Advertisement

ރަސްމީ ދަތުރެއްގައި މުއިއްޒު މި މަހު ޖަރުމަނަށް ފުރާވަޑައިގަންނަވަނީ

މީގެ ކުރިން އޮތް ރަސްމިއްޔާތެއްގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


ރަސްމީ ދަތުރެއްގައި މުއިއްޒު މި މަހު ޖަރުމަނަށް ފުރާވަޑައިގަންނަވަނީ

ޖަރުމަނުވިލާތުގެ ރައީސް، ފްރޭންކް ވޯލްޓާ ސްޓެއިމާގެ ދައުވަތަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މި މަހު އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މުއިއްޒު ޖަރުމަނަށް ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. ހަތަރު ދުވަހުގެ އެ ދަތުރުގެ ތެރެއިން ޖަރުމަނުގެ ރައީސް، ސްޓްއިމާގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ރަސްމީ މަޝްވަރާތައް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އެ ދަތުރުގެ ތެރެއިން ޖަރުމަނުގައި ހުންނަ ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި ތަގުރީރެއް ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ޔުނިވާސިޓީގައި މުއިއްޒު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ 11، ވަނަ ދުވަހު އެވެ. އެމަނިކުފާނު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ 'ކްލައިމެޓް ޗޭންޖް ވިތައުޓް ބޯޑާސް؛ ދިވެހިރާއްޖޭގެ ތަޖުރިބާ' މި މައުލޫއަށެވެ.

އެ ތަގުރީރުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ގެންގުޅޭ އުސޫލުތަކާއި އެ ދާއިރާއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ލިބިދެވޭނެ މުހިންމު ފިލާވަޅުތަކަށް އެމަނިކުފާނު އަލިއަޅުއްވައިލައްވާނެ ކަމަށް ހަމްބޯލްޓް ޔުނިވާސިޓީން ބުންޏެވެ.

މުއިއްޒުގެ އިތުރުން އެ ބައްދަލުވުމުގައި އެ ޔުނިވާސިޓީގެ ދެ ޕްރޮފެސަރުން ކަމަށްވާ، ޕްރޮފެސަރު، މާސެލް ރޮބިޝަން އަދި ޑރ. އެކްސެލް ކްލީ ބައިވެރިވެވަޑައިގެން މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ގެންގުޅޭ ސިޔާސަތުތަކާއި، އެންމެންގެ އެއްބާރުލުމުގެ މުހިންމުކަމުގެ އިތުރުން އެކަމާ ގުޅިގެން އިލްމީ ދާއިރާއިން ކުރެވޭ އުއްމީދުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ޖަރުމަނަށް މުއިއްޒު ކުރައްވާ ދަތުރުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދަތުރުގެ ތެރެއިން ދެ ގައުމުގެ ވިޔަފާރިވެރިންނާއެކު ފޯރަމެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.