އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކައުންސިލުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސަތަކީ މާލެއަށް ބާރުތައް ޖަމާކުރުން ކަމަށް -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫގައި ޓެކްސް ފްރީ ޒޯނެއް ހިންގަން އިއުލާންކޮށް، އޭގެ ތެރޭގައި ބިމު ކުލި މާފުކުރާ ގޮތަށް ހިމަނައިގެން ސަރުކާރުން އިއުލާންކުރީ، އައްޑޫ މަރާލަން ކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އައްޑޫ ޓެކްސް ފްރީ ޒޯނު ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ ދުވަހު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ޓެކްސް އާއި ބިމުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ވިޔަފާރި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީކުރާނެ ކަމަށެވެ.
މި ނިންމުމަށް ފާޑުވިދާޅުވަމުން، އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކުރިއަށް އޮތް ލޯކަލް ކައުންސިލުގެ ކެމްޕެއިން އިވެންޓެއްގައި ނިޒާރު ވިދާޅުވީ، މިއީ އައްޑޫ ކައުންސިލަށް ބޮޑު އާމްދަނީއެއް ލިބޭ ކުލި އާމްދަނީ ހުއްޓިގެންދާ ބަދަލެއް ކަމަށެވެ. މިއީ ރިޔާސީ ބަޔާނުގައި މުއިއްޒު ދެއްކެވި ވާހަކަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސްގެ ރިޔާސީ ބަޔާނުގައި އެންމެ ނުރައްކާތެރި ކަމެއް ގޮތުގައި އޮތީ، އައްޑޫ ސިޓީއަކީ ޓެކްސް ފްރީ ޒޯނަކަށް ހަދައި ވިޔަފާރިތަކަށް ދޭ ބިންތަކުން ކުލި މާފުކުރުން،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި، ކުލި އާމްދަނީއަކީ އައްޑޫ ސިޓީގެ ކައުންސިލަށް ލިބޭ އާމްދަނީގެ 80 ޕަސެންޓެވެ. މިއީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލަށް ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާއިން އިދާރީ ހަރަދުތަކާއި ހިންގުމުގެ ހަރަދުތައް ކަނޑާފައި، ތަރައްގީ ފަދަ ކަންކަމަށް ކައުންސިލުން ހަރަދުކުރަން އޮންނަ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ލާރިކޮޅު ވެސް ނުދީ އައްޑޫ ސިޓީ އެއްކޮށް މަރުވާން ދޫކޮށްލަން އެ ނިންމަނީ." ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ މޭޔަރު ކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ނިޒާރު ވަނީ ޕީއެންސީގެ ސިޔާސަތަކީ މާލެ ސަރަހައްދަށް ބާރުތައް ޖަމާކުރުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އައްޑޫއަށް މިހާތަނަށް ތަރައްގީގެ ހިލަމެއް އައިސްފައި އޮތީ ވެސް އެމްޑީޕީގެ ސަރުކާރުތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
Comment