދަދު
15 ފެބުރުވަރީ 2026 - 21:04 1
މާލޭގެ ކުނި އުކާލުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ހާއްސަކޮށް ނިކަމެތި އާއިލާތަކަށް އެ ހިދުމަތުގެ އަގު ހެޔޮކޮށްދޭނެ ކަމުގެ ޔަގީންކަން މާލޭ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދު މިއަދު ދެއްވައިފި އެވެ.
"އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ޒަރިޔަންދު ވިދާޅުވީ، މާލޭގެ ކުނި އުކާލުމަކީ ހަމައެކަނި ވެމްކޯގެ ޒިންމާއެއް ކަމަށް އާންމުންނަށް ހީވެފައި އޮތުމަކީ އޮޅުމެއް ކަމަށެވެ. ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނު ބަޔާންކުރާ ގޮތުން، މާލޭގެ ކުނި މެނޭޖުކުރުމުގެ އަސްލު ގާނޫނީ ޒިންމާ އޮތީ މާލޭ ސިޓީ ކައުންސިލަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުގައި، މިހާރު އާންމު ފަރުދަކު އަމިއްލައަށް ކުނިކޮޅެއް އުކާލަން ޖެހުނަސް އެވްރެޖްކޮށް 600 ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ކުރަންޖެހެ އެވެ. ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައި، މިއީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް ނިކަމެތިންނަށް އުފުލޭވަރުގެ ބުރައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މުއްސަނދި މީހާއަށް ކުނި އުކާލަން 1,000 ރުފިޔާ ދެއްކުނަސް، ނިކަމެތިންނަށް މިވަރުގެ ބޮޑު އަގެއް ދެއްކުމަކީ ބޮޑު ތަކުލީފެއް. ވެމްކޯއިން ނަގަމުންދާ ބޮޑު އަގު ކުޑަކުރުމުގެ އެންމެ ބޮޑު ޒިންމާ އޮތީ ސިޓީ ކައުންސިލަށް،" ޒަރިޔަންދު ވިދާޅުވި އެވެ.
މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ގެންނަވާނެ އެއް ބަދަލަކީ ސިޓީ ކައުންސިލްގެ އަމިއްލަ ކުންފުންޏެއް ނުވަތަ ސަބްސިޑިއަރީއެއް އުފެއްދުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އެއަށް ފަހު އޭނާގެ ރޭވުމަކީ މާލޭގެ ކުނި އުކާލުމުގެ މަސައްކަތް ކުރުމަށް ކައުންސިލްގެ 20 ޕަސެންޓު ހިއްސާ ހިމެނޭ ގޮތަށް ވެމްކޯއާއެކު މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޓީގެ ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތި ރައްޔިތުންނަށް ކުނި ނައްތާލުމުގައި ދިމާވާ މާލީ ދަތިތަކަށް ރިޢާޔަތްކޮށް މިވަގުތު އެ މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏާއިއެކު ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމެއްވާނަމަ، އެ އެއްބަސްވުމެއް މުރާޖާއަ ކުރަންޖެހޭ. ނުވަތަ އެފަރާތްތަކަށް ދޭ ހިދުމަތުގެ އަގު ކުޑަކުރުމުން މާލީ ގެއްލުމެއް ހިމެނޭނަމަ ވެމްކޯއާ ގުޅިގެން ސިޓީކައުންސިލްގެ 20 ޕަސެންޓު ހިއްސާ ހިމެނޭ ސަބްސިޑިއަރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ވެމްކޯއާއެކު މިހާރު ވެފައިވާ އެއްބަސްވުންތައް މުރާޖާކޮށް، ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ކުޑަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބަދަލުތައް ގެނައުމަށް ގާނޫނީ ހުރަހެއް ނެތްކަން ހާމަކުރައްވަމުން ޒަރިޔަންދު ވަނީ ލާމަރުކަޒީ ގާނޫނުގެ 75 ވަނަ މާއްދާ އާއި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ރިއާޔަތްކުރައްވާފަ އެވެ. އެ ގާނޫނުތަކުގެ ދަށުން ކުނި އުކާލުމުގެ އޮޕަރޭޝަނަލް ޕްލޭން ހަދައި، ފީ ނެގުމުގެ އިހުތިޔާރު ލިބިގެންވަނީ ސިޓީ ކައުންސިލަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ޒަރިޔަންދު ވައުދުވެވަޑައިގަތީ، އޭނާގެ މޭޔަރުކަމުގައި މާލޭގެ ރައްޔިތުންނަށް ކުނި އުކާލުމުގެ ހިދުމަތަކީ މާލީ ބުރައަކަށް ނުވާނެ ގޮތަށް ނިޒާމު ތަރުތީބުކޮށްދެއްވާނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment