Advertisement

ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރިޔަށް ގެންދަން ޕެންޝަން ބޯޑުން ފާސްކޮށްފި

ޕެންޝަން އޮފީހުގެ ބޯޑު މެންބަރުން: ބޯޑު ބައްދަލުވުން ބޭއްވީ ވަގުތީ ޗެއާމަނަކު އައްޔަނުކޮށްގެން ---


ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރިޔަށް ގެންދަން ޕެންޝަން ބޯޑުން ފާސްކޮށްފި

ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ރުހުން ދީފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އިއްޔެގެ ވަގުތެއްގައި މިިކަން ފާސްކޮށްފަ އެވެ. އެ ބޯޑުން މިކަން ކުރީ، ވަގުތީ ޗެއާމަނަކު އައްޔަނުކޮށްގެންނެވެ. މި ނޫހުން ކުރި މަސައްކަތުން ވަގުތީ ޗެއާމަނަކަށް އައްޔަނުކުރީ ކާކުކަން ކަށަވަރުކުރެވޭ ގޮތެއް ނުވި އެވެ.

އަދަދު އިން ވަނީ މި ހަބަރު ޝާއިއުކުރުމުގެ ކުރިން ޕެންޝަން އޮފީހުގެ ބަހެއް ލިބޭތޯ ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް، ސުވާލަށް ޖަވާބެއް ދެވޭނީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް އެ އޮފީހުން މައުލޫމާތު ދިނުމުން އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ޕެންޝަން އޮފީހުން މި މުއާމަލާތަށް ފައިސާ ހޯދަނީ ހިންގަނީ ކުރިން ގަނެފައިވާ ބޮންޑުތަކެއް، އެމްއެމްއޭއަށް ވިއްކާލައިގެންނެވެ. އެމްއެމްއޭއިން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓު ކުރަނީ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށެވެ.

މިއީ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށް ބުނެ ޕެންޝަން ބޯޑުގެ ޗެއާމަނަކަށް ހުންނެވި އަހުމަދު އިނާޒާއި އެ ބޯޑުގައި ޕްރައިވެޓު ސެކްޓާ ތަމްސީލުކުރައްވަން ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ. އިނާޒާއި ސަރުވަޝް ވެސް ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު މިހާ ގޯސް ދަނޑިވަޅެއްގައި މި މުއާމަލާތުގެ ސަބަބުން ކައިރި އަދި ދުރު މުސްތަގުބަލުގައި ވެސް ނުރަނގަޅު އަސަރުތައް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން، އެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވަން ހުންނެވި އަޝްރަފް ރަޝީދާއި އެ އޮފީހުގެ ސީއެފްއޯއަކަށް ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުން ވެސް އިސްތިއުފާ ދިނީ ބޮންޑު މުއާމަލާތް ހިންގަން އުޅޭތީ އެވެ.

ތިން ފަރާތް ބައިވެރިވާ ބޮންޑު ވިއްކުމުގެ މުއާމަލާތާ ގުޅިގެން މިހާތަނަށް ސަރުކާރާއި ޕެންޝަން އޮފީހާއި އެމްއެމްއޭއިން ރަސްމީކޮށް އެއްވެސް ބަހެއް ނުބުނެ އެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ މައުލޫމާތު ދީފަ އެވެ.

ނަމަވެސް މި ނޫހުން ވާހަކަ ދެއްކި ފަންނީ މާހިރުން ބުނި ގޮތުގައި، މި މުއާމަލާތަށް އެމްއެމްއޭއިން ފަންޑުކުރަނީ އެމްއެމްއޭގައި ނެތް ރިޒާވެއް ބޭނުންކޮށްގެންނެވެ. މި ހާލަތުގައި އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުވެ އެވެ. އަދި މި މުއާމަލާތުގައި ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ހަމަވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން މާހިރުން އިއްތިފާގު ވެ އެވެ.