about 2 hours 0
ނައިވާދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 2 hours 0
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ހދ. ނައިވާދޫ، ރ. ދުވާފަރު، އއ. މަތިވެރި އަދި ގއ. ދެއްވަދޫން ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.
ރޭ ކުޅެފައިވަނީ މުބާރާތުގެ ފަހު ހަތަރު ޒޯންގެ ފައިނަލް މެޗެވެ. ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫން ވަނީ 6-1 އިން ހއ. މާރަންދޫ ބަލިކޮށްފަ އެވެ. ޒޯން ހަތަރެއްގެ ފައިނަލުގައި މަތިވެރިން ވަނީ 5-2 އިން ވ. ކެޔޮދޫ ބަލިކޮށްފަ އެވެ. ޒޯން ދޭއްގެ ފައިނަލުގައި، ދުވާފަރުން ށ. ކަނޑިތީމު 2-0 އިން ބަލިކުރިއިރު، ޒޯން ހަތެއްގެ ފައިނަލުގައި ދެއްވަދޫން ވަނީ 3-1 އިން ސ. ހިތަދޫ ބަލިކޮށްފަ އެވެ.
ގައުމީ ފުޓްސަލް ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ދެއްވަދޫން ފުރަތަމަ ފަހަރަށް ޒޯން ތަށި ނެގިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު އިމްރާން (އިންމި)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި އަހްނަފް ރަޝީދު (އަހުއްކޮ) އެވެ. މެޗުގައި، ހިތަދޫގެ ހަމައެކަނި ލަނޑު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
ދެއްވަދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ޒޯން އެކެއްގެ ފައިނަލުގައި، ނައިވާދޫގެ އަބްދުﷲ ވިސާމް (ވިޝަންޓޭ) ހެޓްރިކެއް ހެދި އެވެ. މި ޒޯނުގެ އިންޑިިޖުއަލް ހުރިހާ މަގާމެއް، މޮޅު ކުޅުންތެރިޔާ އާއި ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ވެސް ވިޝަންޓޭ އެވެ. ނައިވާދޫގެ އަނެއް ލަނޑުތައް ޖެހީ ޓީމުގެ ކެޕްޓަން ޔާމިން މުހައްމަދު (ޔާންޓެ) އާއި މުހައްމަދު އަސްލަމް (މޯންޑޭ) އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މި މެޗުގައި، މާރަންދޫގެ ހަމައެކަނި ގޯލް ޖެހީ ހަސަން އަސްލަމް އެވެ.
ޒޯން ހަތަރެއްގެ ފައިނަލުގައި ކެޔޮދޫން ދެ ފަަހަރު ލީޑުނެގިއިރު، މަތިވެރިން ހިތްވަރު ދައްކައި ފަހުން މެޗުގެ ކޮންޓްރޯލް ނަގައި މޮޅުވީ އެވެ. މަތިވެރިން މި މެޗުގައި ލަނޑުތައް ޖެހީ ހައިޝަމް އަލީ، މުހައްމަދު ޒާހިދު ސައީދު (ޒާދު)، އަހުމަދު ފިރާޝް (ކަހޫ)، އަލީ އަލްސަން އަދި އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އެވެ. ކެޔޮދޫގެ އެއް ލަނޑު އަހުމަދު ރަޝީދު (އައްމަޑޭ) ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު ރަޝީދު އެެވެ.
ޒޯން ހަތަރެއްގެ މޮޅު ކުޅުންތެރިއަކަށް އަލްސަން ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހީ އައްމަޑޭ އެވެ.
ދުވާފަރުން ކަނޑިތީމު ކޮޅަށް ލަނޑުތައް ޖެހީ، އިބްރާހީމް އަނާން އަލީ އާއި އަހުމަދު އީސަ އެވެ. ޒޯން ދޭއްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ދުވާފަރުގެ ޝަންޓެ އެވެ.
Comment