Advertisement

ގޯލްޑަން ފުޓްސަލް ޗެލެެންޖް: އޭދަފުށި ކުރިއަށްދާނީ މުޅި ޓީމުގެ ރަނގަޅު މަސައްކަތާއި ސަޕޯޓަރުންނާ އެކު

about 2 hours 0

އޭދަފުށީގެ ކޯޗު ވަސަން: ޓީމުގެ ކުޅުންތެރިންގެ މަސައްކަތާއި ސަޕޯޓަރުން ދޭ ހިތްވަރަށް ޝުކުރު އަދާކުރި.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެެންޖް: އޭދަފުށި ކުރިއަށްދާނީ މުޅި ޓީމުގެ ރަނގަޅު މަސައްކަތާއި ސަޕޯޓަރުންނާ އެކު

about 2 hours 0

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި، ބ. އޭދަފުށިން މުބާރާތުގައި ކުރިއަށްދާނީ މުޅި ޓީމުން އެކުގައި ކުރާ ބުރަ މަސައްކަތާއި ސަޕޯޓަރުން ޓީމަށް ދޭ ހިތްވަރާ އެކު ކަމަށް އެ ޓީމުގެ ކޯޗު، ތައިލެންޑުގެ ސަންޓިޕާޕް ވަސަން (ބޮސް) ބުނެފި އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެެލެންޖު ފެށުމުގެ ކުރިން ގޯލްޑަން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އޭދަފުށިން ވަނީ ބ. އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯން ތިނެއްގެ ތަށި ވެސް ދިފާއުކޮށްފަ އެވެ. ބ. އަތޮޅު ޗެމްޕިއަންކަމާއި ޒޯން ތިނެއްގެ ތަށި ހޯދީ ކޯޗު، ވަސަންގެ އިރުޝާދުގެ ދަށުންނެވެ.

އޭއެފްސީ ލެވަލް، 1، 2 އަދި 3 ވެސް ފުރިހަމަކޮށްފައިވާ ވަސަން އަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 އަހަރުވީ ތާރީހުގައި، މުބާރާތުން ފުޓްސަލް އަށް މުޅިން ހާއްސަކޮށް ބިދޭސީ ކޯޗަކަށް ފެންނަ ފުރަތަމަ ފަރާތެވެ. ޒޯން ތިނެއްގެ ފައިނަލުގައި، ކ. ގާފަރު އަތުން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ޕެނަލްޓީގައި އޭދަފުށި މޮޅުވިއިރު، ވަސަންގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަވި އެވެ.

"ސަޕޯޓަރުންނަށް ވަރަށް ބޮޑު ޝުކުރެއް. ހުރިހާ ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު ޝުކުރެއް ހައްގު، ޒުވާން ކުޅުންތެރިންތަކެއް މީގެއިން އެބަ ޑިވެލޮޕްވޭ. އެކްސްޕީރިއަންސް ވެސް ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި. މި ޓީމުގައި، ގާފަރުގައި ވެސް އެ އޮތީ ވަރަށް ރަނގަޅު ޓީމެއް. އަހަރެން ގާފަރު ކިބައިން ވެސް ކަންކަން ދަސްކުރިން،" ތައިލެންޑު އެފްއޭގެ ފުޓްސަލް އިންސްޓްރަކްޓަރު ކޯސް ވެސް ހަދާފައިވާ ވަސަން ބުންޏެވެ.

ބެޗެލާ އިން ފިޒިކަލް އެޑިއުކޭޝަން ހާސިލްކޮށްފައިވާ ވަސަން ބުނީ، ކުރިއަށް ނޮކައުޓް ބުރަށްދާއިރު، އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ދެން އޮތީ ވެސް ބުރަކޮށް މަސައްކަތްކުރުން. ގަދަ 16 ބުރުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ. އޭދަފުށީގައި ވަރަށް ވަރަށް ގިނަ މީހުން ޓީމަށް ހިތްވަރުދީ ސަޕޯޓްކުރޭ. ކޮންމެ ދުވަހަކު ހެން ޓްރެއިނިންތައް ކުރިއަށްގެންދާއިރު ވެސް މީގެ އޮތް ގޮތަކީ ރަނގަޅަށް މަސައްކަތް ކުރުން. އެއީ ކުރިއަށް ދެވޭނެ ގޮތަކީ، ބުރަކޮށް، ރަނގަޅަށް މަސައްކަތްކޮށްގެން،" އޭނާ ބުންޏެވެ.

އޭދަފުށިން ވަނީ މީގެ އެއް އަހަރު ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގެ ގަދަ 16 ބުރުގައި، މިއަދު ހަވީރު 16:00 ގައި އޭދަފުށިން ކުޅޭނީ މައްޗަންގޯޅިއާ އެވެ.

ގަދަ 16 ބުރުގެ މެޗުތައް:

16:00: ރ. ދުވާފަރު - ސ. ހިތަދޫ

16:00: ބ. އޭދަފުށި - މާލެ، މައްޗަންގޯޅި

20:00: ހދ. ނައިވާދޫ - މ. ދިއްގަރު

20:00: އއ. މަތިވެރި - ލ. އިސްދޫ

21:30: ތ. ތިމަރަފުށި - ހއ. މާރަންދޫ

21:30: ގއ. ދެއްވަދޫ - ވ. ކެޔޮދޫ

22:45: ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު

22:45: ކ. ގާފަރު - މާލެ، ވިލިމާލެ