Advertisement

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަނީ ސަރުކާރުން ދެކޮޅު ނުޖެހޭ ހަރަދުތައް ކުރުމަށް: އާޒިމް


ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަނީ ސަރުކާރުން ދެކޮޅު ނުޖެހޭ ހަރަދުތައް ކުރުމަށް: އާޒިމް

ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތުގެ ބޭނުމަކީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ހަރުދަތައް ކުރުމަށް ފައިސާ ހޯދުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މި މުއާމަލާތާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޕެންޝަން އޮފީހުން ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ޖުމުލަ 2.4 ބިލިއަންގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށެވެ. އެ މުއާމަލާތް ހިންގުމަށް ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ރުހުން ދީފަ އެވެ.

ގިނަ ބަޔަކު މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އާޒިމް ވެސް ވަނީ އެއީ ސީދާ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެއް ކަމަށް ވިދާޅުވެފަ އެވެ. އެމްއެމްއޭއިން މި މުއާމަލާތް ހިންގަން އެއްބަސްވި ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެމްއެމްއޭގެ މެންޑޭޓުގައި ބަޔާންކުރާ މަގުސަދު މިހާރުވެ ސް މިވަނީ ބޮޑުތަނުން ފެއިލްވެފައި. އެމްއެމްއޭ އިން 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ނިންމި ނިންމުމަކީ ގަވާއިދާ ހިލާފަށް ބޯޑުން ނިންމާފައިވާ، ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް. މިކަމުގެ ސަބަބުން، އިންފްލޭޝަނަށް މަގުފަހިވެ، މުދަލާ ހިދުމަތުގެ އަގު ވަރަށް ބޮޑުތަނުން އިތުރަށް ބޮޑުވެގެންދާނެ،" އާޒިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މި މުއާމަލާތުގެ ސަބަބުން މި އަހަރު އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް ހޯދަންޖެހިފައިވާ ފައިސާ ހޯދުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށް އާޒިމް ލިޔުއްވި އެވެ.

ސެކަންޑްރީ މާކެޓުގައި ބޮންޑުތައް ވިއްކާނީ އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ކަމަށާއި މިކަމުގެ ސަބަބުން ޕޯޓްފޯލިއޯގެ ރިޓާން އިތުރުުވާނެ ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.

މި ނޫހުން ވާހަކަ ދެއްކި ފަންނީ މާހިރުން ބުނި ގޮތުގައި، މި މުއާމަލާތަށް އެމްއެމްއޭއިން ފަންޑުކުރަނީ އެމްއެމްއޭގައި ނެތް ރިޒާވެއް ބޭނުންކޮށްގެންނެވެ. މި ހާލަތުގައި އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުވެ އެވެ. އަދި މި މުއާމަލާތުގައި ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ހަމަވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން މާހިރުން އިއްތިފާގު ވެ އެވެ.