ހަކުރު ބަލީގެ މީހުން ކޮންމެ ދުވަހަކު ކާން ޖެހޭ އެއް ބޭހަކީ މެޓްފޯމިންއެވެ. މި ގުޅަ ބޭހުގެ އަމާޒަކީ ޓައިޕް ދޭއްގެ ހަކުރު ބަލި ހުންނަ މީހުންގެ ފުރަމެއިން ހަކުރު އުފައްދައިދޭ މިންވަރު މަދުކުރުމެވެ. މިއީ މެޓްފޯމިން އުފެއްދި މައިގަނޑު މަގްސަދު ކަމަށް ވިޔަސް، މި ބޭހުން ލިބޭ އަނެއް ފައިދާއަކީ، ލޯ ފުސްވުމާއި މުސްކުޅިވުމާ ވިދިގެން ކުރިމަތިވާ ލޯއަނދިރިވާ މައްސަލަ، އޭއެމްޑީ (Age-related Macular Degeneration) އަށް ވެސް މި ބޭހުން ހެޔޮ ބަދަލުތަކެއް އައުމެވެ.
ހުޅަނގުގެ ގައުމުތަކުގައި ރެކޯޑްކުރެވިފައިވާ ލޯ އަނދިރިވުމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މި ބާވަތުގެ އަނދިރިވުމެވެ. އެހެންކަމުން މި މައްސަލައަށް ވެސް އެކަށޭނަ ފަރުވާއެއް ހޯދުމަށް ސައެންސްވެރިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.
މެޓްފޯމިން އަކީ މި މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދޭނެ ބޭހެއްކަން ސައެންސްވެރިންނަށް އެނގުނީ މި މައްސަލައަށް ބޭހެއް އުފެއްދުމަށް ކުރި ދިރާސާތަކުންނެވެ. ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ހަކުރު ބައްޔަށް މެޓްފޯމިން ބޭނުންކުރާ އުމުރުން 55 އަހަރުން މަތީގެ މީހުންނާއި އެ ބޭސް ބޭނުން ނުކުރާ މީހުންނާ އަޅައިބަލާއިރު، އެ ބޭސް ބޭނުންކުރާ މީހުންނަށް، ލޯއަނދިރިވުމުގެ މައްސަލަ ކުރިމަތިވުމުގެ ނުރައްކާ 37 އިންސައްތަ ކުޑައެވެ.
އޭއެމްޑީއަކީ ލޮލޮގެ ބިއްދޮށް ފަރާތުގައި ރެޓީނާއަށް ގެއްލުން ލިބުމުން މެދުވެރިވާ ހާލަތެކެވެ. މި ބައްޔަށް ފަރުވާ ކުރުމަށް އިނގިރޭސި ވިލާތުގައި އެކަނިވެސް އަހަރަކު 11.1 ބިލިއަން ސްޓާލިން ޕައުންޑް ހަރަދުވެއެވެ. މި ބައްޔަށް ހާއްސަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތް އިރު، ތަފާތު ބޭސްތައް ބޭނުންކޮށްގެން މި ބައްޔަށް އަންނަނީ ފަރުވާ ކުރަމުންނެވެ.
ޔުނިވަސިޓީ އޮފް ލިވަޕޫލްގެ ސައެންސްވެރިން ކުރި ދިރާސާއެއްގައި، ހަކުރު ބައްޔާ ގުޅިގެން ކުރިމަތިވާ ލޮލުގެ މައްސަލަތަކަށް ސްކްރީން ކުރުމަށް އާންމުކޮށް އަންނަ 2000 މީހެއްގެ ލޮލުގެ އެތެރޭގެ ފޮޓޯތައް ފަސް އަހަރު ވަންދެން ނަގައި އެ ފޮޓޯތައް އަޅައިކިޔައިގެން ތަހުލީލުކޮށްފައެވެ.
މި ފޮޓީތަކުން، ލޮލުގެ ރެޓީނާއަށް ގެއްލުން ލިބިފައިވާ މީހުންނާއި އެމީހުންނަށް ލިބިފައިވާ ގެއްލުމުގެ ކުޑަބޮޑުމިން ދެނެގަތެވެ. އެއަށް ފަހުގައި، ސައެންސްވެރިން ދިރާސާކޮށް އަޅައިބެލީ، މެޓްފޯމިން ބޭނުންކުރާ މީހުންގެ ރެޓީނާއަށް ލިބިފައިވާ ގެއްލުންތަކާއި އެ ބޭސް ބޭނުން ނުކުރާ މީހުންގެ ރެޓީނާއަށް ލިބިފައިވާ މިންވަރެވެ. މީގެ އިތުރުން، މި ބޭސް ބޭނުންކުރުމުގައި އުމުރުގެ ތަފާތާއި ޖިންސުގެ ތަފާތުން، ލޮލުގެ ހާލަތަށް ބަދަލުތަކެއް ފާހަގަކުރެވޭތޯ ވެސް ސައެންސްވެރިން ބެލިއެވެ.
މެޓްފޯމިން އަކީ، މުސްކުޅިވުމުން ކުރިމަތިވާ ފުސްކަމާއި ލޯ އަނދިރިވުމުގެ މައްސަލަ (އޭއެމްޑީ) އަށް ފައިދާތަކެއް ލިބޭ ބޭހެއް ކަމަށް މީގެ ކުރިން ވެސް އޮތީ ބެލެވިފައެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވުނީ ލިވަޕޫލް ޔުނިވަސިޓީގެ ސައެންސްވެރިން މިފަހުން ކުރި ދިރާސާއިންނެވެ.
މި ދިރާސާގެ ސައެންސްވެރިން ބުނި ގޮތުގައި އޭއެމްޑީގެ މައްސަލަ ކުރިމަތިވެފައިވާ ގިނަ މީހުންނަކީ އެކަމަށް އެކަށީގެންވާ ގޮތެއްގައި ފަރުވާއެއް ނުކުރާ މީހުންނެވެ. އެހެންކަމުން، މި ހޯދުނު ހޯދުމަކީ އެ ބައްޔަށް ފަރުވާއެއް ހޯދުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސައެންސްވެރިން ދެކެއެވެ. އެހެންކަމުން ކުރިއަށް އޮތް މަރުހަލާގައި ސައެންސްވެރިން މަސައްކަތް ކުރާނީ، ސީދާ އޭއެމްޑީ ހުންނަ މީހުންނަށް ފަރުވާ ކުރުމަށް މި ބޭސް ބޭނުން ކުރުމުން ނުކުންނަ ނަތީޖާ ދެނެގަތުމަށެވެ.
އެ މަސައްކަތް ސައެންސްވެރިން އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ ލެބޯޓެރީގައި، ކުރާ އަޖުމަ ބެލުމުގެ މަސައްކަތުގެ ތެރެއިންނެވެ. މިކަން ކާމިޔާބު ވެއްޖެ ނަމަ، ލޮލުގެ ފެނުން ދަށްވެފައިވާ ނުވަތަ ލޯ އަނދިރިވަމުން އަންނަ މީހުންނަށް ފަރުވާ ކުރުމަށް އެކަށޭނަ ބޭހެއް އީޖާދުކުރުމަށް މަގު ފަހިވެގެންދާނެއެވެ.
Comment