Advertisement

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކެމެއް އޮތަސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށް ހުޅުވައިލަނީ: މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކެމެއް އޮތަސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށް ހުޅުވައިލަނީ: މުއިއްޒު

އަނބިމީހާ ނުވަތަ ފިރިމީހާއަށް ބޯހިޔާވަހިކަމެއް ލިބިފައި އޮތް ނަމަވެސް، ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ތަގުރީރު ކުރައްވަމުން މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އޮތް އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

އެ މައްސަލައަކީ ބޯހިޔާވަހިކަން ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

"ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް އެދި ހުށަހެޅޭނެ ގޮތަށް ވަރަށް އަވަހަށް ހުޅުވައިލާނަން،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ފުރުސަތު ހުޅުވައިލަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ. ބޮޑަށް ލަފާކުރެވެނީ އެ ގޯތިތައް ދޫކުރާނީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެއިން ކަމަށެވެ.

މީގެ ކުރިން، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުން ގޮސްފައި ވަނީ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ބޯހިޔާވަހިކަމެއް އޮތް ނަމަ، ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިގެންނެވެ. މި ސަރުކާރުން ވެސް ވެރިކަމުގެ ކުރީކޮޅު އެ އުސޫލު ގެންގުޅުނެވެ.