Advertisement

މޭޔަރު އިންތިހާބު ކާމިޔާބު ކުރާނާން: ޒަރިޔަންދު

about 2 hours 0

ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި ޒަރިޔަންދު ބަޔަކާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފޭސްބުކް/ޒަރިޔަންދު


މޭޔަރު އިންތިހާބު ކާމިޔާބު ކުރާނާން: ޒަރިޔަންދު

about 2 hours 0

އޭޕްރީލް 4 ގައި ބާއްވާ އިންތިހާބުގައި މާލޭގެ މޭޔަރުކަން ކާމިޔާބު ކުރާނެ ކަމަށް، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެ އެވެ.

ޒަރިޔަންދު ވާދަކުރައްވަނީ އެންމެ ބޮޑު ދެ ޕާޓީ، ޕީއެންސީ އާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވިޔަސް ޒަރިޔަންދަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީއެންއެފުން ތާއީދުކުރެ އެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަކީ 2028 ވަނަ އަހަރުގެ ވެރިކަމުގެ ހަރުފަތެއްގެ ގޮތުގައި ބައެއް ސިޔާސީ ފަރާތްތަކުން ދެކޭއިރު، ސަރުކާރުން ދެކެނީ މިއީ ރައީސް މުހައްމަދު މުއިއްޒަށް އިތުރު ދައުރެއް ހޯދުމަށާއި ރައްޔިތުންނަށް ތަރައްގީ ކަށަވަރުކުރަން މުހިއްމު ވޯޓެއްގެ ގޮތުގައި ކަމަށް ޒަރިޔަންދު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އޭނާގެ ފޯކަސް ހުރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމަށް ނޫން ކަމަށާއި ނިޔަތަކީ މާލޭގެ ރައްޔިތުންނަށްޓަކައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

"މާލެއަކީ ހުރިހާ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަމާއެކު އުޅެވޭނެ އަމާން ބިމަކަށް ހެދުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އަމާޒު،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން އޭނާއާމެދު ވަހުމު އުފެއްދުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި، ޒަރިޔަންދު ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަމުން ދަނީ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވެފައިވާ ފަރާތްތައް ކަމަށެވެ.

"އެފަދަ ނުފޫޒުތަކަށް ދޫދިނުމެއް ނެތި، އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ހައްގުގައި،" ރޭ ގެނެސްދިން "ޓޯކްސް ވިތު ޒަރިޔަންދު" ޕޮޑްކާސްޓުގައި އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުނުކޮށް ހިފަހައްޓާއިރު، ޒަރިޔަންދު ގަބޫލުކުރައްވާ ގޮތުގައި ހުޅުމާލެއަކީ ވެސް ވަކިނުކުރެވޭނެ މާލޭގެ ބައެކެވެ. ރައްޔިތުންގެ އަސާސީ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ގާނޫނީ ޒިންމާ އޮތީ ސިޓީ ކައުންސިލަށް ކަމަށް އޭނާ ވިދާޅުވި އެވެ.