about 2 hours 0
މުހައްމަދު ޝަހްޒާން
about 2 hours 0
ވިއްސަށްވުރެ މަދު އަދަދެއްގެ ބިދޭސީން ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ތަގުރީރު ކުރައްވަމުން މުއިއްޒު ވިދާޅުވީ 20 އަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހެދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ހަމައެއާއެކު 20 ކޯޓާއަށްވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ މިއަހަރު މާޗު މަހުން ފެށިގެން ދައްކަން ނުޖެހޭގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ބޭނުންވޭ. މިކަން ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު މި އިއްޒަތްތެރި މަޖިލީހުގެ މިހާރުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހަޅާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޮންލައިން ޕޭމަންޓު ނިޒާމައް ރާއްޖޭގައި ގާއިމުވެފައި ނެތުން ކަމަށެވެ.
ނަމަވެސް، ޕޭޕަލްގެ ހިދުމަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ދިވެހި މަލްޓި ކަރެންސީ ޑިޖިޓަލް ވޮލެޓު، ސްވައިޕް މިހާރު ތައާރަފު ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އީ ކޮމާސްގެ ވިޔަފާރި ހިންގާ އަލީ ބާބާއާއެކު، އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި ވަރަށް އަވަހަށް އެ އެއްބަސްވުމުގެ ދަށުން އަލީ ބާބާގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު 400 ވެންޑަރުންނަށް ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment