about 7 hours 0
ލީވާން އަލީ ނާސިރު
about 7 hours 0
ކ. ތިލަފުށި ގުދަނެއްގައި ރައްކާކޮށްފައި ހުރި ހުއިފިލަނޑާތަކެއް ވަގަށް ނަގައި ހިޔާނާތްތެރިވި މައްސަލައަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31، ގައި ތަހުގީގުކުރަން ފެށި މައްސަލައިގައި ހިމެނޭ ހުއިފިލަނޑާތަކުގެ އަގު ދެ މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މައްސަލަ ތަހުގީގު ކުރަމުންދިޔަ އައިއޯ މަސްއޫލިއްޔަތުން އެކަހެރި ކުރުމަށްފަހު އޭނާއާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އައިއޯ މަސްއޫލިއްޔަތުން އެކަހެރިކޮށް އޭނާގެ މައްސަލަ ބަލަނީ ކީއްވެގެން ކަމެއް އެ މައްސަސާއިން ހާމައެއް ނުކުރެ އެވެ.
"ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ވަނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހުއިފިލަނޑާތަކަށް ހިޔާނާތްތެރިވި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު 29، ގައި ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކުރުމުންނެވެ.
މިގޮތުން އެތަކެތި ތިލަފުށިން މާލެ ގެނެސް މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އެ ދެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހުއިފިލަނޑާތަކުގެ ބަރުދަނުގައި ޖުމްލަ 1،438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހުރި އެވެ.
މި މައްސަލައިގައި ހިމެނޭ ހުއިފިލަނޑާތައް ނީލަމުގައި ވިއްކާލުމަށް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ނީލަމުގައި ރަޖިސްޓްރީވެވޭނެ ފަހު ތާރީހަކީ އަންނަ އާދީއްތަ ދުވަހުގެ 11:00 ކަމަށް ބުންޏެވެ.
މި ތަކެތި ނީލަމުގައި ވިއްކާލަނީ އޭގެ ވެރިފަރާތް ކަމަށް ދެ ފަރާތަކުން ދައުވާކުރާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ޕީޖީން ބުނެފައިވަނީ އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާ މުދަލުގެ ވެރިފަރާތް ކަމަށް ޝަރީއަތުން ކަނޑައަޅާ ފަރާތަކަށް ދިނުމަށެވެ.
Comment